"ޤިޔާމަތް ދުވަހު ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ތިބާގެ ޞާލިޙް އަމަލުތައް އެހެން މީހުންގެ މީޒާނުން ފެނުން ކަމަށް ބުނެވޭ ބަހުގެ މާނައަކީ ޤިޔާމަތް ދުވަހުގައި ހެޔޮ އަމަލުތަކަށް (މަދުވެގެން) ފެންބޮވައިގެންފައިވާ ވަގުތުގައި މީހަކަށް، (އެމީހާ) މީހަކަށް އަނިޔާވެރިވެފައިވުމުގެ ސަބަބުން ނުވަތަ ޣީބަ ބުނެފައިވުމުގެ ސަބަބުން ތިމާގެ ހެޔޮ އަމަލުތައް އެހެން މީހަކަށް (އަނިޔާ/ގެއްލުން ލިބުނު މީހާއަށް) ބަދަލުވެގެން ގޮސްފައި ހުރުމުގެ ވާހަކައެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޤިޔާމަތް ދުވަހު ކޮންމެ މީހަކު ވެސް ހުންނާނީ ދުނިޔޭގައި ހުރިއިރު ކުރެވުނު ހެޔޮ އަމަލުތައް މަދުވެގެން އިންތިހާއަށް ކަންބޮޑުވެފައެވެ. ހެޔޮ އަމަލުތައް އިތުރު ވުމަށް އިންތިހާއަށް އެދިއެދިއެވެ. މީޒާނުގައި ހެޔޮ އަމަލުތަކުގެ ކޮޅަށް ބަރުވުމަށް އިންތިހާއަށް ބޭނުންވެފައެވެ.
މިޙާލަތުގައި ކަންބޮޑުވާން މިޖެހެނީ ތިމާ ދުނިޔޭގައި ހުރެ ކުޅަ ހެޔޮ އަމަލުތަކުން ބައެއް އެހެން މީހުންނަށް ދޭން ޖެހުމުންނެވެ. މީހެއްގެ ޙައްޤަކަށް އަރައިގެންފައިވާނަމަ، ޣީބަ ބުނެފައިވާނަމަ، ދަރަނި އަދާނުކުރާނަމަ ޖެހޭނީ ހަމަ ބަދަލު ދޭށެވެ.
ބަދަލު ދެމުން ގޮސް ކުޅަ ހެޔޮ އަމަލުތައް އެކުގައި ހުސްވެއްޖެނަމަ ބަދަލު ލިބެންޖެހޭ މީހާ ކޮށްފައިވާ ފާފަތައް ބޮލުގައި އަޅައި ނަރަކައަށް ދާން ވެސް ޖެހިދާނެއެވެ. މީސްތަކުންނަށް އަނިޔާވެރިވުމާއި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަކީ އިންތިހާއަށް ބިރުވެރިކަމަކަށް ވެގެންދަނީ އެކަންކަމުގެ ސަބަބުން ތިމާއަށް ސަލާމަތް ނުވެވި ނަރަކައަށް ދާންޖެހިދާނެ ކަމަށްޓަކައެވެ.