އެދުވަހަކީ ކަޅުކަން ގަދަ އަނދިރިކަމުގައި އިސްތަށްޓެއްހައި ހިމަ، ކަނޑިއެއްގެ މިޔަ އެއްފަދަ ޞިރާޠުމަގު ހުރަސްކުރަންޖެހޭނެ ދުވަހެވެ. އެފަދަ ވަގުތުގައި ﷲ ތަޢާލާ އަލިކަން ނުދެއްވެވި އަޅަކަށް ޞިރާޠު މަގު ހުރަސް ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ މިއަލިކަން އަހަރެމެންނަށް ﷲ ތަޢާލާ ދެއްވަވާނީ ދުނިޔޭގައި ތިބެ އަހަރެމެންގެ ހިތްތައް އަލިކުރި މިންވަރަކުންނެވެ. ދުނިޔޭގައި ތިބެ ހިތްތައް އަލިކުރުމަކީ ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުމެވެ. ހެޔޮ އަމަލުކުރުން ގިނަކުރާ ވަރަކަށް ހިތްތައް ދާނީ އަލިގަދަވަމުންނެވެ.
ދުނިޔޭގައި ތިބެ ހިތްތައް އަލިކުރާކުރުން އަހަރެމެންގެ ލޮލަކަށް ނުފެންނާނެއެވެ. އެއަލިކަން އަހަރެމެންނަށް ފެނިގެންދާނީ މަރުވެ ކައްވަޅުގައި އޮންނަން ޖެހުމުންނެވެ. ޤިޔާމަތް ދުވަހުއެވެ.
ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެ ގޭގައި ވީހައި ރީތި، ކުލަގަދަ އަލިތައް ދިއްލުމަށެވެ. އެންމެ ރީތި ޑިޒައިންތަކުގެ އަގުބޮޑު ބޮކިތައް ލުމަށެވެ. އެ ރީތި އަލީގައި ދުނިޔޭގައި އުޅުމަށެވެ. ތަނަވަސްކަން ހުރި ނަމަ އެއީ އެއްވެސް މައްސަލައެއް ވެސް ނޫނެވެ.
މައްސަލައަކަށްވަނީ ދުނިޔެ އަލިކުރަން މަސައްކަތްކުރާ ފަދައިން އާޚިރަތް އަލިކުރަން މަސައްކަތް ނުކުރެވޭތީއެވެ. ޤިޔާމަތް ދުވަހު ކަނު އަނދިރީގައި އުޅެން ޖެހިދާނެތީއެވެ. އަނދިރިކަން ގަދަވެގެންވާ ޞިރާޠުމަގު ހުރަސްކުރަން އުޅެނިކޮށް މަގުން ކައްސާލައިގެން ނަރަކައަށް ވެއްޓޭ މީހުންގެ ތެރޭގައި ހިމެނިދާނެ ކަމަށްޓަކައެވެ.
"މުއްމިން ފިރިހެނުންނާއި، މުއްމިން އަންހެނުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޭ ދުވަހު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން، އެއުރެންގެ ނޫރު ހިނގަހިނގައި ހުންނާނެތެވެ. (އަދި އެއުރެންނަށް އަންގވާނެތެވެ.) މިއަދު ތިއަބައިމީހުންނަށް އުފާވެރިކަމުގެ ޚަބަރު ހުއްޓެވެ. (އެއީ) އެތަންތަނުގެދަށުން ފެންކޯރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތަނުގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ ހަމަ އެއީއެވެ." ސޫރަތުލްޙަދީދް: 12
--އިސްލާމީ ތިލަފަތުގެ ދަރުސަކުން