އޭނާއަކީ ޒުވާނެކެވެ. މުސްލިމެކެވެ. ނަމަވެސް ދީނުގެ ކަންތައްތަކަށް އެހައި ބޮޑަށް ސަމާލުކަން ދޭ މީހެއް ނޫނެވެ. ރައްޓެއްސެއްގެ ދައުވަތަކަށް ޕާޓީއަކަށް ދިއައިރު ދިއައީ ކާރުގައި ކީރިތި ޤްރްއާން ޖަހައިގެންނެވެ. މާނަ އާއިއެކުގައެވެ.
ކަން ދިމާވިގޮތުން ކިޔެވެމުން ދިއަ އާޔަތްތަކުގެ މާނައިން އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މި ކުރެވޭ ކަމަކީ ރަނގަޅު ކަމެއް ނޫންކަން ވިސްނުނެވެ. މިދެވެނީ މުންކަރާތްތަކަކަށް އަރައިގަންނަންކަން ހިތަށް ވަނެވެ. އެކަމަށް ހުރި ޢަޛާބުގެ ވާހަކަ އަޑު އިވުމުން ހިތަށް ބިރުވެރިކަން ވަދެ ޕާޓީއަށް ނުދިއުމަށް ނިންމިއެވެ.
ކޮންމެއަކަސް ޕާޓީ އޮތް ތަނަށް ދާން ހުރަސްކުރަނެޖެހޭ ބްރިޖާއި ދާދިގާތްވެފައި ހުއްޓައި އޭނާގެ ޚިޔާލު ބަދަލުވެ ކާރު އަނބުރައިލިއެވެ. ޕާޓީއަށް ނުދާން ނިންމައި އެވެ.
އޭނާ އެނބުރި ދިއައީ ގެއަށެވެ. ގެއަށް ގޮސް ހަމަޖެހިލައި ފެންވަރާލައި ހަދައިގެން ގޮސް ސިޓިންގ ރޫމްގައި އިށީނދެ ޓީވީ ހުޅުވައިލިއިރު އަންނަނީ "ބްރޭކިންގ ނިޔުސް" އެކެވެ. ދާދި ދެންމެ އޭނާ ޕާޓީއަށް ދިއުމަށް ހުރަސްކުރަން އުޅުނު ބްރިޖްގެ ބައެއް ހަލާކުވެ ގިނަ ބައަކު ކާރުތަކާއިއެކު ކޯރަށް ވެއްޓިގެން އުޅޭ ޚަބަރެވެ.
ޚަބަރު އަޑު އިވުމުން ގިނަ ބައަކަށް ބޮޑު މުޞީބާތެއް ކުރިމަތިވުމުން ނުވަތަ މަރުވުމުން އިންތިހާއަށް ކަންބޮޑުވިއެވެ. ދެރަވިއެވެ. ހަމަ އެޢާއިއެކު ހަމަ އެހާލުގައި ޖެހުމުގެ ފުރުޞަތު އޮތް އޭނާ އެޙާލަތުން ސަލާމަތްވި ކަމަށްޓައި އުފާކުރިއެވެ. އަދި އޭނާއަށް ﷲ ތަޢާލާ މިންވަރުފުޅު ކުރެއްވެވި ހެޔޮ ނިޢުމަތަށްޓަކައި ޝުކުރުކޮށް ކުރިއަށް އޮތްތަނުގައި އަމަލުތައް ކީރިތި ޤްރްއާނާއި އެއްގޮތް ކުރުމަށް ޢަޒުމް ކަނޑައެޅިއެވެ.
މިހާދިސާ ވެގެންދިއައީ ކީރިތި ޤްރްއާނުގެ މާނަ ދަސްކުރަން އިންތިހާއަށް އޭނާ ޝައުޤުވެރި ކުރުވި ކަމަށެވެ. އެކަމުގެ ނަތީޖާ އެނގޭ ހެއްޔެވެ؟ 3 އަހަރު ފާއިތުވިއިރު އޭނާ ހުރީ ކީރިތި ޤަރައާނުގެ މާނަ ވަރަށް ރަނގަޅަށް ދަންނަ މީހެއްގެ ގޮތުގައެވެ. އެހެން މީހުންނަށް ކިޔައިދީ ހޭލުންތެރި ކުރުވާ މީހަކަށްވެފައެވެ.
އިތުރު ކަމެއް ފާހަގަކުރާނަމެވެ. މިހުރިހާ ފައިދާތަކާއި މަންފާއެއް އޭނާއަށް އެ ލިބުނީ ކީއްވެގެން ހެއްޔެވެ؟ ކީރިތި ޤްރްއާނުގެ މާނަ އެނގުމުން އެއަށް ބިރުވެތިވީތީއެވެ. ކީރިތި ޤްރްއާނަށް ޢަމަލުކުރަން ބޭނުން މީހަކަށްވީތީއެވެ. އެކަމަށް ގަދަ އަޅައި މަސައްކަތް ކުރީތީއެވެ.
ކޮންމެ މީހަކަށް އެއް ގޮތަކަށް ކަންތައްތައް މެދުވެރިނުވެދާނެއެވެ. ނަމަވެސް ކީރިތި ޤްރްއާން ދަސްކޮށް އަމަލުކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށް ﷲ ތަޢާލާ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެއެވެ. ކުރިއެރުމާއި ކާމިޔާބީ މިންވަރު ކުރައްވަވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން