މިސަރުކާރު ވާނީ ރާއްޖޭގައި ޤާއިމުކުރެވޭ އެންމެ ތަޖުރިބާކާރު ސަރުކާރަށް ކަމަށާއި ރައްޔިތުންނަށް އެކަމުގެ ފައިދާކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އުނިމާ ގްރޭންޑް ހޮޓަލުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު މިރޭ ވިދާޅުވީ މިސަރުކާރުގެ ލީޑަރުންގެ ގޮތުގައި ޤައުމުގެ ރައީސްކަން ކުރައްވާފއިވާ 2 ރައީސުން، ރައީސް މައުމޫން އާއި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ކަމަށާއި އަދި ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި ސަރުކާރުގެ މުހިންމު ގިނަ މަޤާމުތަކެއްވެސް ވަރަށް ކާމިޔާބު ކަމާއިއެކު އަދާކުރައްވާ ބޭފުޅެއް ކަމަށާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަކީވެސް ސިޔާސީ ގޮތުން ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. ހަމައެއާއިއެކު މެންބަރުކަން ދޫކުރައްވާފައި ސަރުކާރާއި ގުޅިވަޑައިގަންނަވާނެކަން ހާމަ ކުރއްވާފައިވާ ޢަބްދުﷲ ޝާހިދަކީވެސް ސިޔާސީ ގޮތުން ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި އަދި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަކީވެސް މަޖިލީހުގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އެހެންކަމުން މިއީ ތަޖުރިބާކާރުން އިސްވެ ހިންގާ ސަރުކާރެއް ކަމަށާއި އެކަމުގެ ފައިދާ ރައްޔިތުން ކުރަމުން ގެންދާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަފާތު ފިކުރުގެ ޕާޓީތަކެއް ގުޅިގެން މަސައްކަތްކުރާއިރު ޚިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށާއި އެހެންކަމާއިއެކުވެސް ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ. ހުރިހާ ކަމެއްގައިވެސް މަޝްވަރާ ކުރެވޭނެ ކަމަށާއި އުފެދޭ ހުރިހާ މައްސަލަތަކަކަށްވެސް ޙައްލު ހޯދޭނެ ކަމަށެވެ.
ރާއްޖޭގެ ކުރިއެރުމަށް އެންމެ ބޮޑަށް ބޭނުންވަނީ ގުޅިފައިވާ ކޯލިޝަނެއްގެ ވެރިކަން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ މަޤާމެއް ނުފުރުއްވާނެ ކަމަށާއި ނަމަވެސް މަޖިލީހަށް ކުރިމަތިލެއްވުމާއިމެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. ޑިމޮކްރެޓިކް ވެރިކަމެއް ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހަކީ އެންމެ މުހިންމު މުއައްސަސާ ކަމަށާއި މަޖިލީހުގެ ކަންކަން ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.