"އަޅުގަނޑަކީ ދިރިއުޅުމަސްޓަކައި ވިޔަފާރިކުރާ މީހެކެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރަމެވެ. ނަމަވެސް ކުރިއަރަންވީވަރަކަށް ކުރިއެއް ނާރައެވެ. އެހެންކަމަށްވާނަމަ އަޅުގަނޑު އަމަލުކުރަންވީ ގޮތެއް ބުނެދެވިދާނެތޯއެވެ؟"
ޖަވާބުގައި ބުނެލަން އޮތީ މިލިޔުން ކިޔައިލާށެވެ! ފައިދާކުރުނާނެއެވެ! އިން ޝާ ﷲ
ވިޔަފާރިކުރާ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ވިޔަފާރި އިތުރަށް ފުޅައުވެ ލިބޭ ނަފާ އިތުރުވުމެވެ. އެ މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރުމުގައި އަމަލުކުރަން ޖެހޭ ގޮތް ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ވިޔަފާރި ކުރިއަރައި ލިބޭ ނަފާ އިތުރުވާނީ ވާދަކޮށްގެން ކަމަށެވެ. ވިޔަފާރި ކުރިއަރުވަން ވާދަ ކުރެވިދާނެ ކަންކަން ވެސް އެބަހުއްޓެވެ. އެއީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ ބާވަތްތަކުގެ ތަކެތި ވިއްކަން ބެހެއްޓުމާއި ތާޒާ ނުވަތަ އައު މުދާ ވިއްކުމާއި އެކަށީގެންވާ ހެޔޮ އަގުގައި ތަކެތި ވިއްކުން ފަދަ ކަންކަމެވެ.
ހަމައެއާއިއެކު ވިޔަފާރީގައި މަކަރު ނުހަދާށެވެ. މުދައު ވިއްކުމަށްޓަކައި ގަތީ ބޮޑުއަގުގައިކަމަށްބުނެ ދޮގު ނުހަދާށެވެ. މުއްދަތުހަމަވެފައި ހުންނަ މުދައު ނުވިއްކާށެވެ. ފައިދާލުމުގައި މެދުމިވްރަެއް އިޚްތިޔާރުކުރާށެވެ.
ދެން ވިސްނުންތެރިކަމާއިއެކު މިވާހަކަ އަޑުއަހާށެވެ.
އަހަރެން ދިރިއުޅެނީ އިނގިރޭސިވިލާތުގެ ލެސިސްޓަރ ސިޓީގައެވެ. އެއް ދުވަހަކު ފިހާރައަކަށް ނާނެއް ގަންނަން ދިއައިމެވެ. ގޮސް ފައިސާ ދިނުމުންވެސް ސޭޓު އަޅައެއް ނުލައެވެ. ކުނި މޫނު ދައްކައިގެން އިންނަނީ އެވެ.
އެކަމާއިމެދު ހިތްހަމަނުޖެހުމުން ސޭޓަށް ބުނީމެވެ. "ސޭޓު ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހި ކަންބޮޑުވެފައި އިންހެން ވަރަށް ހީވެއެވެ." ޖަވާބުގައި ސޭޓު ބުނީ ކަންބޮޑުވެފައި އިނީ ކައިރީ ފިހާރަތަކަށް ބައިވަރު ކަސްޓަމަރުން ދާއިރުވެސް އެފިހާރައަށް ކަސްޓަމަރުން ނުލިބޭތީ ކަމަށެވެ.
ވިޔަފާރި ނުވި ނަމަވެސް ގެންގުޅޭ މުވައްޒިފުންނަށް މުސާރަ ދޭންޖެހޭނެތީ ކަމަށެވެ. އަހަރެން ބުނީމެވެ. "ސޭޓާއެވެ. ވިޔަފާރި ރަނގަޅުވާނެކަމަށް އަހރެންނަށް ޤަބޫލުކުރެވޭ 5 ކަމެއް އަހަރެން ބުނެދީފާނަމެވެ. އަޅެ ނިކަން ތަޖުރިބާ ކޮށްލައި ބަލާށެވެ!
ފުރަތަމަ ކަމަކީ ފިހާރަ ހުޅުވުމުގެ ކުރިން ފަތިސް ނަމާދުކުރުމެވެ.
ދެވަނަ ކަމަކީ ދޮރުހުޅުވަމުން ބިސްމިﷲ ކިޔުމެވެ.
3 ވަނަ ކަމަކީ ފިހާރަ ހުޅުވައި ގޮނޑީގައި އިށީނުމަށްފަހު ﷲ ތަޢާލާއަށް ޙަމްދުކުރުން ގިނަކުރުމާއިއެކު ރަސޫލް (ﷺ)އަށް ޞަލަވާތް ކިޔެވުމެވެ. 4 ވަނަ ކަމަކީ ކަސްޓަމަރުން ވަނުމުން ހިނިތުންވެލައި މުޢާމަލާތު ކުރުމެވެ.
5 ވަނަ ކަމަކީ ކައިރީގައި ހުރި އެހެން ފިހާރަތަކުން މީހުން ވިޔަފާރިކުރާތީ ހަސަދަވެރިވުމުގެ ބަދަލުގައި އެ ފިހާރަތަކުގެ ވިޔަފާރިވެސް ރަނގަޅުވޭތޯ ދުޢާ ކުރުމެވެ."
އެއީ އަހަރެން ޗުއްޓީއެއްގައި ފުރަން އޮތް ދުވަހެކެވެ. އަހަރެން މިވާހަކަތައް ބުނެފައި ގެއަށް ގޮސް ފުރައިގެން ދިއައީއެވެ. މަހެއްހައި ދުވަސް ފަހުން އެނބުރި އައިސް އެ ފިހާރައަށް ދިއައިރު ކަސްޓަމަރުން ގިނަވެ ފިހާރަ އޮތީ ފުރިފައެވެ. އަހަރެން ހަމަ ފެނުމާއިއެކު ސޭޓު ބުނީ އަހަރެންގެ ބަސް ޤަބޫލުކުރުމުގެ ނަތީޖާ ފެނިއްޖެ ކަމަށާއި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
އަހަރެން ބުނީމެވެ. "މަރްޙަބާއެވެ! ޝުކުރު އަދާކުރަންޖެހޭނީ ﷲ ތަޢާލާއަށެވެ. ވިޔަފާރި އަދިވެސް އިތުރަށް ރަނގަޅުކުރަން ބޭނުންނަމަ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަމަލުތައް ކުރެވޭތޯ ބަލާށެވެ! ތިމާއަށް ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމާއިއެކު އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރި ނުވާށެވެ."
--އިސްލާމީ ތިލަފަތުގެ ދަރުސަކުން