އަޅުގަނޑާ މިހާތަނަށް ހަވާލުކުރި މަސައްކަތަކީ ރިޔާސަތުގެ ސްޓޭޖް އުސްކޮށް ފެންސެއް ޖެހުން: މުސާ މަނިކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަޅުގަނޑާ މިހާތަނަށް ހަވާލުކުރި މަސައްކަތަކީ ރިޔާސަތުގެ ސްޓޭޖް އުސްކޮށް ފެންސެއް ޖެހުން: މުސާ މަނިކު
މަޖިލީހުގެ ނައިބް ރައީސް ކަމުގެ މަޤާމުގައި ހުންނަވައި 5 އަހަރު ފުރިގެނަދާއިރު މިހައިތަނަށް އެމަނިކުފާނާއި ހަވާލުކުރެވުނު ހަމައެކަނި މަސައްކަތަކީ މަޖިލީހުގެ ރިޔާސަތު ކުރުމާއި ރިޔާސަތު ވަށައިގެން ފެންސެއް ޖެހުން ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ މީގެ އިތުރުން އެމަނިކުފާނާއި ހަވާލުކުރަނީ މަޖިލީހުގެ ރައީސް ނުއިންނަވާ ވަގުތުތަކުގައި ރިޔާސަތު ބެލެހެއްޓުން ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ މަޖިލީހުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެއެބަހުރި ކަމަށާއި އެކަންކަމުގެ އިތުރުން އިއްޔެ ހުށަހެޅި 2 މައްސަލަ ޢާއި މިދެ ދުވަހުގެ ތެރޭގައި މެންބަރުން ހުށަހަޅާފައިވާ ބިލްތައްވެސް އެބަހުރި ކަމަށެވެ. ހަމައެއާއިއެކު އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އިންތިޒާމުކުރުމުގެ ކަންކަން ކުރަންޖެހެނީ މަޖިލީހުން ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ މަޖިލިސް އެކުލެވިގެންވަނީ 85 އިންތިޚާބީ ދާއިރާގެ މައްޗަށް ކަމަށްވުމުން އެހުރިހާ ދާއިރާތައް ތަމްސީލުކުރާ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންގެ މައްސަލަތަކަށް ވީހައި އަވަހަކަށް ގޮތެއް ނިންމަވައިދެއްވުމަށް ސްޕްރީމް ކޯޓުގައި އެދިވަޑައިގަތީ ވެސް އެސަބަބަށްޓަކައި ކަމަށެވެ. "އަޅުގަނޑު ބޭނުންވަނީ މަޖިލީހުގެ ޖަލްސާތައް އަންނަ އާދީއްތަ ދުވަހު ފެށިގެންދާއިރު ހުރިހާ މެންބަރުން ހަމައަށް ތިބުން."

މޫސާ މަނިކު ވަނީ އަންނަ އާދީއްތަ ދުވަހު ބާއްވާ ޖަލްސާގައި އިންތިޚާބީ ރައީސް އާއި ނައިބް ރައީސް އަދި މަޞީޙް އާއިމެދު ހިތްހަމަ ނުޖެހިގެން މިހާރު ޖަލްސާތަކުގައި ބައިވެރިނުވާ ހުރިހާ މެންބަރުންވެސް ބައިވެރިވެދިނުމަށް އެދިފައެވެ.

މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް އަކީ މަޖިލީހުގެ ރައީސް ކުރަން އަންގަވާ ކަންކަން އެކަނި ކުރެއްވޭ ގޮތަށް ހުންނަވާ ބޭފުޅެއް ކަމަށާއި އާދީއްތަ ދުވަހު ޖަލްސާ ބޭއްވުމުގެ ކަންކަން ކުރިއަށް ގެންދަވަނީ އެކަން ކުރެއްވުމަށް މަޖިލީހުގެ ރައީސް ހުއްދަ ދެއްވުމުން ކަމަށެވެ.
މިއަދު އޮންލައިން