ތިމާ ދެރަވާނެ ކަމެއް ކޮށްފިނަމަ އެކަން ކުރި މީހާގެ ކުރިމަތީ ރުއިމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެކަމުން އަނިޔާވެރިޔާއަށް ގިނަ ފަހަރު ލިބޭނީ އުފާވެރިކަމާއި އިތުރު ހިއްވަރެވެ. ތިބާ ހިތުގައި ޖައްސައި ރޮއްވައި ލެވުނީތީވެސް ހުންނާނީ އުފަލުންނެވެ.
ދެރަވާން ޖެހޭނެ ކަންތައްތަކާއި ކުރިމަތިލާން ޖެހުމަކީ ދުނިޔޭގައި ކުރިމަތިލާންޖެހޭނެ ކަމެއްކަމަށް ޤަބޫލުކޮށްގެން އަބަދުވެސް ހުންނާށެވެ! އެއިރުން ނަފްސް ކޮންޓްރޯލް ކުރެވޭނެއެވެ. ދެރަވާންޖެހޭ ކަމެއް ކުރިމަތިވި ނަމަވެސް ކުރިމަތިލުމުގެ ހިއްވަރު ލިބޭނެއެވެ.
އަހަރެމެންނަކީ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވެގެން ތިބި ބައަކީމުއެވެ. ނުބައި މިންވަރު މިކިޔަނީ އަހަރެމެން ހިތް ނުއެދޭ ކަންކަމަށެވެ. ހިތްދަތިވެ ރޯންޖެހޭ ކަންކަމަށެވެ. އެކަން ނުވަތަ އެޙާލަތު މެދުވެރި ކުރައްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ހަޤީޤަތުގައި ނުބައި މިންވަރަކީ އޮންނަ އެއްޗެއް ނޫނެވެ.
ތިމާ ނުއެދޭ ކަންކަން ތިމާ އާއި ކުރިމަތިވުމަކީ ﷲ ތައާލާ ކުރިމަތި ކުރައްވަވާ އިމްތިޙާނެކެވެ. ތިބާގެ އީމާންތެރިކަން އިމްތިޙާނު ކުރެއްވެވުމަށެވެ. އެ އިމްތިހާނުން ފާސްވާން ގަދައަޅައި މަސައްކަތް ކުރާށެވެ. ތިމާ ދެރަވެ، ހިތްދަތިވެ ރޯންޖެހޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ރޯށެވެ. މާނައަކީ އެ އަނިޔާ ދިން މީހާގެ ކުރިމަތީގައި ދެރަވެ ނިކަމެތިވެ ރުއިމުގެ ބަދަލުގައި ތިމާއަށް ލިބުނު ހިތާމަ ރޮމުން ނަމަވެސް ﷲ ތަޢާލާ އާއި ޙިއްޞާކުރާށެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. ޙާލަތު ބަދަލުކޮށްވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ. ދުޢާކުރާށެވެ! ތިބާ އެމީހަކު ދެކެ އެންމް ލޯބިވާ މީހާ ތިބާއަށް އަނިޔާވެރިވެދާނެއެވެ. ކިތަންމެ ބޮޑު ދެރައެއްވެސް ދީފާނެއެވެ. ނަމަވެސް ﷲ ތައާލާ ތިބާއަށް ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަވާނީ ތިބާއަށް އެންމެ ފައިދާހުރި ގޮތުގައިކަން ޔަޤީންކޮށްގެން އަބަދުވެސް ހުންނާށެވެ. އެއިރުން ހުރިހާ ކަމެއްވެސް ދާނީ ޙައްލުވަމުންނެވެ.