ވަރަށް ކުޑައިރު، ގާތްގަނޑަކަށް ޢުމުރުން 12 ވަރަކަށް އަހަރު ތެރޭގައި މިސްކިތުގައި ބަންގި ގޮވައި އިމާމްވެ ނަމާދު ކުރިހަނދާން އަޅުގަނޑު ހުރެއެވެ.
އަޅުގަނޑުގެ މަންމަ އަދި ބައްޕަ ފަރާތުގެ ވެސް ކާފަ އަކީ އިމާމުންނެވެ. އަޅުގަނޑުގެ ބައްޕައަކީ އިމާމެއކެވެ. މިއަދު ރަސްމީކޮށް މިސްކިތެއްގެ އިމާމެއްގެ މަޤާމު ނުފުރި ކަމުގައިވިޔަސް އަޅުގަނޑު އަތުގައިވެސް އިމާމް ކަމުގެ ސަނަދު އޮވެއެވެ. الحمد لله

ތަފާތު ރާގުތަކަށް ބަންގި ގޮވުމާއި ޤުރްއާން ކިޔެވުމަކީ ވަރަށް ފަސޭހަ ކަމެކެވެ.
އަޅުގަނޑުގެ ބައްޕަ ސައުދީ ރޭޑިއޯ އަށް ޓިއުން ކޮށްގެން ހުންނަ ގަޑިތަކުގައި ނަމާދު ވަގުތު ތަކުގައި ރޭޑިއޯއިން ބަންގި ގޮވައި ނަމާދު ކުރާ އަޑުއަހާ ހަދާން އަޅުގަނޑު ހުރެއެވެ! އޭރު އަޅުގަނޑު ވަރަށް ކުޑަވާނެއެވެ. އެއީ އަބަދުމެ ގޭތެރެއިން އިވޭ އަޑަކަށް ވާތީ އެރާގު ދަސްވިއެވެ.
އަދި ގޭތެރޭގައި އެރާގަށް ބަންގި ގޮވައި ޤުރްއާން ކިޔަވާ ހަދަމެވެ. ކޮންމެއަކަސް އަޅުގަނޑު މިހުނަރު ރަށުގެ ވަރަށް ގިނަބައަކަށް އޮންނަނީ އެނގިފައެވެ. އަދި މިސްކިތުގައި ބަންގި ގޮވާހިތްވާތީ ވަގުތު ވަނުމުގެ ކުރިން މިސްކިތަށް ގޮސް ހުންނަމެވެ.
الحمد لله. ތަފާތު ރާގުތަކަށް ބަންގި ގޮވައި ޤުރްއާން ކިޔަވާތީ މިހާރުވެސް އަޅުގަނޑު އުޅޭ ރަށެއްގެ މިސްކިތަށް ވަގުތު ވަނުމުގެ ކުރިން ގޮސްފިނަމަ ބަންގި ގޮވައި އިމާމްވެ ނަމާދު ކުރުމަށް މިސްކިތުގެ އިމާމު އެދޭނެއެވެ. އަޅުގެ ވެރި އިލާހް! މިއަޅާއާއި އަޅުގެ ފިރިހެން ދަރިންނީ މީސްތަކުންނާއިގެން އިމާމްވެ ނަމާދު ކުރާ ދަރީން ކަމުގައި ލައްވާށިއެވެ!

--ޢަބްދުﷲ މާހިދު
މިއީ ޢަބްދުﷲ މާހިދު އޭނާގެ ފޭސްބުކްޕޭޖްގައި ލިޔެފައިވާ ލިޔުމެކެވެ. ހުނަރުހުރި، ޤާބިލް ކުޑަކުދިން ލައްވައި ބަންގިގޮވުމާއި އިމާމްވެ ނަމާދުކުރުމަކީ ކިހާ މުހިންމުކަމެއްކަން ނޭނގިގެން ބައަކު އުޅޭއިރު މިފަދަ ވާހަކަތަކަށް ވިސްނައިލުން ރަނގަޅުވާނެކަމަށް ފެނެއެވެ. ާ