ބަލި މީހެއްގެ ގައިގައި ޖެހުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗް.އެމް.އެފް.) ގައި އެނދުމަތި ކޮށްފައި އޮތް ބަލި މީހެއްގެ ގައިގައި މީހަކު ޖަހާ މަންޒަރު ފެންނަ، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯ އާއި ބެހޭގޮތުން އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ވީޑިއޯގައި ބަލިމީހާގެ ގައިގައި ޖަހަނީ އެޗް.އެމް.އެފް. ގެ މުވައްޒަފެއްހެން ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން މި ވީޑިއޯ ފަތުރަމުން ދިޔަނަމަވެސް، މި ވީޑިއޯގައި ބަލިމީހާގެ ގައިގައި ޖަހަނީ އެޗް.އެމް.އެފް. ގެ މުވައްޒަފެއް ނޫން ކަމަށާއި ނަމަވެސް މިއީ އާއިލާގެ ފަރާތުން ބަލިމީހާ ބަލަހައްޓަން ފެސިލިޓީގައި އެހީތެރިއެއްގެ ގޮތުން ބަހައްޓާފައި ހުރި ބިދޭސީ އަކު ހިންގާފައިވާ ޢަމަލެއް ކަމަށެވެ.
މިގޮތަށް މީހެއްގެ ގައިގައި ޖެހުމަކީ ޖިނާޢީ ކުށެއްކަމުގައިވާތީއާއި މި ހޮސްޕިޓަލުން ބަލަހައްޓަމުން އަންނަ މެޑިކަލް ފެސިލިޓީއެއްގައި މިފަދަ ޢަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްކަމުގައި ނުވާތީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވާނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅާފައި ކަމަށް ވެސް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.