އެދެމަފިރިންނަކީ ފަޤީރު އަވަށެއްގައި ދިރިއުޅެމުންދިއަ ދެމަފިރިންނެވެ. ލިބުނު އެންމެ ފިރިހެން ދަރިފުޅަށް ކިޔަވައިދިނީ ވަރަށް ބުރަ މަސައްކަތުންނެވެ. ދަރިފުޅު ބޮޑުވެގެންވީ މޮޅު އިންޖިނޭރަކަށެވެ.
ދަރިފުޅު ކައިވެނިކޮށްގެން ފުރަތަމަ ދިރިއުޅުނީ މައިންބަފައިންނާއި އެކުގައެވެ. ނަމަވެސް ދުވަސްކޮޅަކުން އަނބިމީހާ ބޭނުންވީ ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ހޯދައިގެން ބޮޑު ސިޓީއަކަށް ދިރިއުޅުން ބަދަލުކުރާށެވެ. އެކަމަށް އެދިގެންވެސް މަންމަ އާއި ބައްޕަ ދުޢާކޮށްދިނެވެ. އެކަން އެދުނު ގޮތަށް ހަމަޖެހުނެވެ.
މައިން ބަފައިން އަވަށަށް ދޫކޮށްލާފައި ދެމަފިރިން ސިޓީއަށް ބަދަލުވެފައިވެސް ކޮންމެ މަހަކު ދިއައީ މައިންބަފައިންނަށް ފައިސާ ފޮނުވަމުންނެވެ. ނަމަވެސް މައިންބަފައިންނާއި ބައްދަލުކޮށް ލޮލުން ދުށުމުގެ ޝައުޤުވެރިކަން ގެއްލިގެންދިއައެވެ.
އޭނާ ވަރަށް ގިނައިން ޙައްޖަށް ދެއެވެ. އެއްފަހަރު ޙައްޖުގައި ބައްދަލުވި ޢިލްމުވެރިއަކަށް އޭނާގެ ޙަޔާތުގެ ވާހަކަތައް ކިޔައިދިނުމުން ބުންޏެވެ. "ކޮންމެ އަހަރަކު ޙައްޖުވުމަށްވުރެ މައިންބަފައިން ދުށުން މާމުހިންމެވެ. ކަންތައް ތިއަ ކުރެވެނީ ރަނގަޅަކަށް ނޫނެވެ. އަވަހަށް ގޮސް މައިންބަފައިންނާއި ބައްދަލުކޮށް އެމީހުންގެ ހިތް ހަމަޖައްސައިދޭށެވެ. އެކަމަށް ދެއްވަވާ ޘަވާބު މާގިނަވެސްވެދާނެއެވެ. އިން ޝާ ﷲ"
ޙައްޖުން އެނބުރި އައިސް މައިންބަފައިންނާ ބައްދަލުކުރަން އަވަސްއަވަހަށް އަވަށަށް ދިއައިރު ގެއެއް ނެތެވެ. އޮތީ ހުސްބިމެވެ. އެހިސާބުގަނޑުގެ ކުއްޖެ ގާތު އެގޭގައި އުޅުނު މީހުން ކޮބައިތޯ ސުވާލުކުރުމުން ބުނީ ޖެހިގެން އެހުރި ގޭގައި ފިރިމީހާ މަރުވެފައިވާ ލޯފަން އަންހެނަކު އިންނަ ކަމަށެވެ.
އެގެއަށް ގޮސް ބެލިއިރު އެއީ އޭނާގެ މަންމައެވެ. މަޑުމަޑުން ހިނގަމުން މަންމަ އޮތް އެނދާއި ކައިރިވިއިރު މަންމަ ދުޢާކުރަނީއެވެ. "ޔާ ﷲ! މިއަޅާގެ ފިރިމީހާ ވަނީ މަރުވެފައެވެ. މިއަޅާ މިވަގުތު މަރުވި ނަމަވެސް ކައްވަޅަށް ތިރިކޮށްދޭނެ ފިރިއަކުވެސް އަދި ދަރިއަކުވެސް ނެތެވެ. ޔާ ﷲ!..." އެހިސާބަށް ގެންދެވުނު އަޑު އިވުމުން ދަރިފުޅަކަށް ކެތެއް ނުކުރެވުނެވެ. އަދި ބުނެވުނެވެ. "ނޫނެކެވެ. މަންމާއެވެ! އަޅުގަނޑަށް މާފުކުރާށެވެ! އަޅުގަނޑު މިހުރީއެވެ. މަންމަގެ ޚިދުމަތުގައެވެ. މަންމަ އާއި ދުރަކަށް ދެން ނުދާނަމެވެ.."
އެހިސާބުން މަންމަ ގޮވައިގެން ސިޓީއަށް ދިއައީއެވެ. ސުވާލަކީ ބައްޕަގެ ހަށިގަނޑު ކައްވަޅަށް ތިރިކޮށްދެވުނު ހެއްޔެވެ؟ ވީއިހްމާލަށް ފާފަވެރިނުވާނެ ހެއްޔެވެ؟ ޢިލްމުވެރިޔާ ޙައްޖުގައި ދެއްވި ނަޞޭޙަތުގައި ވިދާޅުވީ ކީކޭހެއްޔެވެ؟ ކޮންމެ އަހަރަކު ޙައްޖުވުމަށްވުރެ މައިންބަފައިންނާއި ބައްދަލުކޮށް އުފާކޮށްދިނުމުން ދެއްވަވާ ޘަވާބު މާބޮޑުވެދާނެކަމަށް ވިދާޅުވި ބަސްފުޅު ކޮބައިހެއްޔެވެ؟ ފަރުޟުވެގެންވަނީ އެއް ފަހަރު ޙައްޖުވުމެވެ. މައިން ބަފައިން އެމީހުންގެ މުޅި ޢުމުރުގައި ބެލެހެއްޓުމަކީ ވާޖިބެއްކަމުގައި ނުވަނީ ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ހޭލުންތެރިވާށެވެ! މައިންބަފައިންނަށް މަހުން މަހަށް ފައިސާކޮޅެއް ދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އެވަރަކުން ނުފުދޭނެއެވެ. އެމީހުންގެ ކަންކަން ފުރިހަމަނުކޮށްދެވި ވަނިކޮށް އެމީހުން ދުނިޔެއާ ވަކިވެއްޖެނަމަ ޤިޔާމަތް ދުވަހު ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން