ހެޔޮ ކަންތައްތައް ކުރުމަށް ނަފުސު ހާނުވާ! - ލަގަނެއް ނެތި ނަފްސް ދޫކޮށްލައިފިނަމަ ނުބައި ކަންކަމާއި ދިމާއަށް ދިއުން ކައިރި: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހެޔޮ ކަންތައްތައް ކުރުމަށް ނަފުސު ހާނުވާ! - ލަގަނެއް ނެތި ނަފްސް ދޫކޮށްލައިފިނަމަ ނުބައި ކަންކަމާއި ދިމާއަށް ދިއުން ކައިރި: ޝައިޚް ޢަލީ ޒާހިރު

"ހެޔޮ ކަންތައްތައް ކުރުމަށް ނަފުސު ހާނުވާށެވެ. ނަފުސަކީ ތިމާ ހޭނުވި ގޮތަކަށް ހޭނޭ އެއްޗެކެވެ. ލަގަނެއް ނެތި ނަފްސް ދޫކޮށްލައިފިނަމަ ނުބައި ކަންކަމާއި ދިމާއަށް ދިއުން ކައިރިއެވެ."

 

މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސައީދު ޤާސިމް ވިދާޅުވެފައިވާ ނަޞޭޙަތުގެ ބަސްފުޅެކެވެ.

 

"ނަފުސަކީ ތިމާ ހޭނުވި ގޮތަކަށް ހޭނޭ އެއްޗެކެވެ. ހެޔޮ ކަންތައްތައް ކުރުމަށް ނަފުސު ހާނުވާށެވެ." މިބަސްފުޅަށް ބަލައިފިނަމަ ބަންގި ގޮވުމުން ތިމާ ކުރާނެ ފުރަތަމަ ކަމަކީ ނަމާދުކުރުން ކަމަށް އަމިއްލައަށް ކަނޑައަޅައިގެން ހުންނަ މީހާއަށް އެކަން ކުރެވޭނެއެވެ. އެކަން ކުރުމުގެ ފުރުޞަތު ލިބޭނެއެވެ. ބޭނުންވަނީ އެކަމަށް ތިމާގެ ނަފުސު ހޭނުވުމެވެ.

 

ފަތިސް ނަމާދަށް ހޭލުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ބަލައިގެން ހުންނަ މީހާއަށް އެކަން ކުރެވޭނެއެވެ. ގަޑި ސޯނާވުމުން ނުވަތަ ފޯން އެލާމް އެޅުމުން ހޭލެވޭނެއެވެ. މީހަކު ގޮވައިލި ނަމަވެސް ހޭލެވޭނެއެވެ. 

 

ނަމަވެސް ނަމާދުކުރުމަކީ ފަހުން ކޮށްލެވިދާނެ ކަމަށް ކަނޑއަޅައިގެން ހުންނަ މީހާއަށް އަބަދުވެސް އުޅެން ޖެހޭނީ ވަގުތު ފާއިތުވާއިރުވެސް ނަމާދު ނުކުރެވިގެންނެވެ. ފަތިސް ނަމާދަކީ ހޭލެވުނު އިރަކުން ޤަޟާއަށް ކޮށްލެވިދާނެ ނަމާދެއް ކަމަށް ބަލައިގެން ހުންނަ މީހާއަށް އޮންނާނީ ޤަޟާއަށް ވެސް ނުކުރެވިފައެވެ.

 

"ނަފުސަކީ ތިމާ ހޭނުވި ގޮތަކަށް ހޭނޭނެ ނުވަތަ ހޭނުވޭނެ އެއްޗެއް" ކަމަށް ޝައިޚް ވިދާޅުވެފައިއެވަނީ މިފަދަ ސަބަބުތަކަށްޓަކައި ކަމަށް ޤަބޫލުކުރެވެއެވެ. ހަމަ އެކަނި ނަމާދުކުރުމުގައެއް ނޫނެވެ. ކޮންމެ ހެޔޮ އަމަލެއް ކުރުމުގައިވެސް މެއެވެ.

 

 ނަހީ ކުރެވިގެންވާ ކަންކަން ނުކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ. ނަހީ ކުރެއްވެވި އެއްވެސް ކަމެއް ނުކުރުމުގެ ޢަޒުމުގައި ހުންނަ މީހާއަށް އެގޮތަށް ކަންކަން މެދުވެރިވަވާނެއެވެ.

 

އަމިއްލަ ދިރިއުޅުމަށް ބެލި ނަމަވެސް މިފަދަ ކަންކަން ފެނިގެންދާނެއެވެ. މިސާލަކަށް މަހަކު އެއް އަދަދަކަށް ފައިސާ ލިބޭ ދެމީހުންނެވެ. އެކެއްގެ ތިބީ 2 ދަރިންނެވެ. އަނެކެއްގެ 4 ދަރިން އެބަތިއްބެވެ.

 

4 ދަރިން ތިބި މީހާގެ އަޒުމަކީ މިންވަރަށް ފުދިގެން ދަރަނިވެރި ނުވެ ދިރިއުޅުމެވެ. އެމީހާއަށް އެގޮތަށް އެކަން މެދުވެރި ކުރައްވަވައެވެ. 2 ދަރިން ތިބި މީހާއަކީ އަބަދުވެސް ދަރަނިވެރިވަމުން އަންނަ މީހެކެވެ. އެމިހާއަށް ދަރަނިވެރި ނުވެ ހަމަ އެންމެ މަހަކުވެސް ފަރުޖެއްސޭ ކަމަކަށް ނުވާނެއެވެ.

 

މިފަދަ ކަންކަމުން އެނގެނީ އަޅުގަނޑުމެންގެ އަމަލުތައް ސީދާކޮށް ރަނގަޅު ގޮތުގައި ހޭނުވުމަކީ އެކަން ކުރަން ބޭނުންވާ މީހާއަށް ކުރެވޭނެ ކަމެއް ކަމެވެ. އެމީހާއަށް އެކަން ކުރުމުގެ މަގު ﷲ ތަޢާލާ ފަހިކޮށް ދެއްވަވާނެއެވެ. 

މިއަދު އޮންލައިން