ތިމާ ނަމާދަށް ދަމުން އެހެން މީހަކަށް ނަމާދަށް ދިއުމަށް ދައުވަތު ދިނުމުގެ ގޮތުން ނަމާދަށް ހިނގާށޭ ބުނުމަކީ ވެސް ތިމާއަށް ސުވަރުގެ ވަދެވިދާނެ ހެޔޮކަން ބޮޑު އަމަލެކެވެ.
ބައެއް މީހުން އަބަދުވެސް އުޅެނީ ކޮށްލާނެ އައު ވައްތަރެއްގެ ހެޔޮ ކަމެއް ހޯދުމުގެ މަސައްކަތުގައެވެ. އެއީ ކުރަން އެހައި ފަސޭހަ ކަމެއް ނޫނެވެ. އިސްލާމް ދީނަކީ އަޅުކަމުގެ ގޮތުގައި ކަންކަން ހޯދައި އިތުރުކުރެވެން އޮތް ދީނެއް ނޫނެވެ. މީގެ 1400 އަހަރު ކުރިން ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަ ކުރައްވަވައި ނިންމަވައިފައެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދުނިޔެ ދޫކުރައްވަވައި ވަޑައިގެންނެވީ އަޅުކަމުގެ ގޮތުގައި ކުރަންޖެހޭ އެންމެހައި ކަންކަން ބަޔާންކޮށް ދަސްކޮށް ދެއްވަވައި ނިންމަވައިފައެވެ. އިތުރު ކަމެއް ތަޢާރަފްކޮށްފިނަމަ އެކަން ވާނީ ބިދުޢަ އަކަށެވެ.
ނުހަނު ފައިދާ ބޮޑު، އަޅުކަމުގެ ގޮތުގައި ކުރެވެން ހުރި ނުހަނު ލުއި ފަސޭހަ ކަންކަން ފެންނަން ހުރިކަމާއި މެދު ވިސްނައިވެސް ނުލައެވެ. ބަންގި ގޮވުމުން އޮތީ އަވަހަށް އިޖާބަ ދިނުމެވެ. އަވަހަށް މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރިވެވޭތޯ މަސައްކަތް ކުރުމެވެ. އެހެން ކަމުން ނަމާދަށްދާއިރު އެހެން މީހަކަށް ވެސް ނަމާދަށް ދިއުމަށް ދައުވަތު ދިނުމަކީ ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެތައް ގުނައަކަށް އުފުލިގެންދާނެ ކަމެކެވެ. އެކަމުގެ ސަބަބުން ތިބާ އެކަމަކަށް އެދި އެންބޮޑަށް މަސައްކަތް ކުރަމުން ތިއަ ގެންދާ ސުވަރުގެ ވަނުމަށް ވަރަށް ބޮޑަށް ފުރުޞަތު ފަހިވެގެންދާ ކަމެކެވެ. ހަމަ އެއާއިއެކު އެހައި ފަސޭހައިން ކޮށްލެވެން އޮތް ކަމެކެވެ.
އަޅުކަން ކުރުމުގައި ފަސޭހައިން ކުރެވެން ހުރި ކަންކަން ކުރަން އިސްކަން ދޭށެވެ! އެހެން ކަންކަން އެކަންކަމުގެ ފަހަތުން ގެންނާށެވެ! ނޫންނަމަ ގިނަ ފަހަރަށް އޮންނާނީ އެއްވެސް ކަމެއް ނުކުރެވިފައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން