އިސްލާމް ދީން ބާވައިލެއްވެވުނު ދުވަސްވަރަކީ މަސައްކަތްކުރަންޖެހޭ ގަޑި ކަނޑއަޅައިގެން މަސައްކަތް ކުރި ދުވަސްވަރެއް ނޫނެވެ. އެމީހަކު ބޭނުން އިރަކު މަސައްކަތްކޮށްފައި ހުއްޓައިލަނީ އެވެ. އެހެންކަމުން ދީނުގެ ކަންކަމުގައި ހޭދަކުރަން ވަރަށް ގިނަ ވަގުތު ލިބެއެވެ.
ނަމަވެސް މިއަދުގެ ޙާލަތަށް ބަލައިފިނަމަ މަދުވެގެން 8 ގަޑިއިރު މަސައްކަތް ކުރަންޖެހެއެވެ. ގޮސް އައިސް ވުމަށް އިތުރު ގަޑިއެއްހައިއިރު އެބަ ނަގައެވެ. ޒަމާނީ ކެއުން ބުއިމަށާއި އެހެނިހެން ކަންކަމަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހެއެވެ. މަޖުބޫރު (ފަރުޟު) އަޅުކަން 5 ފަހަރު އަދާކުރުމަށް ވެސް ވަގުތު ހޭދަކުރަން ޖެހެއެވެ.
ނަތީޖާއަކީ ދީނުގެ ކަންކަމާއި އުޅޭނެ ވަގުތު މަދުވުމެވެ. ދިރާސާ ކުރުމާއި ކަންކަން ދަސްކުރާނެ ވަގުތު މަދުވުމެވެ. ދީނުގެ ކަންކަމަށް ޢަމަލުކުރާނެ ވަގުތު މަދުވުމެވެ.
މިފަދަ ސަބަބުތަކަށްޓަކައި ވަގުތު ތިލަފަތް ހަމަވާ ގޮތަށް ބޭނުންކުރާނެ ގޮތަކާއިމެދު ވަރަށް ގިނަ ބައަކު ސުވާލުކުރެއެވެ. ދިރިއުޅެން މަސައްކަތް ކުރާ ވަގުތާއި އެއް ވަރަށް ދީނުގެ ކަންކަމުގައި އުޅޭނެ ވަގުތު ހޯދާނެ ގޮތަކާއި ބެހޭ ގޮތުން ސުވާލު ކުރެއެވެ. ދީނުގެ ކަންކަމުގައި އުޅޭނެ ވަޤުތު މަދުވުމުން ޢަޤީދާ ބަލިކަށިވާތީ ކަންބޮޑުވާ ވާހަކަ ދައްކައެވެ.
މިފަދަ މީހުން ޢަމަލުކުރަންވީ ގޮތް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އަހަރެމެންނަށް ދަސްކޮށް ދެއްވަވައިފައެވެ. އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އަންގަވާފައިވަނީ ކީރިތި ޤްރްއާނާއި އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ސުންނަތުގައި ހިފެހެއްޓުމަށެވެ.
އެއިގެ މާނައަކީ މުޞްޙަފެއްގައި ބާރަށް ހިފަހައްޓައިގެން ހުރުމެއް ނޫނެވެ. ވެއްޓިއްޖެ ނަމަ ނަގައި ބޮސްދިނުމެއް ނޫނެވެ. އެއިގެ މާނައަކީ ކުރާ ކޮންމެ ކަމެއް ކީރިތި ޤްރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތަށް ކުރުމެވެ. ސުންނަތަޢް ޢަމަލުކުރުމެވެ.
"މިއީ އެފޮތެވެ. އެ ފޮތާއިމެދު ޝައްކެއް ނެތެވެ. (މިފޮތަކީ) ތަޤްވާވެރިންނަށް ހުރި ހިދާޔަތެކެވެ." (ބަޤަރާ ސޫރަތުގެ 2 ވަނަ ޢާޔަތް)
މިހާރު އުފެދިގެން މިއުޅޭ މައްސަލައަކީ ކީރިތި ޤްރްއާން ފަށައިގަތުމުގައި އޮތް މި އާޔަތް ﷲ ބާވައިލެއްވެވިކަން ހަނދާން ވެސް ނެތުމެވެ. މިއާޔަތުގައި ﷲ އަހަރެމެންނަށް ގަދައަޅުއްވަވައި އަމުރު ކުރައްވަވާފައި އެވަނީ ކީރިތި ޤްރްއާނުގައި ބަޔާން ވެގެންވަނީ ކޮންމެ ކަމެއްގެ ވެސް އެންމެ ރަނގަޅު ގޮތް ބަޔާންވެގެންވަނީ މި ފޮތުގައި ކަމާއި އެކަމަށް ޝައްކުވެސް ނުކުރުމަށެވެ. ކީރިތި ޤްރައާނަކީ ހަޔާތުގެ ކޮންމެ ކަމަކަށް އެންމެ ފުރިހަމަ ގޮތުގައި މަގު ދައްކައިދޭނެ ދަންމަރު ކަމެވެ.
ދެން މިވާ ގޮތަކީ މިއާޔަތް މަތިން ހަނދާން ނައްތާލައި އަމިއްލަ ގޮތްތައް ކުރިއަށް ނެރެނީއެވެ. ފާޑުފާޑުގެ ޤާނޫނުތަކާއި އުޞޫލުތައް އަމިއްލައަށް ހަދަނީއެވެ. ނަތީޖާއަކަށްވަނީ ދިރިއުޅުމުގެ ހުރިހާ ކަމެއް މަގުން ކައްސާލައިގެން ދިއުމެވެ.
އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ޤްރްއާނުގައި ހިފަހައްޓައި އަމަލުކުރަން އުނދަގޫވަނީއެވެ. އަމަލުކުރަން ފަސޭހަވާ ގޮތަށް އަމިއްލައަށް ޤަވާއިދުތައް ހަދަނީ އެވެ. އެގޮތަށް ކަންތައްތައް ކުރުމުން މަގު ގެއްލިގެންދަނީއެވެ.
އެހެން ނުހަދާށެވެ. ކުރާ ކޮންމެ ކަމެއްގައިވެސް އިތުރު މާތް ނަބިއްޔާ (ޞޢވ) ބަޔާންކޮށް ދެއްވެވި ފަދައިން ކީރިތި ޤްރްއާނާއި ސުންނަތުގައި ހިފަހައްޓައި ސާބިތުވާށެވެ! ޢަމަލުކުރާށެވެ. އެއިރުން ތިލަފަތް ދާނީ ހަމަ އޮޓޮމެތިކުން ހަމަހަމަވަމުންނެވެ.
- ޑރ. ބިލާލް ފިލިޕްސްގެ ދަރުސަކުން