ސަމާލުކަންދޭންޖެހޭ ކަމެއް!: ދަރިއަކަށް ޚަރަދުނުކުރުމުން އުފާވެރިކަން ނުލިބި ދިރިއުޅެން ކުރާ މަސައްކަތުގައި ކުރިއެރުން ނުލިބުނު ތަނަވަސްމީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 29ސ
ސަމާލުކަންދޭންޖެހޭ ކަމެއް!: ދަރިއަކަށް ޚަރަދުނުކުރުމުން އުފާވެރިކަން ނުލިބި ދިރިއުޅެން ކުރާ މަސައްކަތުގައި ކުރިއެރުން ނުލިބުނު ތަނަވަސްމީހެއްގެ ވާހަކަ-

އަހުރެން މިހެން ބުނީތީވެސް ހޯދައި ބަލާށެވެ! ކިތަންމެ ތަނަވަސްނަމަވެސް އުފާވެރިކަން ނުލިބިގެން ކަންބޮޑުވާންޖެހިފައިވާ ބެލެނިވެރިން ވަރަށް ގިނަވާނެއެވެ. އަދި ފަޤީރު ޙާލުގައިވެސް އުފަލުގައި އުޅެވޭ ބެލެނިވެސް ވަރަށް ގިނަވާނެއެވެ. އެމީހުންގެ ކަންކަމަށް ހޯދައި ބެލުމުން އެންމެ ގިނައިން ފެންނާނީ އެމީހުން ބަލަންޖެހޭ ދަރިންނަށް އަޅައިލުމާއި ނުލުމުގެ ތަފާތެވެ. 

އެކަން އެގޮތަށް މެދުވެރިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވވާ އެއްސަބަބަކީ ދަރިންނަށް އަޅައިލުމަށެވެ. އެހީތެރިވުމަށެވެ. އެކުދިންނަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަށެވެ. ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށެވެ. އެކަންކަން ނުކުރާނަމަ އެމީހަކަށް ޙައްޤު ޖަޒާ ދުނިޔޭގައިވެސް މިންވަރުކުރައްވަވަތެވެ. އެކަން މީސްތަކުންގެ ލޯތަކަށް ދައްކަވަތެވެ. 

ދަރިންނަށް ޚަރަދުނުކުރާނަމަ އެދަނީ ދަރަނިވެރިވެރިވުމުގެ އިތުރުން ފާފަވެރިކަމުންކަމަށް ވިސްނައި ބިރުވެތިވާށެވެ! ފާފަކުރާ ކޮންމެ މީހަކަށް ދުނިޔެމަތީގައި ކޯފާ ނުލައްވަވާތީ ބިރުނުގަންނަނީއެވެ. ކޯފާ ލައްވަވާ މީހުންނަށް ކުރިމަތިވާ ކަންކަމުން ޢިބްރަތް ޙާޞިލުނުކުރަނީއެވެ. 

ތިރިޣައިވާ ލިޔުމުގައި އެވަނީ ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. މިފަދަ ވާހަކަތައް ތަކުރާރުކޯށް ކިޔުންތެރިންނަށް ގެނެސްދެނީ މައްސަލައަށް ހޭލުންތެރިވެ ޢަމަލުތައް އިޞްލާޙްކުރަން ބާރުއެޅުމުގެ ގޮތުންނެވެ. ފާފަވެރިވުމުން ސަލާމަތްކުރުވޭތޯއެވެ. 

އިންސާނުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެއްކަމަށް ބުނަން ޖެހެނީ އެމީހުން ކުރަން ބޭނުން ކޮންމެ ކަމެއް އެމީހުން ކުރަން ބޭނުންވާ ގޮތަށް ކުރަން ޖެހިލުމެއް ނުވާތީއެވެ. އަދި ﷲ ތަޢާލާ ކަމެއް ނިންމަވައިފިނަމަ އެކަމަކާއިމެދު ކަންބޮޑުވާތީއެވެ! 

މިކަމުގެ އެއް މިސާލަކީ ދަރިންނާއިމެދު ޢަމަލުކުރެވޭ ގޮތެވެ. ﷲ ތަޢާލާ ދަރިފުޅުގެ ފުރާނަ ގެންދަވައިފިނަމަ އެކަމާއި ދެރަވެ ހިތާމަކުރެއެވެ. ރޮއިހަދައެވެ. އަބަދުއަބަދު އެދަރިފުޅުގެ ވާހަކަދައްކައެވެ. 

ސުވާލަކީ ދަރިން ކުޑައިރު ދަރިން އެކަނިވެރިކޮށްލާފައި ރޮމުހެއްޔެވެ؟ އަޅައިނުލާ އެއްލާލާފައި ރޮމުހެއްޔެވެ؟ މައިންބަފައިން ދިރިތިމެ ދަރިފުޅަކީ ޔަތީމް ކުއްޖަކަށްހަދާފައި އެކަމުގެ ވާހަކަދައްކަމުހެއްޔެވެ؟ 

އަނބިން ވަރިކުރުމަށްފަހު ދަރިންނާއި އަޅައިނުލުމަކީ މިއަދު އެންމެ އާންމު އެއް ވަބާއެވެ. އެންމެ ގިނަ ބައަކު އެއްވެސް ބިރެއްނެތި ކުރާ އެންމެ ބޮޑު އެއްފާފައެވެ. ދަރިންނަށް އަޅައިނުލުމަކީ ﷲ ތަޢަލާގެ އެމީހަކަށް ބަރަކާތް ކެނޑިގެންދާ ކަމެއް ކަމުގައިވެ ކޮންމެ ދުވަހަކުހެން ދަލީލުތައް ދަނީ ފެންނަމުންނެވެ! 

މިމިކިޔައިދޭ ވާހަކައިން ޔަޤީންކޮށްލާށެވެ! 

އުރުދުންގެ ވިޔަފާރިވެރިއެކެވެ. އެތައް ބައިވަރު ފިހާރަތައް ހިންގައެވެ. އަހަރުން އަހަރަށް ހުޅުވާ ފިހާރަތައްވެސް ގިނަވެއެވެ. ނަމަވެސް ދުވަހަކުވެސް ކުރިއެރުމެއް ނުލިބެއެވެ. އަބަދުވެސް އުޅެން ޖެހެނީ ދަރަނިން ސަލާމަތް ނުވެގެންނެވެ. ނުވަތަ ކޮންމެވެސް ބޮޑު ކަންތައްގަނޑެއް ލައިގަނެގެންނެވެ.  

މިކަމުން ސަލާމަތްވޭތޯ ތަފާތު ފަންޑިތައް ހައްދުވައިގެންވެސް ވީހަމަ އެއްކަމެއް ނެތެވެ. ޙާލަތު ބަދަލެއް ނުވެއެވެ. އަހަރުން އަހަރަށް ކަންކަން ދަނީ ދަށަށެވެ. ކުރިމަތިވާ މުޞީބާތްތައް ވަނީ އިތުރެވެ. ވިޔަފާރީގެ ނަފާއިން ކުރާ މަންފާއެއް ނުފެނެއެވެ. 

އެންމެފަހުން އޭނާ ދީނީ އިމާމަކާއި ބައްދަލުކޮށް ލަފައަކަށް އެދުނެވެ. އިމާމް ވިދާޅުވީ ކޮންމެ ރެއަކުވެސް ބައެއްގައި ނިދާފައި ތެދުވެ ދަމު ނަމާދުކުރުމަށްފަހު ތިމާއަށް ކުރެވިފައިވަނީ ކޮން ކުށެއްކަން ނުވަތަ ކުރެވެނީ ކޮން ފާފައެއްކަން އަނގަވައި ދެއްވެވުން އެދި ދުޢާ ކުރުމަށެވެ. އިމާމް ވިދާޅުވިފަދައިން ކަންތައް ކުރަން ފެށިތާ ހަފްތާއެއްވެސް ނުވަނީސް އޭނާއަށް ހުވަފެނުގައި ފެނުނީ އޭނާގެ ފުރަތަމަ ދަރިފުޅެވެ. ވަރަށް ހެވިފައި ހުއްޓައެވެ. 

ނިދީން ހޭލެވުމާއިއެކު ވިސްނުނެވެ. އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ. އުމުރުން 4 އަހަރުގައި އޭނާގެ މަންމަ ވަރިކޮށްފައި ފޮނުވައިލެވުނު ފަހުން ދަރިފުޅު ދިރިހުރިތޯވެސް ބަލައިލެވިފައެއް ނުވެއެވެ. އެހެންދަރިންނަށް މިހައި ބޮޑެތި ޚަރަދުތައް ކޮށް ކިޔަވައިދީ ކަންކަން ކުރަމުން ގެންދާއިރުވެސް އެންމެ ކުޑަމިނުން އެ ދަރިފުޅު އުޅެނީ ކައިގެންތޯވެސް ބަލައި ލެވިފައެއް ނުވެއެވެ. 

ހަމަ އަނެއް ދުވަހު ފުރައިގެން ލެބަނަނަށް ދިއައެވެ. އަދި ދަރިފުޅުގެ މަންމަ އާއި ބައްދަލުކުރިއެވެ. ފާއިތުވި 6 އަކަ އަހަރު ދުވަހު ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކުރާ ކަމަށް ބުނެ މަޢާފަށްވެސް އެދުނެވެ. އަދި ކުރިއަށް އޮތްތަނުގައި އެހީތެރިވާނެ ކަމަށްވެސް ބުނެ އޭނާގެ ވައުދު ފުއްދަން ފެށިއެވެ. އިސާހިތަކު އޭނާގެ ވިޔަފާރިއަކީ ނަފާ ލިބޭ ވިޔަފާރިއަކަށް ބަދަލުވެގެން ދިއައެވެ. ހީވެސް ނުކުރާހައި ބޮޑު މަންފާ ވިޔަފާރިން ލިބެން ފެށިއެވެ. 

އެއްވެސް ބާވަތެއްގެ މުޞީބާތެއް ނުވަތަ ހިތަދަތި ކަމެއް ކުރިމަތިވެއްޖެނަމަ އަދި ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ކުރިއެރުން ނުލިބޭ ނަމަ ފުރަތަމަ ވެސް ހަމަޖެހިލައިގެން އިނދެ ވިސްނަންވީ އެމީހަކަށް ކުރެވެމުންދާ ފާފައަކީ ކޮބައިތޯއެވެ! އެހެނީ އިންސާނުންނަށް ﷲ ތަޢާލާ ބަސްފުޅު ވަޙީ ކުރައްވަވައި ތިއަ ފާފައެއް ނުކުރުމަށް އަމުރުފުޅު ކުރައްވަވާނެ ކަމަށް އުންމީދުކުރުމެއް ނެތެވެ. ތިބާ ތިއުޅެނީ އަނބި ދަރިންނަށް ނުވަތަ ތިބާ ބަލަހައްޓަން ޖެހޭ މިވެނި މީހަކަށް ޚަރަދު ނުކޮށް ކަމުގައި އަންގަވާނެ ކަމަށް ވެސް ހީކޮށްގެން ނުވާނެއެވެ. އިންސާނުންނަށް އަންގަވާ އެންގެވުންތައް އަންގަވަނީ ތަފާތު ގޮތްގޮތުންނެވެ. 

ކޮންމެ މުޞީބާތަކީވެސް ނުވަތަ ހިތްދަތިކަމަކީވެސް ކުރެވެމުންދާ ފާފައެއް ނުވަތަ ފާފަތައް ހުއްޓާލުމަށް އަންގަވާ އެންގެވުމެކެވެ. ނޫން ނަމަ ކުރައްވަވާ އިމްތިޙާނެކެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ފުރަތަމަވެސް ވިސްނައިލަން ޖެހޭނީ ކުރިން ބުނި ފަދައިން އެމީހަކަށް ކުރެވެމުންދާ ފާފައަކީ ނުވަތަ ނުރަނގަޅު އަމަލަކީ ކޮބައި ކަމާއިމެދުގައެވެ. 

އެއަށްފަހު އަވަހަށް އެކަންކަން އިޞްލާޙްކޮށްލާށެވެ! އެކަމުގެ ފައިދާ އިސާހިތަކު ތިބާއަށް ފެންނަން ފާށާނެއެވެ. މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެކަމުގެ މަންފާ ފެނިގެންދާނެއެވެ. ހުރިހާ ވެސް މައްސަލައަކީ މިފަދަ ކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން