ދުނިޔަވީ ނިޒާމަށް ބަލައިފިނަމަ ކަމަކަށް އެދި އިދާރާއަކަށް އެދުމުން އެބަ ފަރުވާ ކުޑަކުރެއެވެ. އަޅައިވެސް ނުލާ އެބަ ފަރުވާކުޑަކޮށްލައެވެ. ބައެއް ފަހަރު ހަނދާންވެސް އެބަ ނައްތައިލައެވެ. ރިޝްވަތު ދިނުން ފަދަ ކަމެއްކުރަންދެން އެބަ މަޑު ޖައްސައިލައެވެ.
ކަމަކަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފިނަމަ ކަންކަން ހިނގާނެ ގޮތް މުޅިން ތަފާތެވެ. އެއްވެސް މީހެއްގެ އެއްވެސް ކަމެއް ﷲ ތަޢާލާ އެންމެ ހިނދުކޮޅަކަށްވެސް ހަނދުމަފުޅު ނެތި ނުކުރައްވަވާނެތެވެ! ހަމަ އެކަނި ލަސްކުރައްވަވަނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހެންދެންނެވެ. އެކަމެއް އެމީހަކަށް މިންވަރުކުރެއްވެވުމުން އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަގުތަށެވެ. އެވަގުތު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާކުރުމަށްފަހު އެކަމެއް ހިންމަވައި ދެއްވެވުން ލަސްވާނަމަ ހަމަ އެންމެންވެސް ކަންބޮޑުވެއެވެ. އެއީ މި ޙަޤީޤަތްތައް ޤަބޫލުނުކުރެވޭތީއެވެ. ނުވަތަ ނުއެނގޭތީއެވެ.
އެހެންކަމުން ވިސްނައިލުން ވަރަށް މުހިންމު ބައެއް ކަންކަން އެބަހުއްޓެވެ.
ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހަކު އެދުނު ކަންތައް ވަގުތުން ހިންމަވައި ދެއްވެވުން ކަމުގައިވާއިރު ލަސްވުމުން ކެތްތެރިކަން ކުޑަވަނީއެވެ. އެހެން އެކަން އެވަނީ ލަސް ކުރެއްވެވުމުގައި ފޮރުވިގެންވާ މަތިވެރި ޙިކުމަތްފުޅު އިންސާނުންނަށް ނުއެނގޭތީއެވެ.
ހަމަ އެއާއިއެކު އީމާންކަން ފުރިހަމަ ނުވާތީއެވެ. ފުރިހަމައަށް އީމާންވެގެން ހުންނަ މީހަކު އެއްވެސް ކަމެއް ހިންމަވައި ދެއްވެވުން ލަސްވެގެން ކަންބޮޑެއް ނުވާނެއެވެ. އެމީހަކަށް އެންމެ ފައިދާ ހުރި ވަގުތު، އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތަށް އެކަން ހިންމަވައި ދެއްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމީހަކަށް އޮންނާނެއެވެ.
މީސްތަކުންނޭވެ! އަހަރެމެން ކުރާ ބައެއް ދުޢާތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވަނީ ނުވަތަ އިޖާބަ ކުރައްވަވަނީ ޢާޚިރަތް ދުވަހުއެވެ. އެވަގުތު ތިމާ ކުރި ހުރިހާ ދުޢާތަކެއް އިޖާބަ ކޮށްދެއްވެވުން އާޚިރަތް ދުވަހަށް ފަސްކޮށްދެއްވެވިނަމަ މާރަނގަޅުވީސްކަމަށް ޤަބޫލުކުރެވޭނެއެވެ. ވީއިރު ދުޢާ ޢިޖާބަކޮށްދެއްވެވުން ލަސްވެގެން މިއަދު އުޅެންވީ ކީއްވެގެން ހެއްޔެވެ؟
ޔަޤީންކުރަންވީ ކަމަކީ ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް އަމަލުކުރަމުން އެއްވެސް މީހަކު ކުރާ އެންމެ ދުޢާއެއްވެސް ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ކަމެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ޔަޤީންކުރުމުން ހުރިހާ މައްސަލަތަކެއް ޙައްލުކުރެވޭނެއެވެ. ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަންވެސް ލިބޭނެއެވެ.
މިއީ ހަމަ ހަނދުމަކޮށްދިނުމެކެވެ. ގިނަގިނައިން ހަނދުމަކޮށްދޭން ކަންބޮޑުވުމުގެ ޝަކުވާ ލިބޭވަރު ހަމަ ގިނަކަމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން