ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ކޯލިޝަނުގެ ސަރުކާރުން ފުއްދައިދޭނެ: ރައީސް ނަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ކޯލިޝަނުގެ ސަރުކާރުން ފުއްދައިދޭނެ: ރައީސް ނަޝީދު
ދިވެހި ރައްޔިތުންގެ ހުރިހާ އުންމީދުތަކެއް ކޯލިޝަނުގެ ސަރުކާރުން ފުއްދައިދޭނެ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މާލެވަޑައިގަތުމަށްފަހު އާޓިފިޝަލް ބީޗަށް ވަޑައިގެން އެތަނުގައި ތިބި އެތައް ހާސް ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނުކުމެވަޑައިގަތުމުން ދިވެހި ރައްޔިތުން ވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައި ކަމަށެވެ. ދިވެހި ދައްކައިދިނީ ދިވެހިންނަކީ އުންމީދު ނަގައިލާނެ ބައެއް ނޫން ކަމާއި އަދި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން ކަމަށެވެ. އަދި ޙައްޤު މިންވަރު ހޯދާނެ ބައެއްކަން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 23 ސެޕްޓެމްބަރުގައި ދިވެހި ރައްޔިތުން ދައްކައިދިނީ ދިވެހި ރައްޔިތުން ބޭނުންވާ ތަޞައްވުރު ދައްކައިދޭނީ ދިވެހިންކަން ކަމަށެވެ. "ވިދާޅުވެއްޖެ ވައްކަން ކަމުނުދާކަން. މުޅި ދުނިޔެއަސް ދައްކައިދީފި ޚުދުމުޚުތާރުކަމާއި ބާރުވެރިކަމާ ހަރުކަށިކަމާ އަނިޔާވެރިކަމަކީ ދިވެހި ރައްޔިތުން އެދޭ ކަމެއް ނޫންކަން. ރައްޔިތުން އެދިގެން ތިބީ އިސްލާމީ ރިވެތި އުޞޫލުން ހިނގާ ޑިމޮކްރެޓިކް ދިވެހިރާއްޖެއަކަށްކަން."

ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަނުން ދަނީ ރައްޔިތުން އެދޭގޮތްތައް ޙާޞިލުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އެ އުންމީދު ޙަޤީޤަތަކަށް ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑާއި ގުޅިފައިވާ އެންމެހައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވކިން ޚާއްޞަކޮށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވާ ގޮތަށް އަޅުގަނޑުމެން އެންމެން މިވަނީ ތިއަބޭފުޅުންނަށް ދަރާފަ. އަޅުގަނޑުމެން މިވަނީ ކޮންމެ ޢާއިލާއަކަށް ފްލެޓަކަށް ދަރާފަ. އިރާދަކުރެއްވިއްޔާ އެދަރަނި އަޅުގަނޑުމެން އަދާކުރާނަން."

ރައީސް ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީގައި ލިޔެވިފއިވާ ހައްޤުތަކަސް ބައްލަވާއިރު އެންމެ ފައުޅުކަން ބޮޑު ގޮތެއްގައި ލިޔެވިފައިވަނީ ފެނާއި ނަރުދަމާގެ ޙައްޤު ކަމަށެވެ. ބޯހިޔާވަހިކަމާއި ރިވެތި ދިރިއުޅުމުގެ ޙައްޤު ކަމަށެވެ. ފުދުންތެރިކަމާއިއެކު އަމިއްލަ ބޯހިޔާވަހިކަމުގައި ދިރިއުޅުމުގެ ޙައްޤު ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މިޙައްޤުތައް ޙަޤީޤަތަކަށް ހަދައިދޭނެ ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ އޮނަރަބަލް އިބްރާހީމް މުޙައްމަދުގެ ސަރުކާރު ދެމެހެއްޓުން. ހިފެހެއްޓުން. ގުޑުނަ ނުދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނޭވާ ހިނގާހައި ހިނދަކު، ހިތުގައި ވިންދުޖަހާހައި ހިނދަކު، މި މަސައްކަތްތައް އަޅުގަނޑުމެނެ ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ފަހަތަކަށް ވެސް ނުޖެއްސޭނެ، ވަރުބައްޔެއްވެސް ނުވާނެ. ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކޮށްދޭނަން."

ރައީސް ނަޝީދު ވިދާޅުވީ ތަރައްޤީއަކީ ރައްޔިތުންގެ ޖީބަށް ވަންނަ މުއްސަނިކަން ކަމަށެވެ. ތަރައްޤީގެ ނާރެހަކީ ޢާއިލާއަށް ލިބޭ މުއްސަނދިކަން ކަމަށެވެ. އަދި ކޯލިޝަނުން އަމާނާތްތެރިކަމާއެކު އެ މަސައްކަތްކޮށް ޙަޤީޤަތަކަށް ހަދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް މައުމޫނާއި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އާއި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅިގެން ކުރެއްވި މަސައްކަތްތަކަކީ ދުވަހަކުވެސް ފަނޑު ނުވާނެ ހިތްވަރު ގަދަ މަސއްކަތްތަކެއް ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން