އެނާއަކީ މަޝްހޫރު އޮޕަރޭޝަން ޑޮކްޓަރެކެވެ. އެކަމަކު އެހެން ޑޮކްޓަރުން ފަދައިން ތަނަވަސްކަން އިތުރުވެގެނެއް ނުދެއެވެ. ސަބަބަކީ އެނާއަށް ދައްކާ ބަލިމީހުންގެ ތެރެއިން އޮޕަރޭޝަނަށް ކުރަންޖެހޭ ކަރަދު ނުކުރެވޭ މީހުންގެ އޮޕަރޭޝަނަށް އެއްވެސް އަގެއް ނުނަގައި ހިލޭ ކޮށްދޭތީއެވެ.
އޭނާގެ ޢުމުރުން 70 އަހަރަށްވުރެ މަތިވެފައި ހުއްޓާ އޭނާގެ ދަރިފުޅު ނިޔާވުމުން ކާފަދަރިފުޅު ބަލަމުން ދަނިކޮށް ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ކުރުމަށްފަހު ބުނީ ވަރަށް އަގުބޮޑު އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ.
އެވަޤުތު އޭނާގެ ސިކުނޑި ސުމަކަށް ދިއައެވެ. އެއްކޮޅުގައި ދަރިފުޅުގެ ފުރާނައެވެ. އަތުގައި އެއްވެސް ފައިށާއެއް ނެތެވެ. ލިބޭ ޕެންޝަނުން ދިރިއުލެވެނީ ކިރިޔާއެވެ. އެކަންކަމަށް ވިސްނައިލެވުމުން ލޮލުން ކަރުނަ އޮހޮރުނެވެ.
އެވަޤުތު ޑޮކްޓަރު ގޮނޑިން ތެދުވެ ޓިޝޫއަކުން އޭނާގެ ކަރުނަތައް ފުހެލައިދިނުމަށްފަހު ރޮވުނީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ޙާލު ހުރި ގޮތް ކިޔައިދިނުމުން ޑޮކްޓަރު ބުނީ ނުރޮއި އުފާކުރުމަށެވެ. އެންމެ ޑޮލަރެއްވެސް އޭނާގެ އަތުން ޚަރަދުކުރަން ނުޖެހޭނެ ކަމަށެވެ. "ޑޮކްޓަރަށް މިއަދު އަހުރެން ނުއެނގިދާނެއެވެ. އަހުރެން ކުޑައިރު އަހުރެންގެ މަންމަ އޮޕަރޭޝަނެއް ކުރަންޖެހި ހަމަ މިޙާލަތު ކުރިމަތިވިއެވެ. އެދުވަހު މަންމަގެ ފުރާނަ ސަލާމަތްކުރެވުނީ ޑޮކްޓަރު އެކަން ހިލޭ ސާބަހަށް ކޮސްދިނީތީއެވެ. މިއަދު މިއީ އަހުރެންގެ ދުވަހެވެ. ޑޮކްޓަރުގެ ދަރިފުޅުގެ އޮޕަރޭޝަނާއިބެހޭ ހުރިހާ ޚަރަދެއް ކުރާނީވެސް ދަރިފުޅު ބަލާނީވެސް އަހުރެންނެވެ."
އެހިސާބުން އަނެއްކާވެސް އޭނާއަށް ރޮވުނެވެ. ނަމަވެސް މިފަހަރު ރޮވުނީ އުފަލުންނެވެ. އެފަހަރުވެސް ޑޮކްޓަރު ތެދުވެ އޭނާގެ ކަރުނަތައް ފުހެދިނުމުން ބުންޏެވެ. "ދަރިފުޅާއެވެ. ކަލާނގެ ދަރިފުޅަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އަހުރެންގެ ދަރިފުޅަށް މިދަރިފުޅު ލިބުނުތަނާ އަނބިމީހާ ދެބަފައިން ދޫކޮސްލާފައި ވަކިވެގެން ދިއައީއެވެ. އެއިގެ ކުޑަދުވަސްކޮޅެއް ފަހުން ދަރިފުޅުވެސް މަރުވީއެވެ. އެހެންވެ މިދަރިފުޅު ގޮވައިގެން މިއުޅެނީ ވަރަށް ދަތިޙާލުގައެވެ. އެކަނިވެރިކަމާއިއެކުގައެވެ."
ޖަވާބުގައި ޑޮކްޓަރު ބުންޏެވެ. "ތިއައިން އެއްވެސް ކަމަކަށް ދެން ނުވިސްނާށެވެ. އޮޕަރޭޝަންކޮށް ގދަވީމާ ޕާޓީ ބާއްވަންވާނެއެވެ."
އަނެއްދުވަހު ހެނދުނު އޮޕަރޭޝަންކުރަން ތިއޭޓަރަށް ގެންދަންވީއިރަށް ކޮޓަރި ފުރެންދެން މީހުން ވަދެއްޖެއެވެ. ވާނުވާއެއްވެސް ނުއެނގި ހުއްޓާ ނަރުހުން ދަރިފުޅު ގޮވައިގެން ތިއޭޓަރަށް ދިއުމުން އެންމެން އެކުގައި މުސްކުޅި ޑޮކްޓަރުގެ ގައިގަ ބައްދައި އޮޅުލަން ފެށިއެވެ. މިއެންމެންނަކީވެސް އެކި ކަންކަމުގައި އޭނާގެ ކިބައިން ކުރިން އެހީތެރިކަން ލިބިފައި ތިބި މީހުންނެވެ. އެމީހުންގެ މަންމަ ނުވަތަ ބައްޕައަށެވެ. މިއެންމެންނަކީވެސް އޮޕަރޭޝަންކުރާ ޑޮކްޓަރު އޭނާގެ ފޭސްބުކުގައި "ޚިދުމަތްތެރި ޑޮކްޓަރު އަހުރެމެންގެ އެހީއަށް ބޭނުންވެފަ" ސުރުޚީގެދަށުން ކޮށްލި ކުރު ޕޯސްޓަކުން މަޢުލުމާތު ލިބިގެން ޚިދުމަތްތެރި ޑޮކްޓަރަށް އެހީތެރިވާން އައިސްތިބި މީހުންނެވެ. އެއިރު އެމީހުން ތިބީ ދަތިޙާލުގައި ނަމަވެސް މިއަދު ތިބީ ތަނަވަސްކަމުގައި ކަމަށްވާތީ އެހީތެރިވާން އައީއެވެ.
ކޮންމެއަކަސް ދަރިފުޅުގެ އޮޕަރޭޝަން ކާމިޔާބުވެ ޝިފާ ލިބި ގަދަވެގެން ހޮސްޕިޓަލުން ގެއަށް ދާންޖެހުނު ދުވަހު ދެބަފައިން ގެއަސް ދިއައީ އެތައް ބައެއްގެ ބައްޕައަކު ފަދައިން އެންމެންގެ އެހީތެރިކަމާއިއެކުގައެވެ. އެހިސާބުން އެދެބަފައިންގެ ހުރިހާ ކަންކަން އެއެންމެންވެގެން ވަރަށް ރަނގަޅަށް ބަލަހައްޓައިދިނެވެ.
މިވާހަކަ ކިޔާފައި މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ ތިމާއަށް ވާން އޮތްވަރަކަށް އެހެން މީހުންނަށް އެހީތެރިވުމުން ދުނިޔޭގައިވެސް އެކަމުގެ ފައިދާ އެމީހަކަށް ލިބިގެންދާ ގޮތް ބުނެލުމަށެވެ. އުންމީދުކުރަނީ މިވާހަކަ ކިޔާ ރާއްޖޭގެ ޑޮކްޓަރުންވެސް ޢިބްރަތް ޙާޞިލުކުރާނެ ކަމަށެވެ.
- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ