މާލޭގެ ރައްޔިތުން ހަގީގީ ޝުކުރެއް އަދާކުރެވޭނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވުމުން ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ މުއިއްޒު މިހެން ވިދާޅުވީ މާލޭގެ ރައްޔިތުން އިންތިޚާބްކުރި ފުރަތަމަ މޭޔަރ ކަމުގެ ހުވާކުރެއްވުމަށްފަހު، މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.
މޭޔަރ މުއިއްޒު ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންނަށް އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށާއި މި ކާމިޔާބީގެ ޝުކުރު ހަގީގަތުގައި އަދާކުރެވުނު ކަމަށް ވާނީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެވުމުން ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު މޭޔަރ މުއިއްޒު ވަނީ 7 އަމާޒެއް ހިމެނޭ އެމަނިކުފާނުގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭން ހިއްސާކުރައްވާފައެވެ. މި ޕްލޭނުގައި މާލޭގެ ރައްޔިތުންގެ ގެދޮވެރިކަން ހައްލުކުރުމާއި، މީހާރަށްވުރެ ސާފުތާހިރުކޮށް މާލެ ތެރެ ބެލެހެއްޓުމާއި، މާލެއަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމާއި، މާލޭގެ ރައްޔިތުންނަކީ ފުދުންތެރި ދިރިއުޅުމެއް ދިރިއުޅޭ ބަޔަކަށް ހެދުމާއި، ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކައުންސިލްގެ ކަންކަން އިދާރީ ގޮތެއްގައި ހިންގުމާއި، ރައްޔިތުންނާ ބައްދަލުވާ ކައުންސޮލަކަށް މާލެ ސިޓީ ކައުންސިލް ހެދުން ހިމެނެއެވެ.
މީގެއިތުރުން މޭޔަރ މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލަކީ ޚިދުމަތުގެ ގޮވައްޗަކަށް ބަދަލުކުރައްވާނެ ކަމަށާއި މިއަމާޒުތަކަށް ވާސިލްވުމަށް ކުރައްވާ މަސައްކަތުގައި މުޅި ދައުލަތް އެކީގައި މާލޭ ސިޓީގެ ރައްޔިތުނަށްޓަކައި މަސައްކަތް ކޮއްދޭނެކަމަށް އުއްމީދުކުރައްވާ ކަމަށެެވެ.