ސުވަރުގެ ލިބޭ ނަޞީބުވެރިއަކަށްވުން – އިތުރަށް ވިސްނާލަންޖެހޭ ބައެއް ކަންކަން-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ސުވަރުގެ ލިބޭ ނަޞީބުވެރިއަކަށްވުން – އިތުރަށް ވިސްނާލަންޖެހޭ ބައެއް ކަންކަން-!

"އަދި އީމާންވެ، ޞާލިޙް އަމަލުތައް ކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރި ކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވަވާށެވެ! އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުރެތެވެ. އެ ސުވަރުގެތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް، އެއުރެންނަށް ލިބޭ ކޮންމެ ފަހަރަކު، އެއުރެން ބުނެތެވެ.

މިއީ ކުރިންވެސް އަހަރުމެންނަށް ލިބުނު މޭވާއެވެ! އެފަދަ މޭވާ ދެއްވަވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ ޙާލުގައެވެ. އަދި އެ ސުވަރުގެތަކުގައި އެއުރެންނަށްޓަކައި ޠާހިރުވެގެންވާ އަނބިންތަކެއް ވެއެވެ. އަދި އެއުރެން، އެ ސުވަރުގެތަކުގައި އަބަދަށް ދެމިތިބޭ ހުއްޓެވެ." ސޫރަތުލްބަޤަރާ: 25

ސުވަރުގެ ވަދެވުމާ ނަޞީބުވެރިކަމާ ގުޅުންހުރިނަމަ މިއާޔަތުގައި އޮތީހީ ސުވަރުގެ ހެއްދެވީ ނަޞީބުވެރިންނަށް ކަމަށެވެ. ނަމަވެސް އާޔަތުގައި އެއޮތީ " އަދި އީމާންވެ، ޞާލިޙް އަމަލުތައް ކުޅަ މީހުންނަށްޓަކައި، ހަމަކަށަވަރުން ސުވަރުގެތަކެއް ހުރި ކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެއުރެންނަށް ދެއްވަވާށެވެ!" ވީމާ ސުވަރުގެ ލިބުން ވަނީ އީމާންވެ ހެޔޮ ޢަމަލުކުރުމުން ކަމާއި ސުވަރުގެ ވަނުމުގެ ނަޞީބު ލިބެން އޮތީ އީމާންވެ، ހެޔޮ އަމަލުކޮށްގެންކަން އެއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ.

ވީމާ ސުވަރުގެ ވަންނަން ބޭނުންނަމަ އަހަރެމެންނަށް އޮތީ ﷲ ތަޢާލާއަށް އީމާންވެ ހެޔޮ އަމަލުތައް ކުރުމެވެ. ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމާއި ދުރުހެލިވެ ހުރުމެވެ. އެގޮތުގައި ސާބިތުވެ ހުރި މީހާއަށް ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ނިޢްމަތްތައް ލިބުމުން ދެން އިތުރަށް ބޭނުންވާނެ އެއްވެސް ކަމެއް ނެތެވެ.

ހަމަ އެއާއިއެކު އެނގިގެންދަނީ ސުވަރުގެއަކީ އާދައިގެ ތަނެއް ނޫންކަމާއި އަހަރެމެންނަށް ބޭނުންވާ ހުރިހާ ކަމެއް ނުވަތަ ނިޢްމަތްތަކެއް ސުވަރުގެ އިން ލިބެން އެބަހުރި ކަމެވެ. ނިކަން ބުނެބަލާށެވެ! މިއާޔަތުގައި ބަޔާންވެގެންވާ ނިޢްމަތްތައް ލިބުމުން އެމީހަކު އިތުރަށް ބޭނުންވާނެ އެއްވެސް ކަމެއް އޮންނާނެ ހެއްޔެވެ؟

ކޮންމެ މުސްލިމަކުވެސް ބުނާނީ އެމީހާ އެންމެ އެދޭ ކަމަކީ ސުވަރުގެ ވަނުން ކަމަށެވެ. އެއީ އެއްވެސް ޝައްތެއް އޮތް ކަމެއް ނޫނެވެ. ޔަޤީން ނުކުރެވިގެން މިއުޅެނީ ސުވަރުގެ ވަންނަން ބޭނުންވި ނަމަވެސް ސުވަރުގެ ވަންނަން މަސައްކަތް ކުރެވޭކަމެވެ. ތެދަށް ބުނާނަމަ ބުނަން ޖެހޭނީ ސުވަރުގެ ވަންނަން މަސައްކަތްކުރަނީ ވަރަށް މަދު މީހެއް ކަމަށެވެ.

މީސްތަކުންނޭވެ! ސުވަރުގެ ވަނުމަކީ ލޮޓަރީއެއްގެ ގުރުއަތުން ދިމާވެގެން ކަންކަން ލިބޭ ގޮތަށް ހާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. ލޮޓަރީގައި ބައިވެރިވުމަށްފަހު އިތުރު މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ގުރުވަތުން ދިމާވެއްޖެ ނަމަ އިނާމާއި ޙަވާލުވާން ދިއުމުން ނިމުނީއެވެ. ތެދެކެވެ. ސުވަރުގެ ވަދެވުމަކީ ލިބޭނެ އެންމެ ބޮޑު ނަޞީބެވެ. ނަމަވެސް އެ ނަޞީބު ޙާޞިލުކުރެވެން އޮތީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކޮށްގެންނެވެ.

ކަންނެތްވެ ޣާފިލުވެގެން ތިބެއްޖެ ނަމަ އެ ނަޞީބެއް ނުލިބޭނެއެވެ. ވީމާ ސުވަރުގެ ވަދެވުމަކީ ލޮޓަރީގައި ފަދައިން ނަޞީބަކުން ވާނެ ކަމެއްކަމަށް ބަލައި އަތް އުރާލައިގެން ތިބެގެން ސުވަރުގެ ޙާޞިލުކުރެވޭކަށް ނެތެވެ.

ހަމައެއާއިއެކު ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނެ ދެއަތް އުރާލައިގެން ހުރެގެންވެސް ސުވަރުގެ ލިބުމެއް ނެތެވެ. އީމާންވުމަށްފަހު ހެޔޮ ޢަމަލުތައް ކުރަން އެބަޖެހެއެވެ. އެއްވެސް ޝައްކެއް ނެތެވެ. ސުވަރުގެ ވަދެވޭނީ ނަޞީބުވެރިންނަށެވެ. ނަމަވެސް އެއީ ތިމާ ހޯދުމުން ލިބެން އޮތް ނަޞީބެކެވެ. މާނަ އޮޅުވައިނުލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން