ކޮންމެ އުމުރެއްގެ މެންބަރަކަށްވެސް މަޖިލީހުގެ ރައީސް ކަމަށް އައުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށާއި މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެކަމެއް ހައްލުކުރެވޭނެ ހުރިހާ މަގެއް މަޖިލީހުގެ ޤާނޫނުގައި އޮތީ ހުޅުވިފައި ކަމަށް އަދި އެކަމުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް އޮތްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސާ މަނިކު މިއަދު ވިދާޅުވީ މަޖިލީހުގެ ޤަވާއިދު އޮތްގޮތުން މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެވިދާނެކަމަށެވެ. އަދި 18 އަހަރު ވެފައިވާ ކޮންމެ ޒުވާނަކަށް ވެސް މަޖިލީހުގެ މެނަބަރުކަމަށް ކުރިމަތިލައި، ހޮވި، މަޖިލީހުގެ ރައީސް ކަމަށް ނުވަތަ ނައިބް ރައީސް ކަމަށްވެސް އާދެވިދާނެ ކަމަށެވެ.
މޫސާ މަނިކު ވިދާޅުވީ މި ފުރުޞަތު މިގޮތަށް އޮތްއިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތި ލެވެނީ 35 އަހަރުވުމުން ކަމަށް އޮތުމުން 35 އަހަރު ނުފުރޭ މެންބަރަކު މަޖިލީހުގެ ރައީސްކަމުގައި ހުންނަ ވަގުތަކު ރައީސުލްކުމްހޫރިއްޔާ ކަމާއި ހަވާލުވާންޖެހިއްޖެނަމަ ހަމަ 65 އަހަރުން މަތީގެ ރައީސަކު މަޖިލީހުގައި ހުއްޓައި ކުރިމަތިވުމުން ކުރިމަތިވާ މައްސަލަތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މޫސާ މަނިކު ވިދާޅުވީ ޤާނޫނު އަސާސީއަށް ބަދަލެއް ގެނެސް ރައީސުލްޖުމްހޫރިއްޔާ ކުރިމަތިލެވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ފާސްކުރި ނަމަވެސް މަޖިލީހުގެ ޤަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަމުގައި ނުވަތަ ނައިބް ރައީސް ކަމުގައި ހުންނަ މީހަކަށް ނުވަތަ ރައީސް އަށާއި ނައިބް ރައީސަށް އެކުގައި މައްސަލައެއް ކުރިމަތިވި ނަމަވެސް ހައްލުކުރެވޭނެ ގޮތްތައް މަޖިލީހުގެ ޤަވާއިދުގައި އެބަހުރި ކަމަށެވެ.
މޫސާ މަނިކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވާންޖެހޭ ޙާލަތުގައި މަޖިލީހުގެ ރައީސް އަށާއި ނައިބްރައީސަށް މައްސަލައެއް ކުރިމަތިވެއްޖެނަމަ ފާސްކުރާ ޤަރާރަކުންވެސް ރައީސުލްޖުމްހޫރިއްޔާ ކަމާއި ހަވާލުވެވޭނެމަގު އޮތީ ފަހިކޮށް ކަމަށެވެ.
"މަޖިލީހުގެ ރައީސަކަށް 65 އަހަރުން މަތީ މީހަކު ހޮވުމަކީ ޤާނޫނު އަސާސީ އާ ތައާރަޒްވާ ކަމެއް ނޫން. މައްސަލައެއް ކުރިމަތިވާނީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުވެސް ނެތިއްޖެ ޙާލަތެއްގައި ދިމާވާ ހާލަތަކުން. އެފަދަ ޙާލަތުގައި ކަންތައްތައް ކުރާނެ ގޮތް ޤަވާއިދުގައި އެބައޮތް. ޤާނޫނު އަސާސީގައި ބައިތަކެއް އެބަހުރި އެކަންކަމަށް."
މުސާ މަނިކު ވިދާޅުވީ މަޖިލީހުގައި ވޯޓަށް އަހާނީ މިފަދަ ހުރިހާ ކަމަކަށް ބެލުމަށްފަހުގައި ކަމަށާއި ޤާނޫނު އަސާސީގެ ހަމަތަކުގެ މަތިން ނޫން ގޮތަކަށް ވޯޓަކަށް ނުއަހާނެ ކަމަށެވެ.
މޫސާ މަނިކުގެ ވާހަކަފުޅު އޯޑިއޯ: