ޙައްލުއޮތީ ހަމައެކަނި އަދަބުދިނުމުން ނޫންކަމަށްބުނެ މަސްތުވާތަކެތި ބޭނުންކުރަން ޤާނޫނުން ފުރުޞަތު ދީފީމުއެވެ. ވީގޮތް މިދަނީ ވަރަށް ރަނގަޅަށް ފެންނަމުންނެވެ. އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ އިތުރު ޑީލަރުންނާ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާ ދުވަހެއްކަން މިދަނީ ފެންނަމުންނެވެ.
އަނެއްކާވެސް އަޑިއިވެމުން މިދަނީ ހަމަ އެއްޒާތެއްގެ ވާހަކަތަކެކެވެ. ދީނުން ބޭރުވުމާ ދީނަށް ފުރައްސާރަކުރުމާއިމެދުގައެވެ. ޙައްލުއޮތީ ހަމައެކަނި އަދަބުދިނުމުން ނޫންކަމަށްބުނެ މަސްތުވާތަކެތި ބޭނުންކުރަން ފުރުޞަތު ދިނީމާ ވީގޮތްވާން ދީނުން ބޭރުވުމާ ފުރައްސާރަކުރުން ދޫކޮށްލަން ހެޔޮނުވާނެއެވެ. ޢަމުދުން ތައުލީމީ މަންހަޖާއި ގުޅުވައި އަހަރުތަކަކަށް ދެމިގެންދާނެ ގޮތަށް ދޫކޮށްލަން ހެޔޮނުވާނެއެވެ.
ޜާއްޖޭގެ ތައުލީމީ މަންހަޖުގެ ހުންގާނު އޮތީ ދީނީޢިލްމުވެރިންގެ އަތްމަތީގައެއް ނޫނެވެ. ފުރަތަމަވެސް ދިރާސާކުރަންޖެހިފައިވަނީ މަންހަޖު އޮތް ޙާލަތެވެ. މަންހަޖު އެކުލަވާލުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު އޮތް މިންވަރަށް ބަލައިފިނަމަ އެއީ ކިތައް އިންސައްތަކަން ބަލައިލުންވެސް ވަރަށް މުހިންމެވެ.
ބައެއްގެ ތެރޭގައި ނުބައިކަމެއް ހިނގަމުންދާނަމަ ކުށްކުރުމުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި ދޫކޮށްލައިގެން އެނުބައިކަންކުރުން ހުއްޓުވޭނެ އެއްވެސް ގޮތެއް ދުނިޔޭގައި އަދި މިހައިތަނަށް ތަޖުރިބާ ކުރެވިފައި ނެތްކަން އެއީ ޔަޤީންކަމެކެވެ.
ދީނަށް ފުރައްސާރަކުރުމާއި ދީނުން ބޭރުވުން ރާއްޖޭގައި ހުއްޓުވަން ބޭނުންނަމަ ފުރަތަމަކަމަކަށް ކުރަންޖެހޭ ކަމަކީ މަޖިލީހޭ އެކިޔާތަނުގައި ދައްކާ ވާހަކަތަކަށް ފިޔަވަޅުއަޅަން ފެށުމެވެ. އެތަނުގައި ދައްކާ ވާހަކަތައް ހައްދުފަހަނައަޅައިގޮސް މިހާރުވަނީ އިންސާނުންނާއި ހުރިހާ މަޚްލޫޤުން އުފެއްދެވި އަދި އެންމެހައި މަތިވެރިކަމާއި އެންމެހައި ބާރުތައް ލިބިވޮޑިގެންވާ ﷲ ތަޢާލާއީ އިންސާނުންނަށް މަސާޖްކުރައްވަވައި (ފައިމޮޑެ) ދެއްވަވާ ފަރާތެއް ކަމަށްވެސް ސިފަކޮށްފައެވެ. މިއީ ހަމަހޭގައި ހުރެ މުސްލިމަކު ދައްކާނެ ޒާތުގެ ވާހަތަކެއް ނޫނެވެ. އެންމެ ބޮޑު ހިތާމައަކީ މިފަދަ ނުބައި ކުފުރުގެބަސްތައްވެސް ލައިވްކޮށް ރައްޔިތުންނަށް ދައްކަމުން ގެންދާ ކަމެވެ.
ވީމާ ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ދީނުން ބޭރުވުން ހުއްޓުވޭނީ މަންހަޖު އިޞްލާޙްކޮށްގެނަކަމަށް ބަލައި އެކަންވާނެ ދުވަހަކަށް އިންތިޒާރުކުރަން ތިބެން ހެޔޮ ނުވާނެއެވެ. މަންހަޖު ކޮންމެ ގޮތަކަށް އޮތް ނަމަވެސް މައްހަދުގައި ހިފެހެއްޓި، ޢަރަބިއްޔާގައި ހިފަހައްޓާ އަޚްލާޤީ މިންގަނޑުތައް އެހެން ސްކޫލްތަކުން ވެސް ހިފަހައްޓަން އޮތީ ކޮން ހުރަހެއްތޯއެވެ؟ އެކަން އެގޮތަށް ކުރުމުން ކުރާ ފައިދާތައް ހާމައަށް ފެންނަންހުރިއިރުވެސް ބަލައިގަންނަން ފަސްޖެހެނީ ކީއްވެގެންތޯއެވެ؟
ހައްދުފަހަނައަޅާ ދިއުމާއި އެހެންވެސް ނުބައިކަން ބޮޑު ޢަމަލުތައް ހުއްޓުވޭނީ ހަރުކަށި ނުބައި ޢަމަލުތައްކުރާ މީހުންފަދައިން އިސްލާމް ދީނާއި ދެކޮޅު ފިކުރުގެ މީހުން ދައްކާ ވާހަކަތަކަށްވެސް ފިޔަވަޅު އަޅައިގެންނެވެ. ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނަކީ ހަމައެކަނި ނަމެއްގައި އޮންނަ ޤާނޫނަކަށް ހެދުން ހުއްޓާލައިގެންނެވެ. ކަންކަން އިޞްލާޙްކުރުމުގެ ރޫޙްހުރި، ތަންފީޒުކުރަންކެރޭ ބައަކާއި އެ ޤާނޫނު ތަންފީޒުކުރުން ޙަވާލުކޮށް ތަންފީޒުކޮށްގެންނެވެ. އަދި އެބައެއްގެ އަތް ކަސްތޮޅުތަކުން ސަލާމަތްކޮށްދީގެންނެވެ.
ޙައްލަކީ ހަމައެކަނި އަދަބުދިނުން ނޫންކަމަށްބުނެ މަސްތުވާން ފުރުޞަތު ދިނީމާ ވީގޮތްވާން ދީނުން ބޭރުވުމާ ފުރައްސާރަކުރުން ދޫކޮށްލަން ހެޔޮނުވާނެ!
https://twitter.com/aneelmv/status/1419548294221484036