4 ދަރިން ގޮވައިގެން އެކަނި ދަތިޙާލުގައި އުޅެން ޖެހުމުން ޢިނާޔަތަކަށް ދަރިން ކޮޅާއެކު ގުރައިދޫ މަރުކަޒު ފަދަ ތަނަކަށް ގެންގޮސްދޭން އެދޭ އެކަނިވެރި މައެއްގެ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
4 ދަރިން ގޮވައިގެން އެކަނި ދަތިޙާލުގައި އުޅެން ޖެހުމުން ޢިނާޔަތަކަށް ދަރިން ކޮޅާއެކު ގުރައިދޫ މަރުކަޒު ފަދަ ތަނަކަށް ގެންގޮސްދޭން އެދޭ އެކަނިވެރި މައެއްގެ އިޙްޞާޞްތައް-

އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރިކޮށްލީ ކައިވެންޏަށް 19 ވަނަ އަހަރުއެވެ. 12 އަހަރުން ދަށުގެ 4 ކުދިން އެބަތިއްބެވެ. އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭތަނުގައި ވަރިކުރި ފަހުން ލޮލަށްވެސް ނުފެނެއެވެ. ޙާލުވެސް ބަލައެއް ނުލައެވެ. ދިރިއުޅެނީ ކުލީ ކޮޓަރިއެއްގައެވެ. ކުލި ނުދެއްކެތީ ކޮންމެ ދުވަހަކު އިންޒާރުދެއެވެ. ދާނެ ރަށެއް ނެތެވެ. އެހީތެރިވާނެ އެކަކުވެސް ނެތެވެ. 

ވިސްނަން ހަދައިގެން މިއިންނަނީ ދުނިޔެއިން މޮޔަވާވަރުވެފައެވެ. އަޅުގަނޑަށް ލިބޭ އެކަނިވެރި މައިންނަށް ދޭ ޢިނާޔަތް ލިބުމަށްވުރެ އަޅުގަނޑާއި ދަރިންކޮޅު ގުރައިދޫ މަރުކަޒު ފަދަ ތަނަކަށް ގެންގޮސް ބަލައިދިނަސް މާރަނގަޅެވެ. 

ދަރިންނަށް ކާކަށް ނުދެވެއެވެ. ކިޔަވައެއް ނުދެވެއެވެ. މިނިކަމެތި ޙާލުގައި އުޅެންޖެހުމުން ކުރާ އަސަރު އެނގޭނީ ހަމަ މިފަދަ ޙާލެއް ކުރިމަތިވި މީހަކަށެވެ. އަލުގަނޑަށް ގޮތް ހުސްވެއްޖެއެވެ. މޮޔަނުވެ އިނދެވެނީ މިޙާލުގައިވެސް ނަމާދުކުރާތީއެވެ. 

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވާ ވާހަކައެކެވެ. މިފަދަ ހިތްދަތި ޙާލުގައި ކިތައް މައިން އެބަތިބިކަން އެނގޭ އެއްވެސް ފަރާތެއް ﷲ ތަޢާލާ ފިޔަވައި ވޭބާވައެވެ!

މިއަދުނޫހަށް ކުރެވެން އޮތް ކަމަކީ ހޭލުންތެރިކަން އިތުރުކުރުވަން މަސައްކަތްކުރުމެވެ. ތިރީގައިވާ ލިޔުމަކީވެސް ދަރިން އުކާލާފައިދާ ބައްޕައަކު ވިސްނައިފިނަމަ ޢިބްރަތަކަށްވާނެ ފިލާވަޅެކެވެ. އިން ޝާ ﷲ 

ފުރަތަމަވެސް ބުނެލަން އޮތީ މިދައްކަނީ ހުރިހާ ފިރިހެނުންގެ ވާހަކައެއް ނޫނެވެ. ދަރިން ލިބުމުން އެދަރިންނަށްޓަކައި ޤުރްބާންވާ ބައްޕައިންގެ ވާހަކައެއް ނޫނެވެ. ދަރިން ލިބުމުން މައިންގެ ނިކަމެތިކަމަށް ނުބަލައި މައިންގެ ބޮލާލައި ދަރިންކޮޅު ޖަހާފައި ފިލާ ފިރިހެނުންގެ ވާހަކައެވެ. 

އެފަދަ މީހުންނަށް ހީކުރެވިފައި އޮންނަނީ ދަރިންކޮޅު އުކާލާފައި ނުފެންނަ ހިސާބަށް ދިއުމުން މިހުރެވެނީ ހުރިހާ ކަމަކުން ސަލާމަތްވެވިގެން ކަމަށެވެ. ނަމަވެސް އެއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. 

ޙަޤީޤަތަކީ އެމީހަކަށް ލިބޭ މިންވަރަކުން ދަރިންނަށް އެހީތެރިނުވާނަމަ އޭނާއަށް އެހުރެވެނީ ހޫނު އަލިފާނުގެ ތެރޭގައެވެ. ތިމަންއަށް މިއުޅެވެނީ ވަރަށް އަރާމުގައިކަމަށް ވިސްނުނު ނަމަވެސް އެއީވެސް ވަރަށް ބޮޑު ކުށްހީއެކެވެ. އޭނާގެ ނަފްސްގައި އެހުރީ ހުޅުހިފާފައެވެ. އެހޫނު އޭނާއަށް އިޙްޞާޞްކުރެވޭނީ ޙިސާބު ބައްލަވާ ދުވަހުގައެވެ. 

މީގެ 2 އަހަރެއްވަރުކުރިން ޖަރުމަންވިލާތުގައި ހިނގި ކަމެއްގެ ވާހަކަ ނޫސްތަކުން ކީމެވެ. ވަރަށް އަސަރުކުރިއެވެ. 

ޚަބަރުގައިވާ ގޮތުން ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން ގެއަކަށް ފުލުހުން ވަދެބެލިއިރު ދޮޅު އަހަރުން ފެށިގެން މަތީގެ ފަސްދަރިން އެކުގައި މަރާލާފައި ތިބިތަން ފެނުމުން ފުލުހުން އެގެއިން ނުކުތީ ރޮމުންނެވެ. 

ފުލުހުން ބުނެފައިވަނީ އެ 5 ކުދިންވެސް މަރާލާފައިވަނީ ނޭވޭހާސްކޮށްގެން ކަމަށެވެ. އަދި އެކަންކުރިކަމަށް ބެލެވެނީ މަންމަ ކަމަށެވެ. މަންމަ ހޯދުމުގެ މަސައްކަތްކުރަނިކޮށް ފުލުހުންނަށް އެނގުނީ 5 ދަރިން މަރާލުމަށްފަހު 6 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ފިލިކަމެވެ. 

އެއިގެ ފަހުން އެނގުނީ ރޭލަކަށް އަރައިގެން މަންމަ އެ ދަރިފުޅު ގޮވައިގެން ރޭލުގައި ދަތުރުކޮށް ޑުސެލްޑޯފް ރޭލްވޭ ސްޓޭޝަނަށް ގޮސް ރޭލުދަށުވެ އަމިއްލައަށް މަރުވާން މަސައްކަތްކުރިކަމެވެ. 

އައިސީޔޫގައި އެތައް ދުވަހަކު ފަރުވާ ދިނުމުން ގަދަވެ ދިން މައްލޫމާތުން އެނގުނު ގޮތުގައި އޭނާގެ ފިރިމީހާ އޭނާ ވަރިކޮށްލާފައި ފިލީއެވެ. ކާންބޯންދޭން ނުލިބިގެން ދަރިން ބަނޑަށް މަރުވާތަން ދެކެން އޭނާއަށް ކެތްނުކުރެވުނީއެވެ. ވިސްނަމުން ގޮސް ހަމަބުއްދި ފިލައިދިއުމުން އަތުންފައިން ގޯސް ހެދުނީއެވެ. އެކަން ވިސްނުމުން އަމިއްލައަށް މަރުވާން މަސައްކަތްކުރެވުނީއެވެ. އޭނާ ބުނެފައިވާ ގޮތުގައި އެންމެ ދަރިއަކު އެކުގައި ގެންދިއައީ މަގުމަތީގައި ސަލާންޖަހައިގެން އުޅެންޖެހުނަސް އެންމެ ދަރިއަކު ގެންގުޅެވިދާނެ ކަމުގެ އުންމީދުގައެވެ. 

މަންމައަށް ކަންކަން ކުރެވުނު ގޮތް ރަނގަޅުކުރަނީއެއް ނޫނެވެ. ސުވާލަކީ މަންމަ އެޙާލަތަށް ވައްޓައިލި މީހާއަށް ސަލާމަތްވެވޭނެ ހެއްޔެވެ؟ އޭނާގެ ޒިންމާ ކޮބައިހެއްޔެވެ؟ ހިތާމައަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ކޮންމެ ދުވަހަކުހެން މިބާވަތުގެ އެތައް ބައިވަރު ހާދިސާތައް  ހިނގަމުންދާއިރުވެސް ވިސްނައި ނުލެވޭ ކަމެވެ. 

ލޮބުވެތި އަޚުންނޭވެ! ބިރުވެތިވާށެވެ! ލިބުނު ދަރިންކޮޅު އުކާލާފައިގޮސް މިއަދު އަރާމުގައިވެސް އުލެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ތިބާއަށް ކުރިމަތިލާންޖެހޭނެ ޙާލަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އެކަންކަމަށް ވިސްނައިލާށެވެ. ޔަޤީންކަމަކީ ދަރިން ބެލެހެއްޓުމުގެ ޒިންމާއިން ބައްޕައަށް ނުރެކެވޭނެ ކަމެވެ. ޒިންމާ އުފުލަން ނުޖެހި ނުދާނެ ކަމެވެ. ވީމާ އަހުރެންގެ ނަޞޭޙަތަކީ މިބާވަތުގެ އިހްމާލެއް ވެވިފައިވާނަމަ އަވަހަށް ތައުބާވެ ދެންވެސް ދަރިންނަށް ހެޔޮކޮށް ހިތަން ފެށުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ފެށުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ޤިޔާމަތް ދުވަހަކީ އެމީހަކު ދުނިޔޭގައި ހުރެ ކުޅަ ކޮންމެ ޢަމަލަކަށް ޒިންމާވާން ޖެހޭނެ ދުވަހެވެ. 

މިއަދު އޮންލައިން