"ނަމާދުގައި ކިޔަންޖެހޭ ތަކެތި ކިޔަންޖެހޭ ގޮތަށް ރަސޫލާ (ޞޢވ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ދެން އަމިއްލައަށް މޮޅުކޮށްލަން ތަކެތި އިތުރުކުރުމަކީ އެއްވެސް މަޚްލޫޤަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އިތުރުކޮށްފިނަމަ އެމީހެއްގެ ނަމާދު ޞައްޙައެއް ނުވާނެއެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "އައްތަޙިއްޔާތު ކިޔާއިރު ސައްޔިދުނާ ލައިގެން ކިޔައިފިނަމަ އެއްވެސް އުނިކަމެއް އަންނާނެތޯ؟ ނަމާދު ބާޠިލުވާނެތޯ؟ ލިބޭ ސަވާބު އުނިވެދާނެތޯ؟" ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މިކަމާއި ގުޅިގެން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ނުއެނގި ހުރެ ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެނގޭ ހިސާބުން އިޞްލާޙްކުރަން ޖެހޭނެ ކަމަށެވެ.
ޑރ. އަޙްމްދުﷲ ޖަމީލް ވިދާޅުވީ މިޒަމާނުގައި ދީނުގެ ކަންކަން ވެސް ނުއެނގޭ ކަމަށް ބުނެ ސަލާމަތެއް ނުވެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ކަންކަން އުނގެނި ދަސްކުރުމަށް ދީނުގައި އަންގްވާފައި އެބަ އޮތް ކަމަށާއި އުނގެނި ދަސްކުރަން ބޭނުން ކޮންމެ މީހަކަށް އެކަން ކުރެވޭނެ ވަރަށް ފަސޭހަ މަގުތައް މިހާރު އެބަހުރި ކަމަށެވެ.
ޑރ. އަޙްމްދުﷲ ޖަމީލް ވިދާޅުވީ އެމީހަކު ޝައުޤުވެރިވާ ކަންކަމުގެ މައުލޫމާތު ހޯދައި ދަސްކުރަމުން ގެންދާއިރު އިސްލާމް ދީނުގެ ކަންކަންވެސް އުނގެނި ދަސްކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެއީ ދީނީ ވާޖިބެއް ކަމަށެވެ.