ކުރީގެ ރައީސް މުޙައްމަދު ނަޝީދު (އަންނި) ރާއްޖެ ވަޑައިގެން، މާލޭގައި ޚާއްސަ ޚިތާބެއް ދެއްވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުން ރީފްސައިޑު ކަންމަތި ސަރަހައްދުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތަށް ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ. އެ ރަސްމިއްޔާތުގައި އެމަނިކުފާނު ޚާއްސަ ޚިތާބެއް ދެއްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ ތާރީޚެއް ކަމަށް އެމްޑީޕީން ބުނެފައިވަނީ ނޮވެމްބަރު އެއްވަނަ ދުވަހެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތަކެއް އޮންނާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިމިގަންނަވަނީ އެމަނިކުފާނުގެ މައްޗަށް ކުރައްވައިފައިވާ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް ކޯޓުން އަމުރު ކުރައްވައިފައިވައި ވަނިކޮށެވެ.