އަލްކޮހޯލް ހިމެނޭ ގޮތަށް ހަދާފައި ހުންނަ ލޯޝަން، ސެންޓު ފަދަ ތަކެތި ބޭނުން ކުރުމަކީ ހުއްދަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
އަލްކޮހޯލް ހިމެނޭ ގޮތަށް ހަދާފައި ހުންނަ ލޯޝަން، ސެންޓު ފަދަ ތަކެތި ބޭނުން ކުރުމަކީ ހުއްދަ ކަމެއްތޯ؟
"އަލްކޮހޯލް ހިމެނޭ ގޮތަށް ހަދާފައި ހުންނަ ރީތިވުމަށް ބޭނުންކުރާ ލޯޝަން، ސެންޓު ފަދަ ތަކެތި ބޭނުން ކުރުމަކީ ހުއްދަ ކަމެއްތޯ؟ އަލްކޮހޯލްއަކީ މަސްތުވާ އެއްޗެކެވެ. ކޮންމެ މަސްތުވާ އެއްޗަކީ ރަލެކެވެ. އަލްކޮހޯލް އާއި ގުޅިފައިވާ ދެ ކަމެއްވެއެވެ. އެއީ ނަޖިސް އެއްޗެއްތޯ؟ ނުވަތަ ނޫންތޯ؟"

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه, أما بعـد:

ފުރަތަމަ މައްސަލައިގައި ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ އެއީ (ރަލަކީ) ހިއްސީ ނަޖިހެއް ކަމަށެވެ. މާނައަކީ ހަށިގަނޑުގައި ރަލުގެ ތިއްކެއް ނަމަވެސް ޖެހިއްޖެ ނަމަ އެތަނެއް ދޮވެ ސާފުކުރަން ޖެހޭނެ ކަމަށެވެ. އަލއަހްލާމާ-ޞާލިޙުލް އުސައިމީން ރަޙިމަހުﷲ ބުރަވެވަޑައިގަންނަވަނީ އެއީ މައުނަވީ ނަޖިހެއް ކަމަށެވެ.

ދެވަނަ މައްސލައިގައި، ބޜސް ނުވަތަ ކާނާގެ ތެރެއަށް އަލްކޮހޯލް އަޅައި އެހެން އެއްޗެއްސާއި މިކްސްވެފައި ހުންނައިރުގައި، އަލްކޮހޯލްގެ އަސަރު ހުންނަނީ ކިހައިވަރަކަށްތޯ ބަލަންޖެހެއެވެ. މިފަދަ ތަކެތީގައި އަލްކޮހޯލްގެ އަސަރު ފައުޅުކޮށް ފެންނަން ހުރިނަމަ، އެތަކެތި ބޭނުންކުރުން ޙަރާމްވާނެއެވެ. އަދި އަލްކޮހޯލްގެ އަސަރެއް ފެންނަން ނެތްކަމަށް ވަނީ ނަމަ އެތަކެތި ބޭނުންކުރުން ހުއްދަ ވާނެއެވެ. މިކަމުގެ ދަލީލަކީ ފެނަށް ނަޖިހެއް ވެއްޓި ފެންގަނޑު ތަޣައްޔަރު ނުވާކަމަށް ވަނީނަމަ އެފެންގަނޑަކީ ތާހިކރު އެއްޗެއް ކަމުގައި ހުރިހާ އިލްމުވެރިން އިޖުމާޢުވެވަޑައިގަތުމެވެ.

ހަމައެކަނި އަލްކޮހޯލް ބޭނުންކުރުމާއި އޭތި އެހެން އެއްޗަކާއި އެއްކޮށްގެން ބޭނުން ކުރުމާއި ވަރަށް ތަފާތެވެ. ހުސްއެކަނި އަލްކޮހޯލް ބޭނުންކުރުމަކީ ޙަރާމް ކަމެކެވެ. ކތަންމެ ކުޑަމިންވަރެއް ވިއަސްވެސްއެވެ.

ނަމަވެސް އަލްކޮހޯލް އެހެން އެއްޗަކާއި އެއްވެއްހެނަމަ ބަލަން ޖެހޭނީ އެއިގެ ތާސީރަށެވެ. ތާސީރު ފެންނަން ހުރި ކަމަށް ވަނީނަމަ ޙަރާމްވާނެއެވެ. ތާސީރު ފެންނަން ނެތިއްޖެ ނަމަ ހުއްދަވާނެއެވެ.

އެހެންކަމުން ސުވާލުގައި އައިސްފައިވާ މައްސަލައިގައި ބުނަން އޮތީ މިކަމުގައި ބަލަން ޖެހޭނީ ތިއަ ބޭނުންކުރައްވާ ލޯޝަނާއި ސެންޓާއި އަދި މިނޫންވެސް ތަކެތީގައި އަލްކޮހޯލުގެ އަސަރު ފެންނަން ހުރިކަމަށް ވަނީނަމަ ޙަރާމްވާނެއެވެ. އަސަރު ފެންނަން ނެތްނަމަ އެތަކެތި ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. އަދި މީގެ އިތުރުންވެސް މިމައްސަލައިގައި ބައެއް އިލްމުވެރިން މުތުލަޤްކޮށް ހުއްދަކުރައްވައެވެ. އެބޭފުޅުން ވިދާޅުވަނީ ސެންޓު، ލޯޝަން ފަދަ ތަކެތީގައި ބޭނުންކޮށްފައިވާ އަލްކޮހޯލަކީ މުޅިން އެހެން ބާވަތެއް ކަމެވެ. އަދި އެއީ ބައެއް ކެމިކަލްތައް ބޭނުންކޮށްގެން އުފައްދާ މާއްދާއެއް ކަމުގައެވެ. والله أعلم
މިއަދު އޮންލައިން