"ހަސަދަވެރިކަމާއިމެދު ބިރުވެތިވާށެވެ. އެއީ އަލިފާން، ވިނަ ނުވަތަ ދަރު އަންދާ ފަދައިން ތިބާކުރާ ހެޔޮ އަމަލުތައް އަންދާ އެއްޗެކެވެ. ޞަދަޤާތަކީ ފެން އަލިފާން ނިއްވާ ފަދައިން ތިބާ ކުރާ ފާފަތަކުން ތިބާ ސަލާމަތްކޮށްދޭ ކަމެކެވެ. ނަމާދަކީ މުސްލިމުންނަށް މަގުދައްކައިދޭ ދަންމަރެވެ. ރޯދައަކީ ތިބާ އާއި ނަރަކަ އާއި ދެމެދު ލެވޭ ފާރެކެވެ." އިބްން މާޖާ: 4210
ހަސަދަވެރިވުމަކީ ތިމާ ކުރާ އަޅުކަން އަންދާ ދަރު ފަދައެއްޗެއްކަން މިހައި ސާފުކޮށް އެނގެން އޮތްއިރު އެއްވެސް މީހަކާއިމެދު ހަސަދަވެރިވާންވީ ކީއްކުރަން ހެއްޔެވެ؟ ހެޔޮ އަމަލުތައް ކުރަމުން އެ އަމަލުތައް އަންދަމުން ގެންދާނަމަ އާޚިރަތް ދުވަހަށް ގެންދަން ތިބާއަތުގައި އޮންނާނީ ކޮން ހެޔޮކަމެއް ހެއްޔެވެ؟ ނުވަތަ ކޮން އެއްޗެއް ހެއްޔެވެ؟
ޗުއްޓީ ހޭދަކުރަން ނުވަތަ އެނޫންވެސް ބޭނުންތަކުގައި އަހަރެމެން ގޮސް ހޮޓާތަކުގައި ތިބެމުއެވެ. އަހަރެމެން ކަނޑައަޅާ މުއްދަތުގައެވެ. މުއަދަތު ހަމަވުމުން ފުރަނީއެވެ. އެހައި ކުޑަ ދުވަސްކޮޅަކު އެތަނުގައި ހުރެފައި ފުރާއިރު އެތަނުގެ ބައަކު މީހުން ނުވަތަ މީހަކު ދެކެ ރުޅި އައިސްގެން ހުރެ ފުރައިގެން ދިއުމުން ތިބާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އިތުރަށް ފާފަވެރިވުން ނޫން އެއްވެސް ކަމެއް ވާނެހެއްޔެވެ؟
ދުނިޔޭގައި ހޭދަކުރަން މިލިބޭ ދުވަސްކޮޅަކީވެސް ހަމަ އެފަދަ ކަމެކެވެ. ތަފާތަކީ ތިބާ ދުނިޔޭގައި ހުންނަން ބޭނުންވާހައި ދުވަހަކު ނުހުރެވޭ ކަމެވެ. ދުނިޔޭގައި ހުރެވެނީ އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މުއްދަތެއްގައެވެ. މުއްދަތު ހަމަވުމުން ޖެހޭނީ ދުނިޔެ ދޫކޮށް ދާށެވެ! އެ ދާއިރު ވެސް ބައަކާއި ނުވަތަ މީހަކާއި ހަސަދަވެރިވެގެންހުރެ ދާންޖެހިއްޖެނަމަ އެކަމުގެ ސަބަބުން ތިބާއަށް ފާފަތަކަކާއި ކުރިމަތިލާން ޖެހުމަކީ އޮތް ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން