ޤަމަތް ދީފައި ދުޢާ ކިޔުމުގެ ޙުކުމް- ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ޤަމަތް ދީފައި ދުޢާ ކިޔުމުގެ ޙުކުމް- ޑރ. އިޔާޟް

އެކަހެރިކޮށް ނުވަތަ ޖަމާޢަތާ ވަކިން ނަމާދުކުރާމީހާގެ މައްޗަށް ބަންގި އާއި ޤަމަތް ދިނުން ވާޖިބުވެގެން ނުވެއެވެ. އަދި ކިއެއްތަ އެފަދަ މީހާގެ މައްޗަށް އެއީ މުޞްތަޙައްބުވެގެންވާ (ސުންނަތްކަން ގަދަ/ ލޮބުވެތިކަން ބޮޑު) ސުންނަތެކެވެ.

 

ނަމަވެސް އިމާމް ޝާފިޢީ ރަޙިމަޙުﷲގެ އަރިއަހުގައި އެކަން ނުކުރުމަކީ މަކްރޫހަ ކަމެކެވެ. ނަމާދު އިޢާދަކުރާކަށް ނުޖެހޭނެއެވެ. ފުރިހަމަ މުސްލިމަކަށްވެ ހުރެ ފިރިހެނެއް ނަމަ ނަމާދު ޖަމާއަތުން ފަސްވިއަ ނުދިނުމަށް މަސައްކަތް ކުރަންވާނެއެވެ.

 

ދެންފަހެ ޤަމަތް ދިނުމަށްފަހު ބަންގި ދުޢާ ނުވަތަ اللهم رب هذه الدعوة التامة --- މިދުޢާ ކިޔުމާއި މެދު އިހާއި ފަހުގެ ދަންނަބޭކަލުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ. އެއީ ( بين كل أذانين صلاة ) މިޙަދީޘްފުޅުގެ މާނަކުރެއްވުމުގައި އެބޭފުޅުންގެ ވިސްނުންފުޅު ތަފާތުވުމެވެ.

 

އެގޮތުން އިބްން ހަޖަރުލް ހައިތަމީ އާއި ޚަޠީބުއްޝަރްބީނީ ފަދަ ބޭކަލުންގެ އަރިހުގައި ބަންގިއެކޭ އެއްފަދައިން ޤަމާތަށް ފަހުވެސް އެ ދުޢާ ކިޔެވުންވެއެވެ. އަދި ފަހުގެ ދަންނަބޭކަލުންގެތެރެއިން ޝައިޚް އަލްބާނީ ރަޙިމަހުﷲ ވިދާޅުވަނީ ޤަމާތަށް ބަންގިއޭ އަބަރި ބަހުގައި ކިޔަނީ ޣާލިބަށް ބިނާކޮށެވެ. ނަމަވެސް ބަންގީގެ މައްޗަށް ހިނގާ ޙުކުމްތަކެއް ޤަމާތުގެ މައްޗަކަށް ނުހިނގާނެއެވެ. އެގޮތުން މިދުޢާ ކިޔުމާއި ފަހަތުން ތަކުރާރުކުރުމެއްވެސް ނުހިމެނެއެވެ. އަދި ޝައިޚުގެ އަރިއަހުގައި މިމައްސަލައިގައި އެންމެ ރާޖިޙު ނުވަތަ އަޢުލާ ގޮތަކީ އެއްވެސް އެއްޗެއް ނުކިޔުމެވެ. އެހެނީ ތައުޤީފި ކަމެއްގައި ދަލީލަކުން ސާބިތު ނުވާހައި ހިނދަކު ކިޔަން ނުޖެހޭނެތީއެވެ. އަދި އަހުލާމާ ބަކުރު އަބޫ ޒައިދުގެ ރައުޔަކީވެސް މިއީއެވެ. ވީމާ ޤަމާއަތަށްފަހު ބަންގިދުޢާ ކިޔާކަށް ނުޖެހޭނެއެވެ.

والله أعلم

- ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން