އަހަރެމެންގެ މަންމަ އާއި ބައްޕަ، އާދަމްގެފާނާއި ޙައްވާގެފާނު އުފެއްދެވުމަށްފަހު ލެއްވެވީ ސުވަރުގޭގައެވެ. ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަތީ ޝައިޠާނާގެ ސަބަބުންނެވެ. ޝައިޠާނާއަކީ މީސްތަކުންގެ މައްޗަށް ހުރި ޢަދާވާތްތެރިއެކެވެ. އެކަން އަބަދުވެސް ހިތުގައި ބާއްވައިގެން ނޫނީ އިމްތިހާނުން ހަމަ އެކަކުވެސް ފާހެއް ނުވާނެއެވެ. ޝައިޠާނާއަކީ ޢަދާވާތްތެރިއެއް ކަމުގައި ﷲ ތަޢާލާ ވަނީ ބަޔާންކުރައްވަވައިފައެވެ.
އިބިލީސް މީސްތަކުން ދަލުގައި ޖައްސުވަނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން އެއީ ޒީނަތުގެ ގޮތުގައި މީސްތަކުންނަށް ދައްކުވައިގެންނެވެ. ހަވާ ނަފުސުގެ އެދުންތަކަށް ހައްލުވައިގެންނެވެ. ދުނިޔޭގައި އެންމެ ގިނަ ބައަކު ތަޅާ ފޮޅަނީ އަންހެނުންނާއި ހުރެއެވެ. ދުނިޔޭގައި އެންމެ ފުރަތަމަ މީހަކު މަރައިލެވުނީ އަންހެނަކާއި ހުރެއެވެ. ދެވަނައަށް އެންމެ ގިނައިން ތަޅާ ފޮޅަނީ ފައިސާގެ ދަހިވެތިކަމުގައެވެ. ފައިސާއަކީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް ހިތް ފުރޭނެ އެއްޗެއް ނޫނެވެ. އެހެން ނޫން ނަމަ ޤާރޫނުގެ ހިތް ފުރޭނެއެވެ.
- ޝައިޚް ޙަސަން ލަޠީފް މޫސާގެ ދަރުސަކުން