ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗް.އެމް.އެފް) އިން ބޯފެން ހުސްވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން އައިޖީއެމްއެޗުން ދީފިއެވެ.
އައިޖީއެމްއެޗުން ބުނެފައިވަނީ އެޗް.އެމް.އެފް އަކީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަކޮށް، އެހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގަމުން އަންނަ ތަނެއް ކަމަށާއި އެޗް.އެމް.އެފް. ގައި ތިބޭ ބަލިމީހުންގެ ކެއިން ބުއިމުގެ ޚިދުމަތް ދެނީ ކޭޓަރިންގ އުޞޫލުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކަމަށެވެ.
ކެއުން އޮންނަ ހުރިހައި ވަގުތެއްގަ އާއި އެނޫން ވަގުތު ތަކުގައިވެސް މިތަނުން ބޯފެން (މިނަރަލް ވޯޓަރ) ލިބޭނެ ކަމަށާއި ކަންމިހެން އޮތްނަމަވެސް ބައެއް ބަލިމީހުންގެ ޢާއިލާގެ ފަރާތުން އިތުރަށްވެސް މިނަރަލް ވޯޓަރ ފޮނުވާ ކަމަށް އައިޖީއެމްއެޗުން ބުނެފައެވެ.
އައިޖީއެމްއެޗުން ބުނެފައިވަނީ ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުން އެޗް.އެމް.އެފް. އަށް ހަދިޔާކުރި މިނަރަލް ވޯޓަރ ވަނީ ފެސިލިޓީއިން ބަލައިގަނެފައި ކަމަށާއި މި ފެނަކީ ފެސިލިޓީ އިން މިނަރަލް ވޯޓަރ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް މިއީ ޙަޤީޤަތެއް ނޫންކަމަށެވެ.
މި ފެން ފެސިލިޓީގެ ފަރާތުން ބަލައިގަނެފައިވަނީ ފެސިލިޓީ އިން މިނަރަލް ވޯޓަރ ހުސްވެފައިވާތީ ނޫންކަމުގައްޔާއި މިފަދަ ފެސިލިޓީ އަކުން ބޯފެން ފަދަ އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
އެޗް.އެމް.އެފް. އަށް ހެޕީ މާކެޓްގެ ފަރާތުން މިނަރަލް ވޯޓަރ ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރާ ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.