الحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
ނަމާދަށް އަރާއިރު ރީތިވެ ޒީނަތްތެރިވުމަށް މާތް ﷲ ވަނީ އަންގަވައިފައެވެ. އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަވާފައިވެއެވެ.
يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ
މާނައީ "އޭ އާދަމުގެ ދަރިންނޭވެ! ތިއަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!"
ނަމާދަށް ޒީނަތްތެރިވުމަކީ އަޢުރަ ނިވާކުރުމުގެ އިތުރުން އައިސްފައިވާ އަމުރުފުޅެކެވެ. އަންހެނަކަށް އެކަނބަލުންގެ މަހްރަމުން ނުވަތަ ޙަރާމް މީހުންގެ ކުރިމަތީގައި ބޯ ނިވާ ނުކޮށް ތިބުން ހުއްދަވާ އިރުގައިވެސް ނަމާދުގައި ބޯނިވާ ކުރުމަށް އަންގަވާފައިވަނީ އެހެންވެގެންނެވެ.
ޝައިޚުލް އިސްލާމް އިބްންތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. "ނަމާދަށް ޒީނަތްތެރިވުމަކީ އަޢުރަ ނިވާ ކުރުމުގެ އިތުރުން އައިސްފައިވާ އަމުރުފުޅެކެވެ. މިކަމުގެ ދަލީލަކީ ޤްރްއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއެވެ.
يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ
މާނައީ "އޭ އާދަމުގެ ދަރިންނޭވެ! ތިއަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!"
މިއާޔަތް ބާވައިލެއްވެވުމުގެ ސަބަބަކީ މައްކާގެ މުޝްރިކުން ޢައުރަ ނިވާނުކޮށް ތިބެ ކަޢްބާ ވަށައިގެން ޠަވާފް ކުރުމެވެ. މިއިން ދޭހަވަނީ ﷲއަށް އަޅުކަން ކުރުމަށް އަންނަ ވަގުތުގައި އަުރަ ނިވާކުރުމުގެ އިތުރުން ޒީނަތްތެރިވާން ޖެހޭނެ ކަމެވެ. އެހެން ކަމުން މިއާޔަތުގައި އަިސްފައިވަނީވެސް "ޒީނަތު"ގެ ލަފުޒެވެ. ޢައުރަ ނިވާކުރުމުގެ ލަފުޒެއް ނޫނެވެ.
ސުންނަތުގެ ދަލީލަކީ:
ރަސޫލް (ޞޢވ) ޙަދީޘްކުރެއްވެވިއެވެ.
لا يقبل الله الصلاة حائض إلا بخمار
މާނައަކީ: "ބާލިޣްވެގެންވާ އަންހެނެއްގެ ނަމާދު ޚިމާރަކާއި އެކު މެނުވީ- ބޯނިވާކުރުމާއި އެކު މެނުވީ، ﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެ އެވެ.
ނަމާދަށް އަރާއިރުގައި ޒީނަތްތެރިވުމަކީ ވާޖިބު ކަމެއް ކަމުގައި ދަންނަބޭކަލުން އިޖުމާޢުވެލައްވައެވެ. ވީމާ ނިދާ ހެދުން ލައިގެން ނަމާދުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި އެތެރެއިން ލާފައި ހުންނަ ހެދުން ބޭރަށް ފެންނަން ހުރުމަކީ ޢައިބު، ޒީނަތްތެރިކަމުން ބޭރުވާ ކަމެކެވެ.
والله أعلم
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ނިދާ ހެދުން ލައިގެން ނަމާދުކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟" ކޮށްފައިވާ ސުވާލުގެ ޖަވާބުގައެވެ.