ނަމާދުކޮށް އަދި އެހެންވެސް އަޅުކަންތައް ކޮށްއުޅޭ ބައެއް މީހުން ކުއްލިއަކަށް އެކަންކަމާއި އެބަ ދުރުހެލިވެއެވެ. ޤަވާއިދުން ޖަމާއަތަށް ނަމާދަށް ގޮސް އުޅޭ މީހަކު މިސްކިތުން ނުފެންނަން ފަށައިފާނެއެވެ. މިފަދަ ކަންކަން މެދުވެރިވުމުން ކޮންމެވެސް ގޮތަކުން ސަބަބު އޮޅުންފިލުވާއިރު ސަބަބަކަށްވެފައި އޮންނަނީ އޭނާ ﷲ ތަޢާލާގެ ޙަޟްރަތުން އެދި ދުޢާކުރަމުން ދިއަ ކަމެއް ޙާޞިލުވުން ލަސްވުމެވެ. ލަސްވުމުން މާޔޫސްވެ އުންމީދު ކެނޑުމެވެ.
މިހެން މިވަނީ އެމީހާގެ ކިބައިގައި އީމާންކަން ފުރިހަމަ ނުވާތީއެވެ. ނުވަތަ އީމާންކަން ކުޑަވުމުންނެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުންނަ މީހަކު ދުވަހަކުވެސް މާޔޫސްއެއް ނުވާނެއެވެ. އުންމީދު ކަނޑައެއް ނުލާނެއެވެ.
ފުރަތަމަ ސަބަބަކީ އެމީހަކަށް އެންމެ ފައިދާހުރި ގޮތް ވެސް އެންމެ މޮޅަށް ދެނެވޮޑިގެނަވަނީ ﷲ ތަޢާލާ ކަމެވެ. އެމީހަކަށް އެކަމެއް ޙާޞިލުވުމުން ކުރާނީ ފައިދާކަން ނުވަތަ ލިބޭނީ ގެއްލުންކަން ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާ ކަމެވެ. އަދި އެކަމެއް އެމީހަކަށް ޙާޞިލުވުން އެންމެ ރަނގަޅު ވަގުތުވެސް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް ހަމަ ﷲ ތަޢާލާ ކަމެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ކުރާ އެއްވެސް ދުޢާއެއް އެކަލާނގެ ދޫކޮށެއް ނުލައްވަވާނެއެވެ. މިދުނިޔޭގައި ފުއްދަވައި ނުދެއްވެވި ނަމަ އާޚިރަތް ދުވަހު ފުއްދަވައި ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ބައެއް މީހުން ކުރާ ދުޢާތައް މިދުނިޔޭގައި ހުންނައިރު ފުއްދަވައި ނުދެއްވަވާފައި އާޚިރަތް ދުވަހު ފުއްދަވައި ދެއްވެވުމުން އެމީހުން އުފަލުން ފޮޅިގެންދާނެއެވެ. އަދި ދަންނަވާނެތެވެ. މިއަޅާ ކުރި ހުރިހާ ދުޢާތައްވެސް އާޚިރަތް ދުވަހު ފުއްދަވައި ދެއްވަވަން ބެހެއްޓެވި ނަމައެވެ.
ފުރިހަމައަށް އީމާންވެގެން ހުންނަ އެއްވެސް މީހަކު މާޔޫސްވެ ކަންބޮޑެއް ނުވާނެއެވެ. އެފަދަ މީހުން ހުރިހާ ކަމެއް ވަކީލު ކުރާނީ ﷲ ތަޢާލާ އަށެވެ. ވީމާ މިސާލަކަށް މިހާރު ދުވާލަކު 10 ފަހަރު ކަމަކަށް އެދި ދުޢާކުރާނަމަ، އަދި އެކަމެއް ނުފުދި އޮތްނަމަ ދުވާލަކު 20 ފަހަރަށް އިތުރުކޮށްލާށެވެ. ވާން އޮތް ވަރަކަށް އިތުރުކުރަމުން ގެންދާށެވެ. މާޔޫސްވެ، ކަންނެތްވެ މަދު ނުކުރާށެވެ.
މީހެއްގެ ގާތަށް ދެފަހަރު ހަމައަށް ކަމަކު ހިނގައްޖެނަމަ ފޫހިވެދާނެއެވެ. 3 ވަނަ ފަހަރު ބައްދަލު ވެސް ނުވެދާނެއެވެ. ފޮނުވާ ސިޓީ ނުވެސް ކިޔައިފާނެއެވެ. ފޯނުވެސް ނުނަގައިފާނެއެވެ. އެއީ އެމީހާގެ އަތުން މަދުވާ ކަމުގެ ބިރު އޮންނާތީއެވެ. ނަމަވެސް މިދުނިޔޭގައި އުޅޭ އެންމެން ބޭނުންވާ ހުރިހައި ކަމެއް ﷲ ތަޢާލާ ފުއްދަވައި ދެއްވެވި ނަމަވެސް އެކަލާނެ ޚަޒާނާއިން ހަމަ ޒައްރެއްގެ މިންވަރުވެސް މަދެއް ނުވާނެއެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވަނީ ކަންކަމަށް އެދި ވީހައި ގިނައިން އެކަލާނގެ ޙަޟްރަތުގައި ދެންނެވުމަށެވެ.
ކަންހުރީ މިމަގުންކަމަށްވުމުން ދުޢާ އިޖާބަ ކުރެއްވެވުން ލަސްވެގެން މާޔޫސް ނުވާށެވެ. ވާންވީ ދެރައެއް ނޫނެވެ. ކުރަންވީ އުފަލެވެ. މިދުނިޔޭގައި އިޖާބަކޮށް ނުދެއްވަވައިފިނަމަ އެއީ ޢާޚިރަތަށްޓަކައި ރައްކައުކުރެވޭ އެއްޗަކަށް ވެގެންދާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން