އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ކަމަށް ކަނޑައެޅުމުގެ މައްސަލަ މަޖިލީހުގެ 7 މެންބަރުންގެ ކޮމިޓީއަކަށް ފޮނުވަން ފާސްކޮށްފިއެވެ.
މިކަމަށް ނެގި ވޯޓުގައި 68 މެންބަރުން ވަނީ ކޮމިޓީއަށް ފޮނުވަން ފެންނަކަމަށް ވޯޓުދީފައެވެ.
މަޖިލީހުގެ ރިޔާސަތުން ހުށަހެޅި މި މައްސަލައިގެ ބަހުސްގައި މައްސަލައާއި ދެކޮޅަށް 4 ވަރަކަށް މެންބަރުން ވާހަކަ ދެއްކި ނަމަވެސް ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. މެންބަރުން އެގޮތަށް ވޯޓު ދިނުމުން މައްސަލަ މިހާރު ވަނީ 7 މެންބަރުންގެ ކޮމިޓީއަކަށް ފޮނުވައިފައެވެ.
ރިޔާސަތުން މިއަދު ވިދާޅުވީ މި މައްސަލައިގައި ފުރިހަމަ ނިންމުމެއް މަޖިލީހުން ނިންމުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ބޭރުގެ ޢިއްޒަތްތެރިންނަށް ދައުވަތުދޭން ހަމަޖެހިފައިވާއިރު ތާރީޚު ކުރިއަށް ކަނޑައަޅަންޖެހޭ ކަމަށެވެ.
އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތުދިނުމާއި ބައްދަލުވުން އިންތިޒާމު ކުރުމަކީ މަޖިލީހުގެ އިދާރާއިން ކުރަމުން ގެންދާ ކަމެކެވެ.
މަޖިލީހުގެ ރައީސް މަޞީޙް މަޤާމުން ވަކިކުރުމުގެ މައްސަލަ މިހާރު ވަނީ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ. އެދުވަހުގެ ޖަލްސާގައި މަޞީޙް މަޤާމުން ދުރުކުރެވިއްޖެނަމަ ހަމަ އެދުވަހު އައު ރައީސަކު އިންތިޚާބުކުރާނެއެވެ. އެހެންކަމުން ބެލެވެނީ އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވޭނީ އިންތިޚާބު ކުރެވޭ އައު ރައީސްގެ ކުރިފުޅުމަތީގައި ކަމަށެވެ.