ކުރެވިފައިވާ ފާފަތައް ކިތަންމެ ބޮޑެތިވެފައި ގިނަ ނަމަވެސް ތައުބާވުމަށް ދުޢާކުރާނެ ޚާއްޞަ ބަހެއް ނޯވެއެވެ. ދިވެހި ބަހުންވެސް ހަމަ ދުޢާކުރަންވިއެވެ.
ބޮޑެތި ފާފަތަކުން ކުރެވިދާނެ ދުޢާއެއް އޮވޭތޯ؟ މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ދިވެހި ބަހުން ދުޢާ ކުރައްވާށެވެ. ވަކި ބަހަކުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ. ކޮންމެ ބަހަކުން ދުޢާކުރި ނަމަވެސް ﷲ ތަޢާލާ މޮޅަށް ދެމެވޮޑިގެންވެއެވެ."
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތައުބާވެ ފާފަ ފުއްސެވުން ދުޢާ ކުރާއިރު ދުޢާ ކުރަންވާނީ ކުރެވިފައިވާ ފާފަތަކުގެ އަދަދަށާއި ސައިޒަށް ބަލައިގެން އެކަން ކަމަށް އެކަށީގެންވާ ދުޢާ ކަމަށެވެ.
ދީނީ ޢިލްމްވެރިން ބަޔާން ކުރައްވަވަނީ ތައުބާވުމަކީ ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވުން ކަމަށެވެ. ކުރަމުން އައި ފާފަތައް ކުރުން ހުއްޓާލައި އެކަންކަމާއި ދުރުހެލިވުން ކަމަށެވެ. ފާފަތައް ކުރެވުނީ ހިތާމަކުރާ މީހަކު ކަމުގައިވުން ކަމަށެވެ.
ތައުބާވުމަކީ ކޮންމެ މީހަކުވެސް އެންމެ ގިނައިން ކުރަން އޮތް ކަންތަކެވެ. ބޮޑު ފާފައެއް ނުކުރެވުނު ނަމަވެސް މެއެވެ. އިންސާނުންނަކީ އަބަދުވެސް ފާފަކުރެވި، ކުރެވި ތިބޭ ބައެކެވެ. އެހެންކަމުން ފާފަފުއްސެވުން އެދި ވީހައި ގިނައިން ދުޢާކުރަންވާނެއެވެ.
ކީރިތި ޤްރްއާނާއި ސުންނަތުގައި ވާރިދުވެގެންވާ ދުޢާތައް ވަރަށް ގިނައެވެ. ހޯދަން ނުއެނގޭ މީހާ ހަމަ ސާފު ދިވެހިބަހުން އެމީހާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޒްރަތުގައި ދަންނަވަމުން ގެންދަންވީއެވެ. ދުޢާ ކުރުމަށް ވަކި ބަހެއް ނެތެވެ. ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެން ނުވާ ބަހެއް ނުވެއެވެ.