ޢީދުގެ އުފާ ޙާޞިލުކުރުމަކީ ހަމައެކަނި ކުޅިވަރުކުޅުމާއި މުނިފޫހިފިލުމާއި ދަތުރުދިއުންފަދަ ކަންކަން ކުރުން ކަމުގައި ނުހަދާށެވެ! ޢީދުގެ އުފާ ޙާޞިލުކުރަމުންވެސް ސުވަރުގޭގައި ރުއްތައް އިންދައި ތިމާގެ ދަރަޖަ މަތިވެރިކުރުމުގެ ފުރުޞަތު ހަމަ ކޮންމެ މީހަކަށްވެސް އެބައޮތެވެ.
سُبْحَانَ اللّهِ وَ بِحَمْدِهِ ، سُبْحَانَ اللّهِ الْعَظِيمِ ކިޔައިފި މީހަކަށް ސުވަރުގޭގައި ކަދުރު ރުކެއް އިންދަވައި ދެއްވަވާނެ ކަމަށް ޙަދީޘްފުޅުގައި އެބަ އޮތެވެ. އަދި މި ފަދައިން ދުވާލަކު 100 ފަހަރު ކިޔައިފިނަމަ އެމީހެއްގެ 1000 ފާފަ ފުހެވިގެންދާނެ ކަމަށް ނޫންނަމަ އެމީހަކަށް 1000 ދަރުމަ ލިބިގެންދާނެ ކަމަށްވެސް ޙަދީޘްފުޅުގައި އެބައޮތެވެ.
މިއީ ހަމަ ޢީދުގެ އުފާ ޙާޞިލުކުރަމުންވެސް، އަދި މަސައްކަތުގައި އުޅެމުންވެސް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ.
މިއީ މިކަންކަން ކުރުމަށް އެންމެ އިތުރުކަން ބޮޑު ދުވަސްވަރެވެ. މިދުވަސްވަރުގެ މާތްކަމާއިބެހޭ ގޮތުން އިބްން ޢުމަރު ވިދާޅުވެފައިވަނީ މި ދިހަ ދުވަހުގެ މާތްކަން މުޅި އަހަރުގައި ކުރާ ހުރިހާ އަޅުކަމަކާއި އެއްވެގެންވާ ކަމަށެވެ.
ޢީދު ދުވަހަށްފަހު އަންނަ އައްޔާމުއްތަޝްރީޤް 3 ދުވަހާއިއެކު މި ބަރަކާތްތެރި ދުވަސްތައް މިއަހަރަށް ނިމިގެންދާނެއެވެ. ވީމާ ވީހައި ގިނައިން ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކްރްކުރާށެވެ. ތަކްބީރުކިޔުން ގިނަކުރާށެވެ! ސުވަރުގޭގެ މަތީ ދަރަޖަތައް ޙާޞިލުކުރެވުން އޮތީ ތަޤްވާވެރިވީވަރަކުންނެވެ.
ޢީދުގެ ދުވަސްތަކަކީ ހަމައެކަނި ކުޅިވަރާއި މުނިފޫހިފިލުވުމުގައި ވަގުތުތައް ނަގައިލަންވީ ދުވަސްތަކެއް ނޫނެވެ. އާޚިރަތް ދުވަހު ތިމާއަށް ފައިދާކުރާނެ ކަންކަމަށް ވެސް ވަގުތު ހޭދަކުރަންވާނެއެވެ.
- ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން