ކޮންމެ ކަމެއް ކުރަމުން އަސްތަޣްފިރުﷲ ކީ މީހެއްގެ ހުރިހާ ދުޢާ އެއް އިޖާބަ ކުރެއްވެވި ގޮތުގެ ވާހަކަ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 16ސ
ކޮންމެ ކަމެއް ކުރަމުން އަސްތަޣްފިރުﷲ ކީ މީހެއްގެ ހުރިހާ ދުޢާ އެއް އިޖާބަ ކުރެއްވެވި ގޮތުގެ ވާހަކަ.
އާޚިރަތް ދުވަހު ސަލާމަތްކަން ޔަޤީންވާން އޮތީ 2 މަގެވެ. އެތަނުން 1 މަގު ވަނީ ބަނދުވެފައެވެ. އަދިވެސް އެއް މަގު އޮތީ ތަނަވަސްކަމާއިއެކު ހުޅުވާލެވިފައެވެ. ނަމަނަމަ އެ މަގު ދޫކޮށް ނުލާށެވެ! އެމަގުގައި ކުރިއަށްދާން ކުރެވެން އޮތް ހުރިހާ މަސައްކަތް ތަކެއް ކުރަމުން ގެންދާށެވެ.

ފުރަތަމަ މަގަކީ އެމީހަކަށްޓަކައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހެޔޮ ދުޢާ ކޮށް ދެއްވެވުމެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ވަނީ މީގެ 1400 އަހަރު ކުރިން ދުނިޔެ ދޫކުރައްވައިފައެވެ. އެހެންކަމުން އެ ހިސާބުން އެ ފުރުޞަތު މިވަނީ ގެއްލިފައެވެ. އެއީ ދެން ލިބެން އޮތް ފުރުޞަތެއް ނޫނެވެ. އެހެންވީމާ އެ ފުރުޞަތު މިވަނީ ބަންދުވެފައެވެ.

ދެވަނަ މަގަކީ އަސްތަޣްފާރުކުރުމެވެ. ފާފަފުއްސެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ. ތައުބާވުމެވެ. އެކަން ކުރުމުގެ ދޮރު ދުނިޔެ މިހެން އޮތްހައި ދުވަހަކު އޮންނާނީ ހުޅުވައިލެވިފައެވެ. އެ ދޮރު ބަންދުވެގެންދާނީ ޤިޔާމަތް ވުމަށް ފުމެލެވޭ ތާޅަފިއްޔާއިއެކުގައެވެ. ހުޅަނގުފަރާތުން އިރު އެރުމުންނެވެ. ޤިޔާމަތް ވުމުގެ ވަގުތު ލައިގަތުމުންނެވެ.

އިސްވެ ދިއަ ފާފަތަކާއި ކުރެއްވެވެން ހުރި ފާފަތައްވެސް ﷲ ތަޢާލާ ވަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުއްސަވައި ދެއްވަވައި އެކަން އިތުރު މާތް ނަބިއްޔާ (ޞޢވ) އަށް އަންގަވައިފައެވެ. އެހެންކަމާއިއެކުވެސް ކޮންމެ ދުވަހަކު އިތުރު މާތް ނަބިއްޔާ (ޞޢވ) ގެންދެވީ އެތައްފަހަރަކު އަސްތަޣްފާރުކުރައްވަވަމުންނެވެ. ތައުބާވެވަޑައިގަންންވަމުންނެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދިވަޑައިގެން ދުޢާ ކުރައްވަމުންނެވެ. މިކަންކަން ކޮންމެ ދުވަހަކު 100 އަށްވުރެ ގިނަ ފަހަރު ކުރެއްވެވިކަން ސާބިތެވެ.

ވީމާ ކިތަންމެ ބުރަކޮށް މަސައްކަތުގައި އުޅުނު ނަމަވެސް އަސްތަޣްފާރުކުރުން ގިނަ ކުރާށެވެ! ތައުބާ ޤަބޫލުފުޅު ކުރެއްވެވުން އެދި އާދޭސް ދަންނަވާށެވެ!

އިސްލާމީ އެންމެ މަތީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޙަސަނުލް ބަޝްރީ ދަރިވަރުންނާއިއެކު އިންނަވަނިކޮށް މީހަކު އައިސް ދެންނެވިއެވެ. "ޝައިޚް އެވެ. އަޅުގަނޑުމެންގެ ރަށަށް ވާރޭ ނުވެހުމުގެ ސަބަބުން ވަރަށް ދަތިވެއްޖެއެވެ. ކުރާނެ ކަމެއް ވިދާޅުވެ ދެއްވާށެވެ." ޖަވާބުގައި ވިދާޅުވީ ތައުބާވުން ގިނަ ކުރާށެވެ.

ދެވަނަ މީހަކު އައިސް ދެންނެވިއެވެ. "އަޅުގަނޑުމެންގެ ރަށުގައި ހައިހޫނުކަން ޢާންމުވެއްޖެއެވެ. ކުރާނެ ކަމެއް ވިދާޅުވެ ދެއްވާށެވެ." ޖަވާބުގައި ވިދާޅުވީ ތައުބާވުން ގިނަ ކުރާށެވެ.

ތިނަވަނަ މީހާ އައިސް ދެންނެވިއެވެ. "އަޅުގަނޑަށް މިއުޅެނީ ދަރިއަކު ނުލިގެންނެވެ. ކުރާނެ ކަމެއް ވިދާޅުވެ ދެއްވާށެވެ." ޖަވާބުގައި ވިދާޅުވީ ތައުބާވުން ގިނަ ކުރާށެވެ.

އެހިނދު ދަރިވަރުންތައް ދެންނެވިއެވެ. ކޮންމެ ބަލި މީހަކަށް އެއް ބޭހެއްދޭ އުޞޫލުން ހަމަ ކޮންމެ މީހަކަށް އެއް ޖަވާބެއް ތިއަ ދެއްވެވީ ކީއްވެގެންތޯއެވެ. ޖަވާބުގައި ވިދާޅުވީ މިއީ ކީރިތި ޤްރްއާނުން އެނގެން އޮތް މަގު ކަމަށެވެ. ތައުބާވުން ގިނަ ކުރުމަކީ އުޑުން ރަޙްމަތްތައް އޮއްސަވައި ދެއްވަވާނެ ސަބަބެއް ކަމަށް ﷲ ތައާލާ ވަނީ ވަޙީ ކުރައްވަވައިފައެވެ. ވީއިރު ދެން ކުރަންވީ އެހެން ކޮން ކަމެއް ހެއްޔެވެ؟

ކުޑަ ވާހަކައެއް ކިޔައިދެން ހެއްޔެވެ؟ އިމާމް އަޙްމަދު ޤައުމުން ބޭރުކޮށްލެވުމުން ވަޑައިގެން ރަށެއްގެ މިސްކިތުގައި މަޑުކޮށް ލެއްވެވިއެވެ. މިސްކިތް ބަލަހައްޓާ މީހާ މިސްކިތުން އެކަލޭގެފާނު ބޭރުކޮށްލިއެވެ. އަދި މިސްކިތުގެ ދޮރުން ބޭރުގައި އިށީނދެވަޑައިގަތުމުން އެތަނުގައިވެސް ނުއިންނެވޭނެ ކަމަށްބުނެ ފައިން ތަޅަމުން މަގުމައްޗަށް ނެރެލިއެވެ. (އެމީހާއަށް މިއީ އިމާމް އަހްމަދު ކަމެއް ނުއެނގި ހުރެއެވެ.)

އެވަގުތު އެތަން ފެނުނީ ބޭކަރީއެއް ހިންގާ މީހަކަށެވެ. އެމީހާގެ ހިތަށް ހަމްދަރުދީ ވަދެ އޭނާގެ ބޭކަރީގައި މަޑުކޮށްލެއްވުމުގެ ފުރުޞަތު އެރުވިއެވެ.

އެތަނުގައި މަޑުކޮށްލައްވައިގެން އިންނެވިއިރު ފާހަގަ ކުރެއްވެވުނު ކަމަކީ އެމިހާ ކޮންމެ ކަމެއް ކުރަން ފަށަމުން އަސްތަޣްފިރުﷲ ކިޔާކަމެވެ. އެހިނދު އިމާމް އަޙްމްދު ސުވާލު ކުރެއްވެވިއެވެ. "ތިބާ ތިއަ ގޮތަށް އަސްތަޣްފިރުﷲ ކިޔާތާ ކިހައި ދުވަހެއް ވެއްޖެ ހެއްޔެވެ؟" ޖަވާބުގައި އޭނާ ދެންނެވީ ވަރަސް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. "އެކަމުން ތިބާގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް އަތުވެއްޖެތޯ؟" ސުވާލު ކުރެއްވެވުމުން އޭނާ ދެންނެވީ އެނާ ކުރާ ދުޢާތަކުގެ ތެރެއިން އެންމެ ދުޢާއެއް ފިޔަވައި އެހެން ހުރިހާ ދުޢާއެއް ﷲ ތަޢަލާ އިޖާބަކޮށް ދެއްވަވާފައިވާ ކަމަށެވެ.

"އިޖާބަ ނުކުރައްވަވައި އޮތް ދުޢާ އަކީ ކޮބައިތޯ" ސުވާލުކުރެއްވުމުން ދެންނެވީ އެއީ އިމާމް އަޙްމަދާއި ބައްދަލު ކުރެއްވެވުން އެދި ކުރަމުންދާ ދުޢާ ކަމަށެވެ. އިމާމް އަޙްމަދު ވިދާޅުވިއެވެ. "އަހަރެންގެ ނުޤަބޫލުގައި ޤައުމުން ބޭރުވާން މިޖެހުނީ ތިބާގެ ތިއަ ޛިކުރުންނެވެ. މިސްކިތުގައި އިންދައި ފައިންތަޅައި މަގުމައްޗަށް އެއްލައި ލެވުނީ ވެސް ހަމަ ތިއަ ޛިކުރުންނެވެ."

އެހިނދު ބޭކަރީގެ ތަޅުންގަނޑުގައި މަޑުކޮށްލެއްވެވުމުގެ ފުރުޞަތު އެރުވިފައި މިވަނީ އަދި އޭނާއަށް މި ވާހަކަ ދެއްކެނީ އިމާމް އަޙްމަދާއިކަން އެނގުމުން އޭނާ ދުވެފައި އައިސް އިމާމް އަހްމަދުގެ ހަށިކޮޅުގައި އޮޅުލައިގަތެވެ.

މީސްތަކުންނޭވެ! ގިނަގިނައިން އަސްތަޣްފިރުﷲ ކިޔައި ތައުބާވމުން ގެންދާ މީހާގެ ދުޢާ ﷲ ތަޢާލާ އިޖާބަކޮށް ދެއްވަވަނީ މިފަދައިންނެވެ. ތިއަ ބައި މީހުން ވީހައި ގިނަގިނައިން ތައުބާވާށެވެ! ހުރިހާ ކަމެއް ދާނީ ފުރިހަމަވަމުންނެވެ. ތިއަބައިމީހުންގެ ދުޢާތައް ދާނީ އިޖާބަވަމުންނެވެ. ރަހްމަތްފުޅު ދާނީ އޮހެމުންނެވެ.

- އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން



މިއަދު އޮންލައިން