ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ 8 މެމްބަރުންގެ މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމައިދޭން މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ސްޕްރީމް ކޯޓް ގައި އެދިވަޑައިގެންފިއެވެ.
މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަށް އެޖެންޑާ ކޮށްފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ބާއްވާ ޖަލްސާގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މެންބަރުންގެ ގޮޑިއާ މެދު ގޮތެއް ނިންމަވައި ދެއްވުމަށް އެދި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަށް މޫސަ ސޮއިކުރައްވައި ސިޓީ އެއް ފޮނުވާފައިވާނެ ކަމަށެވެ.
މޫސާ މަނިކު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިއަދު މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އެމައްސަލަ ކުރިޔަށް ގެންދަން ޖެހޭނީ މަޖިލީހުގެ ނައިބް ރައީސް ކަމަށެވެ.
މަޖިލީހުގެ ހުރިހައި މެމްބަރުންނާއެކު މަޖިލިސް ބޭއްވުމަކީ ރިޔާސަތުގެ ޒިންމާއެއް ކަމަށާއި، މަޖިލީހަށް ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ލިިބިފައިވުމާއި، އެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމަށް މީހަކު އިންތިހާބު ކުރުމަކީ، މަޖިލީހުގެ ނައިބް ރައީސްގެ މައްސޫލިއްޔަތެއްކަމަށްވާތީ، ހުރިހާ މެމްބަރުންނަށް ބައިވެރިވެވޭގޮތަށް އެ ޖަލްސާތައް ކުރިޔަށްގެންދިއުމަށްޓަކައި ޝަރުއީ ކޯޓުތަކުން ބަލަމުންދާ މެމްބަރުކަމާއި މެދު ހިލާފު އުފެދިފައިވާ ހުރިހާ މައްސަލައެއްގައި ފައިސަލާކުރަނިވި ހުކުމެއް އެ ޖަލްސާތަކުގެ ކުރިން އިއްވައިދިނުމަށް މޫސާ މަނިކު ވަނީ އެދިފަ އެވެ.
މީގެއިތުރުން އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަށް މަޖިލީހުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމަކަށް ނުވާއިރު މަޖިލީހުގެ އެއްވެސް މެންބަރަކަށް ބައިވެރިނުވެވޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ބޭއްވުމަކީ ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އިން ރައްޔިތުންނަށް ދީފައިވާ ބާރު އެންމެ ހެޔޮގޮތުގައި ތަމްސީލް ކުރުން ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.