ﷲ ތަޢާލާ ވަނީ ތިބާޢަށް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިޚްތިޔާރުގެ ބޭނުންކޮށް ތިބާ ކުރަން ބޭނުން ކަންކަން ކުރެވިދާނެއެވެ. ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ވެސް ކުރެވިދާނެއެވެ. މުންކަރާތަކަށް އަރައިގަނެވިދާނެއެވެ. އެންމެ ސަޖިދައެއް ނުޖަހައިވެސް އުޅެވިދާނެއެވެ. ޙަރާމް ހަލާލު ނުބަލައި ބޭނުންހައި އެއްޗެއް ކައި ބޮއި ހެދިދާނެއެވެ. ކައިވެންޏާއި ނުލައި ފާހިޝް އަމަލުތައްވެސް ކުރެވިދާނެއެވެ.
ތިބާ ބޭނުންނަމަ ފޭރާމުން އިސްރާފުކުރެވިދާނެއެވެ. އަދި އައުރަ ނިވާ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ނުބަލައި ފޭރާން ނުލައިވެސް، އަދި އައުރަ ނިވާނުވާ ގޮތަށް ފޭރާން ލައިގެންވެސް އުޅެވިދާނެއެވެ.
ނަމަވެސް ޔަޤީން ކަމާއެކު ހަނދާނުގައި ބަހައްޓަންޖެހޭ އެއްކަމެއް އެބައޮތެވެ. މަރުވާނެ ކަމެވެ. މަޙްޝަރުކުރެވޭނެ ކަމެވެ. ހިސާބު ބެލެވޭނެކަމެވެ. ތިމާ ދުނިޔެގައި ހުރެ ކުރި އަމަލުތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިއްޖެނަމަ ނަރަކައަށް ވަންނަން ޖެހޭނީ އަލިފާނުގެ ފޭރާމަކާއެކުގައި ކަމެވެ. ދުނިޔޭޣައި މިފެންނަ އަލިފާނަށްވުރެ 69 ގުނަ އިތުރަށް ހޫނުމިން ހުރި ނަރަކައިގައި ތިބާގެ ހަށިގަނޑު އަނދަމުންދާއިރު ތިބާގެ ގައިގައިވާ އަލިފާނުގެ ފޭރާމުގެ ސަބަބުން ހޫނުމިން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެވެ.
ވީމާ މިކަންކަމަކީ މިއަދު ވިސްނުން ކިތަންމެހައިވެސް މުހިންމު ކަންކަމެވެ. މަރުވެ ކައްވަޅުގެ އަޛާބު ލިބެން ފެށުމުން ކިތަންމެ ވަރަކަށް ވިސްނި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. ރޮއި ކަރުނަ ބޭލި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސްކުން