ޢީދު އުފަލުގެ ތެރެއިންވެސް ދިގު އުމުރަކާ ރިޒްޤް ތަނަވަސްވުމަށް އެދެމުހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ޢީދު އުފަލުގެ ތެރެއިންވެސް ދިގު އުމުރަކާ ރިޒްޤް ތަނަވަސްވުމަށް އެދެމުހެއްޔެވެ؟

މިއަދަކީ އުފާވެރި އަމްޙާ ޢީދު ދުވަހެވެ. ޢީދު ދުވަހުގެ ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ ލާ ރީތި ފޭރާމާއި ކާމީރުކެއުމާއި ކުރާ މަޖާތަކަކުންނޫނެވެ. ރަޙިމުގެ ގުޅުން ދަމަހައްޓައިގެންނެވެ. ޢީދު ދުވަހުގެ އެންމެ ބޮޑު އެއް މަޤްޞަދަކީވެސް ރަހިމުގެ ގުޅުން ބަދަހިކުރުމެވެ. މައިންބަފައިންނާއި އަޚުންނާއި އުޚުތުންނާއި ބައްދަލުކޮށް ގުޅުން ބަދަހިކުރުމެވެ. އެކަކު އަނެކަކަށް އެހީތެރިވުމެވެ. 

ވީމާ ޢީދު ދުވަހުގެ ޕްރޮގްރާމް ލިޔާއިރު ޢީދު ނަމާދުކުރުމާއި ޤްރުބާންކުރުމުގެ ފަހަތުން ފުރަތަމަވެސް ގެންނަންވާނީ ރަޙިމުގެ ގުޅުން ބަދަހިކުރުމުގެ ބައެވެ. ޢީދު ނަމާދާއި ޤްރުބާން ކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދިނުމަށްފަހު ދެން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް ކަމެވެ. 

އެކަކު އަނެކަކަށް ސަލާމް ކުރާށެވެ! ހިތް ހަމަނުޖެހޭ ކަމެއް ހިނގާފައި އޮތް ނަމަވެސް މާފުކޮށްލަން އަވަސްވެގަންނާށެވެ! ބޮޑު ސަވާބާ ގިނަ ސަވާބު ލިބޭނީ މާފުކުރުމުގައި އަވަސްވެގަތް މީހަކަށެވެ. ވީމާ މިއީދު ދުވަހަކީ ރަޙިމުގެ ގުޅުން އައުކޮށް ތާޒާކުރާ ދުވަހަކަށް ހަދަމާ ހެއްޔެވެ؟ 

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ވީހައި ދިގު އުމުރެއް ދެއްވެވުމެވެ. ހަމައެއާއިއެކު ދެން އެދޭނީ ރިޒުޤް ތަނަވަސްވެފައިވވުމަށެވެ. މި ދެކަންތައް ޙާޞިލުކުރުމަށް އޮތީ އެއް ތަޅުދަނޑިއެކެވެ. އެއީ ރަޙިމުގެ ގުޅުން ބަދަހިކުރުމެވެ. ރަހިމުގެ ގުޅުން ބަދަހި ކުރުމަކީ ރިޒްޤް ތަނަވަސް ކޮށްދެއްވަވައި އަދި އެމީހެއްގެ އުމުރު ދިގުކޮށްދެއްވަވާ ކަމެއް ކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ހަމަ އެއާއިއެކު ރަޙިމުގެ ގުޅުން ކެނޑުމުގެ ހުރިނުބައި ކަމާއި އެކަށް ކަނޑައަޅުއްވަވާފައިވާ ގަދަފަދަ ޢަޛާބު ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ. 

"އަދި اﷲ އަށް ޢަހްދު ކަށަވަރުކުރުމަށްފަހު، އެ ޢަހްދު  އުވާލައި، އަދި ގުޅިފައިވުމަށް ﷲ އަމުރު ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ!) އެއުރެންނަށް ލަޢްނަތް  ހުށްޓެވެ. އަދި އާޚިރަތް ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ." (އައްރަޢްދު: 25) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން