މާދަމާއިންފެށިގެން އައި.ޖީ.އެމް.އެޗް ގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
މާދަމާއިންފެށިގެން އައި.ޖީ.އެމް.އެޗް ގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް އަޅަނީ!

ކޮވިޑް 19 އާއި ގުޅިގެން ދިމާވެފައިވާ ހާއްސަ ހާލަތަށް ރިޢާޔަތްކޮށް އަައި.ޖީ.އެމް.އެޗްގައި އަމަލު ކުރަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް، 2021 މެއި 5 ވާ ބުދަ ދުވަހުން ފެށިގެން އަންނަނިވި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. 

މާދަމާއިން ފެށިގެން އެޅުމަށް ނިންމާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް:

1- އައި.ޖީ.އެމް.އެޗްގެ އިމާރާތުން ލިބެންހުންނަ ހިދުމަތްތައް ހޯދުމަށް އަންނަ ފަރާތްތައް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ގޭޓަކީ ހަމައެކަނި ކަނބާ އައިސަރަނި ހިނގުމުގައިވާ މައި ގޭޓް ކަމުގައި ކަނޑައަޅައި ދެން ހުރި ހުރިހާ ގޭޓެއް (ބޮޑުތަކުރުފާނު މަގުގައިވާ ކެންޓީން ގޭޓް އަދި އެސް.ޓީ.އޯ ފާމަސީ ކައިރިން ވަންނަ ގޭޓް) ބަންދު ކުރުން. 

2- ކަނބާ އައިސަރަނި ހިނގުމުގައިވާ މައި ގޭޓުން ހިދުމަތް ހޯދުމަށް ވަންނަ ފަރާތްތަކުގެ ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރަން ފެށުން.

3- އަވަސް ފަރުވާ ބޭނުންވާ ފަރާތްތައް އިމަރޖެންސީ މައި ގޭޓް ބޭނުންކުރުން. އަދި މި ފަރާތްތަކުގެ ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރަން ފެށުން. 

4- ދަރުމަވަންތަ ހޮސްޕިޓަލުން ދެވޭ ހިދުމަތްތަށް ހޯދުމަށް އަންނަ ފަރާތްތައް ހަމަ އެކަނި ބޮޑުތަކުރުފާނު މަގުގައިވާ ގޭޓް ބޭނުން ކުރުން. އަދި މި ގޭޓުން ވަންނަ ފަރާތްތަކުގެ ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރަން ފެށުން.

5- ދުރާލާ ރާވައިގެން ކުރެވޭ އޮޕަރޭޝަންތައް ކުރުން މެދުކަނޑާލުން. 

6- ކޮންމެހެން ޒިޔާރަތްކުރަންޖެހިއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުން. އަދި ހޮސްޕިޓަލަށް ވަޑައިގަންނަވާނަމަ މާސްކު އެޅުއްވުމަށާއި 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން.

އައި.ޖީ.އެމް.އެޗުން ބުނެފައިވަނީ ހޮސްޕިޓަލުގެ ހިދުމަތްދޭ ގޮތްތަކަށް މަތީގައިވާ ބަދަލުތައް ގެނެސްފައިވަނީ އާއްމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި މި ބަދަލުތައް ގެނެވުނުކަމުގައި ވީނަމަވެސް ކުއްލި ހާލަތުގައި ފަރުވާ ހޯދަންޖެހޭ ބަލިމީހުންނަށް އަވަސް ފަރުވާގެ ހިދުމަތް 24 ގަޑިއިރު ލިބެމުންދާނެ ކަމަށެވެ.

ހަލުވިކަމާއިއެކު ފެތުރެމުންދާ މި ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލު ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި ދިވެހި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ލިބެމުންދާނެކަމަށް އުއްމީދުކުރާ ކަމަށް ވެސް އައި.ޖީ.އެމް.އެޗުން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން