ﷲ ތަޢާލާ ތިބާއަށް ހެޔޮގޮތް މިންވަރުކުރެއްވެވުމުން މީހުންނަށް ޝުކުރުވެރިވުން- ދެކޮޅުޖެހޭ ކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ﷲ ތަޢާލާ ތިބާއަށް ހެޔޮގޮތް މިންވަރުކުރެއްވެވުމުން މީހުންނަށް ޝުކުރުވެރިވުން- ދެކޮޅުޖެހޭ ކަމެއްތަ؟

މީހަކު ހެޔޮކަމެއް ކޮށްދިނުމުން އެމީހަކަށް ޝުކުރުވެރިވާންޖެހޭނެއެވެ. ނަމަވެސް މިއަދު ޖެހިގެން މިއުޅޭ މައްސަލައަކީ ހެޔޮކަން ކޮށްދިން މީހާއަށް ޝުކުރުވެރިވެފައި އެހިސާބުން ނިންމައިލެވޭކަމެވެ! ވީމާ މިކަންކަމަށް ފުރިހަމައަށް ވިސްނައިލާށެވެ!

މީހަކު ތިމާއަށް ކަމެއް ކޮށްދީފި ނަމަ އެބަ ޝުކުރުވެރިވަމުއެވެ. އެމީހަކު ދެކެ އެބަ ލޯބިވެސް ވަމުއެވެ. އެމީހަކު ބުނާހައި ކަމެއް ވެސް އެބަ ކުރަމުއެވެ. ވީއިރު ހުރިހާ ނިޢްމަތްތައް މިންވަރުފުޅުކޮށްދެއްވަވާ ﷲ ތަޢާލާއަސް ލޯބިވެ ޝުކުރުވެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ކުޑަމިނުން އެމީހާ ތިބާއަށް ކަމެއް އެ ކޮށްދިނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ނޫން ހެއްޔެވެ؟

މީސްތަކުންނޭވެ! މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަންކަމެވެ. މިކަންކަމަށް ވިސްނުމުން ކީރިތި ޤްރުއާނަށާއި ރަސޫލް (ﷺ)ގެ ސުންނަތަށް ޢަމަލުކުރުމުގެ މުހިންމުކަން އެނގިގެންދާނެއެވެ. ﷲ ތަޢާލާ އަށާއި ރަސޫލް (ﷺ)އަށް ލޯބިކުރާ ކަމަށް ދުލުން ބުނުމަކުން ނުފުދޭނެއެވެ. އެކަން ޖެހޭނީ ޢަމަލުން ދައްކާށެވެ! އެކަން ކުރެވޭނީ ޢަމަލުކޮށްގެންނެވެ.

އަހަރެމެންގެ ތެރެއިން އެއް ބައަކު އެމީހުންގެ އަމިއްލަ ނަފްސްތަކަށްވުރެ އެހެން މީސްމީހުންގެ ނަފްސްތަކަށް ލޯބިކުރެއެވެ. އެހެން މީހުން ތިބާގެ ނަފްސަށް ލޯބިކުރާވަރަށްވުރެ ބޮޑަށް އެމީހުންގެ ނަފްސްތަކަށް ލޯބިކުރެއެވެ. ހަމައެފަދައިން ތިބާ، ތިބާގެ ނަފްސަށް ލޯބިކުރާވަރަށްވުރެ ބޮޑަށް ތިބާގެ ނަފްސަށް ލޯބިކުރާ އެހެން މީހުންވެސް ތިބެއެވެ.

މިހެން މިކަން މިވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ އެމީހެއްގެ ކިބައިން ތިބާއަށް މަންފާ ކޮށްފައިވުމެވެ. ހަމައެފަދައިން އެމީހުންނަށް ތިބާގެ ކިބައިން މަންފާކޮށްފައިވުމެވެ.

 

މީސްތަކުންނޭވެ! އަހަރެމެން އެންމެ ބޮޑަށް ވިސްނަންވީ އަހަރެމެންގެ ލޯތަކަށް ނުފެނުނު ނަމަވެސް ހުރިހާ އިންސާނުން ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަދި އަހަރެމެންނަށް ހުރިހާ ނިޢްމަތްތަކެއް މިންވަރުފުޅު ކޮށްދެއްވަވާ ﷲ ތައާލާ އާއިމެދުގައެވެ. އެއަށްފަހު ހަމަ އަހަރެމެންނަށް އެބޭކަލަކު ދުނިޔޭގައި ނުފެނުނު ކަމުގައިވީނަމަވެސް މަޙްޝަރު ދުވަހު އެބޭކަލަކާއި ބައްދަލުވުމަސް އަހަރެމެން އެންމެން އެންމެ އެދޭ އަދި އަހަރެމެންނަށް އެންމެ ބޮޑަސް ލޯބިވެވަޑައިގަންނަވާ ރަސޫލް ﷺ އާއި މެދުގައެވެ.

މީސްތަކުން އެކަކު އަނެކަކަށް ލޯބިކުރަނީ ކޮންމެވެސް ދުނިޔަވީ ސަބަބުތަކެއް މެދުވެރިވެގެންނެވެ. އެ ސަބަބުތައް ދުނިޔޭގެ ޙަޔާތާއި ހަމައިން ނިމިގެންދާނެއެވެ. މަރުވުމަށްފަހު އެއްވެސް މީހެއްގެ އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ. އުޚުރަވީ ޙަޔާތުގައި އެއްވެސް މީހެއްގެ ކިބައިން ކުރާނެ އެއްވެސް ފައިދާއެއްވެސް ނުއޮންނާނެއެވެ. ނަމަވެސް އަހަރެމެން ކޮންމެ މީހަކަށް ވެސް ދުނިޔޭގައިވެސް އަދި މަރުވުމަށްފަހުގައިވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޭނުންވެއެވެ. ހަމަ އެއާއިއެކު ޤިޔާމަތް ދުވަހު ރަސޫލް (ﷺ)ގެ ޝަފާޢަތް ބޭނުންވެއެވެ.

ވިސްނައިލާށެވެ! ޤިޔާމަތް ދުވަހު ރަސޫލް (ﷺ) ނޫން އެހެން ހުރިހާ އާދަމްގެދަރިން ގޮވާނީ "ނަފްސީ ނަފްސީ" އެވެ. ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނީ އެމީހެއްގެ ނަފްސާއިމެދުގައެވެ. ނަމަވެސް ރަސޫލް (ﷺ) ޤިޔާމަތް ދުވަހުވެސް ކަންބޮޑުވެވަޑައިގަންނަވާނީ އިތުރު އެކަލޭގެފާނުގެ އުންމަތާއިމެދުގައެވެ. ވިދާޅުވާނީ "އުންމަތީ އުންމަތީ"އެވެ.

--އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން