ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަމުންގެންދާ އެކުވެރިންނަށް ވިސްނައިދޭން މަސައްކަތް ކުރަންވީ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަމުންގެންދާ އެކުވެރިންނަށް ވިސްނައިދޭން މަސައްކަތް ކުރަންވީ ކަންކަން!

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބިރުވެތިވާންވީވެސް ކަންބޮޑުވާންވީވެސް އެމީހަކު ދުނިޔޭގައި އުޅެމުންދަނިކޮށް އެމީހަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގެންފިނަމަ އެމީހެއްގެ ޙާލާއިމެދުގައެވެ. އެމީހަކަށް އާޚިރަތް ދުވަހު ކުރިމަތިލާން ޖެހޭނެ ބިރުވެރިކަމާއިމެދުގައެވެ. ދާއިމަސް ލިބިލިބި ހުންނާނެ ނަރަކައިގެ ގަދަފަދަ ޢަޛާބާއިމެދުގައެވެ. 

ﷲ ތަޢާލާ ނަހީ ކުރެއްވެވި އެއްވެސް ކަމެއް ނުކުރަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ. ﷲ ތައާލާ ނަހީ ކުރެއްވެވި ކަންކަން ކުރަމުން ގެންދާނަމަ އެމީހަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނީ ކޮން ވަގުތަކުކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ﷲ ތަޢާލާގެ ރަޙްމަތުން އެމީހަކު ބޭރުކުރައްވަވައިފިނަމަ ދެން ކަންކަން ވާނީ ކިހިނަކުންހެއްޔެވެ؟  

މިހިސާބުން މިކަން ނިމެނީއެއް ނޫނެވެ.  ﷲ ތަޢާލާ މީހަކު ދެކެ ރުހިވޮޑިނުގެންފިނަމަ، ކޯފާވެވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. އެމީހަކު ދެކެ ޖިބްރީލްގެފާނުވެސް ކޯފާވެވަޑައިގަންނަވައެވެ. އަދި އެހެން މަލާއިކަތުންނަށް ޖިބްރީލްގެފާނު އެކަން އެންގެވުމުން ހުރިހާ މަލާއިތުންވެސް އެމީހަކަށް ކޯފާވެވަޑައިގަންނަވައެވެ. އަދި އެމީހަކަށް ދުނިޔޭގެ އެންމެންގެ ނުރުހުމާއި ނަފްރަތު ލިބިގެންދެއެވެ.  

މީސްތަކުންނޭވެ! ދިރިހުރިހައި ހިނދަކު ފުރުޞަތު ގެއްލިގެންނެއް ނުދެއެވެ. ފުރުޞަތު އެބައޮތެވެ. މަރުގެ މަލާއިކަތާ ލޮލަސް ފެނުމާއި ހަމައަށް ތައުބާވުމުގެ ފުރުޞަތު ދެއްވަވަނީވެސް ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. ވީމާ ތައުބާވުން އަވަސްކުރާށެވެ! ﷲ ތަޢާލާ ކޯފާވެވޮޑިގެންފިނަމަ އަހަރެމެންނަށް ލިބެން އޮތް ދެރަ ނިކަމެތިކަމާއިމެދު ފުންކޮށް ވިސްނާށެވެ! ކުރެވިފައިވާ ފާފަތައް ގިނަވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ ހަމައެކަނި ތައުބާ ނުވެވޭ ކަމެވެ. ތައުބާވުން ލަސްކުރެވޭ ކަމެވެ.  

ހަމައެފަދައިން ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވަތެވެ. އެމީހަކު ދެކެ ޖިބްރީލްގެފާނުވެސް ލޯބިވެވަޑައިގަންނަވައެވެ. އަދި އެހެން މަލާއިކަތުންނަށް ޖިބްރީލްގެފާނު އެކަން އެންގެވުމުން ހުރިހާ މަލާއިތުންވެސް އެމީހަކަށް ލޯބިވެވަޑައިގަންނަވައެވެ. އަދި އެމީހަކަށް ދުނިޔޭގެ އެންމެންގެ ލޯތްބާއި ޤަދަރު ލިބިގެންދެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން