ﷲ އާއިމެދު ގިނަ ބައަކަށް ޤަބޫލު ނުކުރެވޭ މި ކަންކަން އެނގި ޤަބޫލުކުރެވޭނެ ނަމަ…!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 57ސ
ﷲ އާއިމެދު ގިނަ ބައަކަށް ޤަބޫލު ނުކުރެވޭ މި ކަންކަން އެނގި ޤަބޫލުކުރެވޭނެ ނަމަ…!

ދުނިޔޭގެ އާބާދީއަށް ބަލައިފިނަމަ މުސްލިމުންގެ އަދަދު 33% އަށް އަރައިގެންދާއިރު ތިމާއަށް ﷲ ދެއްވެވި އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމް ދީނުގެ ހިދާޔަތްކަން ޤަބޫލުކުރެވެނީ ކިތައް މުސްލިމުންނަށް ހެއްޔެވެ؟ މި އީ ވަރަށް މުހިންމު ސުވާލެކެވެ.

 

ދުނިޔޭގެ ޢާބާދީ ކިތަންމެ ގިނަވެގެން ދިއަ ނަމަވެސް އާޚިރަތުގައި ނުވަތަ ޢާޚިރަތް ދުވަހު ސަލާމަތްކަން ލިބޭނީ މުސްލިމުންނަށެވެ. ﷲ ތަޢާލާ އެންގެވި ގޮތުގައި އަމަލުކުރި މުސްލިމުންނަށެވެ.

 

މުސްލިމުންގެ ތެރޭގައި ދެ ބާވަތެއްގެ ބައަކު އެބަ ތިއްބެވެ. އެއްބައަކީ ﷲ ތައާލާގެ އެއްކައުވަންތަކަން ޤާބޫލުކޮށްގެން ތިބި ނަމަވެސް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ ގޮތަށް އަމަލު ނުކުރާ މީހުންނެވެ. ފަރުޟުތައް އަދާ ނުކޮށް އަދި މުންކަރާތްތަކަށް އަރައިގަންނަމުންދާ މީހުންނެވެ.

 

ﷲ ތަޢާލާއަށް ޝަރީކު ނުކުރާނަމަ އެމީހަކު ކުރި ފާފަތަކަށް ޢުޤޫބާތް ލިބި ނިމުމުން ނަރަކައިން ސަލާމަތް ކުރައްވަވާނެ ކަމަށް އުންމީދުކުރެވިދާނެއެވެ. ނުއެނގޭ ކަމަކީ ނަރަކައިގެ ގަދަފަދަ ޢަޛާބުގައި ހޭދަ ކުރަންޖެހޭނީ ކިތައް ޓްރިލިއަން އަހަރުކަމެވެ.

 

ދެވަނަ ބާވަތުގެ މުސްލިމުންނަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ޢަމަލުކުރާ މުސްލިމުންނެވެ. ކީރިތި ޤްރްއާނަށް ފުރިހަމައަށް އަމަލުކުރާ މީހުންނެވެ. އެމީހުންނަކީ ނަރަކައަށް ވަންނަން ނުޖެހޭނެ ސުވަރުގެވަންތަވެރިން ކަމަށް އުންމީދުކުރެވިދާނެއެވެ.

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މުސްލިމަކަށް ވެވުމަކީ ﷲ ތަޢާލާ މީހަކަށް ދެއްވަވާނެ އެންމެ މަތިވެރި ނިޢުމަތެވެ. އެހެނީ އެއީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށް ލިބޭ ތަޅުދަނޑިއެވެ. އެ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމާއި ނުހިފުން އޮތީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައެވެ.

 

ތިމާއަކީ މުސްލިމަކު ކަމުގައި ލެއްވެވުމަކީ ކިހައި ވަރެއްގެ މަތިވެރި ނިއުމަތެއް ކަމާއިމެދު ވިސްނާ މީހާ އެކަމަށް ސަމާލުކަން ދޭނެއެވެ. ﷲ ތަޢާލާ ދެއްވެވި ނިޢްމަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތް ކުރާނެއެވެ. އެ ނިޢްމަތް ތިމާގެ އަތުން ބީވެގެން ދިއަ ނުދީ ހިފަހައްޓަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެއެވެ.  

 

މުސްލިމަކު ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ކުރާނަމަ އެކަމަށް ﷲ ތަޢާލާ އިންތިހާއަށް ލޯބިވެވޮޑިގަންނަވައެވެ. އެމީހަކަށް އެކަމުގެ ފުރުޞަތު ފަހިކޮށް ދެއްވަވައެވެ. ފާފަ ކުރެވޭ މީހަކު ފާފަކުރުން ހުއްޓާލައި ތައުބާވުމަކީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ކަންތައް ކަމުގައި ބުނެވެނީ އެހެންވެގެންނެވެ.

 

އަހަރެމެންނަށް ނުވިސްނޭ ނުވަތަ ޤަބޫލު ނުކުރެވޭ ބައި:

 

ތިބާ ތިބާގެ މައިން ބަފައިން ދެކެ ލޯބިވަމުއެވެ. އެމީހުން ތިބާ އެދޭހައި ކަންކަން ކޮށްދޭތީއެވެ. ތިބާ އުފަލުގައި ބަލައި ބޮޑުކުރާތީއެވެ. ތިބާ ތިބާގެ އަނބިން، ފިރިން ދެކެ ލޯބިވަމުއެވެ. ތިބާއަށް އުފަލާއި ހިތްހަމަޖެހުން ހޯދައިދޭތީއެވެ. ލިބިފައިވާ ތަނަވަސް ކަމަށް އުފާކުރަމުއެވެ. ތިބާ ބޭނުންހައި ކަމެއް އެ ތަނަވަސްކަމުން ފުއްދޭތީއެވެ. މިގޮތަށް މި ލިސްޓް ދިގު ކުރެވިދާނެއެވެ.

 

ތިބާއަށް ނުވިސްނޭ އަދި ޤަބޫލު ނުކުރެވޭ ބައަކީ މިހުރިހާ ކަންކަން ތިބާއަށް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. އޯގާތެރި މައިން ބަފައިންނާއި ލޯބިވާ، އަނބިން، ފިރިންނާއި އަދި ތަނަވަސްކަމާއި ރަނގަޅު ވަޒީފާވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ.

 

އެކަންކަން ތިބާއަށް ޤަބޫލުކުރެވޭނަމަ ތިބާ ސަޖިދަކުރުން ހުއްޓައެއް ނުލާނެއެވެ. މާނައަކީ ފަރުޟު ނަމާދުތައް ކުރުމާއިއެކު ސުންނަތް ނަމާދުތައް ކުރުން ގިނަ ކުރާނެއެވެ. ކީރިތި ޤްރްއާން ރީތި އުރައަކަށްލާފައި ގޭގައި ބޭއްވުމުގެ ބަދަލުގައި ގިނަގިނައިން ކިޔަވައި މާނަ ދަސްކޮށް ޢަމަލުކުރާނެއެވެ. ﷲ ތަޢާލާގެ ލޯބި ލިބިގަތުމަށް ކުރެވުނުހައި ކަމެއް ކުރާނެއެވެ. ގިނަގިނައިން ޞަދަޤާތް ދޭނެއެވެ. އެނޫން ހެޔޮ އަމަލުތައްވެސް ގިނަކުރާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދރުސަކުން  

މިއަދު އޮންލައިން