ނަފްސާނީ ބިރުވެރިކަން ދޫކޮށްލައި ހަތްދިހަ ހާސް މަލާއިކަތުންގެ ދުޢާ ލިބިގަތުމަށް އަވަސްވެގަންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 39ސ
ނަފްސާނީ ބިރުވެރިކަން ދޫކޮށްލައި ހަތްދިހަ ހާސް މަލާއިކަތުންގެ ދުޢާ ލިބިގަތުމަށް އަވަސްވެގަންނާށެވެ!

ގިނަ ޤައުމުތަކުގައި ކޮވިޑްގެ ޙާލަތު މިހާރުވަނީ ލުއިވެ ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން މަދުވެފައެވެ. ނަމަވެސް އަދިވެސް ގިނަ ބައަކު ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މީހަކާ ބައްދަލުކޮށްފިނަމަ ނުވަތަ ގެއަކަށް ވަދެއްޖެނަމަވެސް ކޮވިޑް ޖެހިދާނެ ބިރުވެރިކަމުގެ ތެރޭގައެވެ. 

އެޙާލަތުގައި ތިބުމުގެ ސަބަބުން މުސްލިމަކު އޭނާގެ މުސްލިމު އަޚާއަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް އަދާކުރަންވެސް މިވަނީ ހުރަސްތައް ކުރިމަތިވެފައެވެ. އެތަނުން އެންމެ މުހިންމު އެއް ޙައްޤަކީ އޭނާ ބަލިވުމުން އޭނާއަށް ޒިޔާރަތްކުރުމެވެ. ވީމާ ނަފްސާނީ ބިރުވެރިކަމުގައި ތިބި މީހުންނަށް ބުނެލަން އޮތީ މާސްއަޅައިގެންތިބެ ނަމަވެސް އަވަހަށް ޙައްޤު އަދާކުރަންފަށާށެވެ! 

މިޙަދީޘްފުޅުން ލިބެން އޮތް ބޮޑު ފައިދާ ލިބިގަންނަން ފަށާށެވެ. 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

مَا مِنِ امْرِئٍ مُسْلِمٍ يَعُودُ مُسْلِمًا إِلَّا ابْتَعَثَ اللَّهُ سَبْعِينَ أَلْفَ مَلَكٍ يُصَلُّونَ عَلَيْهِ فِي أَيِّ سَاعَاتِ النَّهَارِ كَانَ حَتَّى يُمْسِيَ وَأَيِّ سَاعَاتِ اللَّيْلِ كَانَ حَتَّى يُصْبِحَ» [رواه ابن حبان / كتاب: الجنائز وما يتعلق بها مقدما أو مؤخرا / باب: المريض وما يتعلق به / رقم: 2958 ، وصححه الألباني في صحيح الجامع الصغير (5687)]

މާނައީ: "އެއްވެސް މުސްލިމަކު އަނެއް މުސްލިމަކު ބަލިވެގެން ޒިޔާރަތްކުރުމަށްޓަކައި ހެނދުނު ހިނގައްޖެނަމަ ހަވީރު ވަންދެން އަދި ރޭގަނޑު ހިނގައްޖެނަމަ ހެނދުނު ވަންދެން، އޭނާގެ މައްޗަށް ދުޢާކޮށްދޭން ހަތްދިހަ ހާސް މަލާއިކަތުން ﷲ ފޮނުއްވައެވެ."

ބަލިޙާލުގައި އޮންނަ މީހާ އޭނާއަށް ޖެހިފައިވާ ބަލީގެ ސަބަބުން ވޭން ތަހައްމަލު ކުރަން ޖެހެއެވެ. އަދި އެކަން އެތައް ދުވަހަކަށް، އެތައް މަސްތަކަށް އަދި އަހަރުތަކަށްވެސް ދިގުދެމިގެން ހިނގައިދާނެއެވެ. އަޅާ ވޭނުގެ ސަބަބުން އޭނާއަށް ލޮލުފިޔަޖަހައި ނުލެވި އަދި އަރާމެއް ނުލިބި ވޭންއެޅުންމަތީގައި އޮންނަންވެސް އެބަ ޖެހެއެވެ. 

އޭނާ އެޙާލުގައި މާޔޫސްވެފައި އޮންނަނީ އޭނާގެ ބަލި ފަސޭހަކޮށްދެއްވަވައި އޭނާގެ ދަރަޖަ އުފުއްލަވައިދެއްވުން އެދި ﷲ ގެ ޙަޟްރަތަށް ދުޢާކޮށް ދިނުން އެދިއެދިއެވެ. ވީމާ އޭނައަށް ޒިޔާރަތްކޮށް، ވާހަކަ ދައްކާލައި ހިތްވަރުދީ ހެދުމަކީ އޭނާގެ ހިތާމަތައް ކުޑަވާ، އަދި ފިލައިދާވެސް ކަމެކެވެ. އަދި ބަލިމީހާގެ ގައިގައި އޯގާތެރިކަމާއެކު ފިރުމާލުމަކީ އަޚްވަންތަކަމާއި ގާތްކަން އިޙްސާސްކުރެވޭ ކަމެކެވެ. އަދި ތިމާއަށްވެސް އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އަޅުންގެ ކިބައިން މިކަންކަމަށް އެދޭނެއެވެ. 

ބައެއް މީހުން ބަލިޙާލުގައި އޮންނަނީ ވަށައިގެން ހިނގާ ކަންކަން ނުވެސް އެނގޭ ޙާލުގައެވެ. މިހާރުގެ ބަހުންނަމަ ބުއްދިފިލައިފައެވެ. ނުވަތަ ކޯމާގައެވެ. އެޙާލުގައި އޮންނަ މީހާއަށްވެސް މިބުނި މަގުން ކަންކަން ކުރާށެވެ. ބަލިމީހާއަށް ތިބާ އެކަންކުރިކަން ނުއެނގުނު ނަމަވެސް ﷲ ތަޢާލާ ބައްލަވާވޮޑިގެންވެއެވެ. 

ބަލި މީހަކަށް ޒިޔާރަތްކޮށްފިނަމަ ކުރަން އޮތް ދުޢާ: 

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ عَادَ مَرِيضًا، لَمْ يَحْضُرْ أَجَلُهُ فَقَالَ عِنْدَهُ سَبْعَ مِرَارٍ: أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ، إِلَّا عَافَاهُ» [رواه أبو داود / كتاب: الجنائز / باب: الدعاء للمريض عند العيادة / رقم: 3106 ، وصححه الألباني في صحيح وضعيف سنن أبي داود]

މާނައީ: "މަރަށް އަދި ޙާޟިރުނުވާ ބަލިމީހަކަށް ޒިޔާރަތްކޮށް 

أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ. 

(މާނައީ: "މަތިވެރި ޢަރުޝުގެވެރި އަރަހުށި މާތް الله ގެ ޙަޟްރަތުން ތިބާއަށް ޝިފާދެއްވުމަށް އެދިދަންނަވަމެވެ.") މިފަދައިން ހަތްފަހަރު އޭނާއަށް ދުޢާކޮށްދީފިނަމަ ދަންނައެވެ. އޭނާއަށް ޢާފިޔަތު ލިބޭނެއެވެ."

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން