ސުވަރުގޭގެ އަހުލުވެރިންނަށް ﷲ ތަޢާލާ ޖާފަތެއް ދެއްވަވާނެތެވެ. އެ ޖާފަތުގައި މީސްތަކުން ތިބޭނީ އުސް މިންބަރުތަކެއްގައެވެ. އެމީހެއްގެ މިންބަރު އުފުލިގެންވާނީ އެމީހަކު ދުނިޔޭގައި ކުޅަ ހެޔޮ އަމަލުތަކުގެ މައްޗަށެވެ. އެންމެ ފަހަތުގައި ތިބޭ މީހުން ތިބޭނީ ގޮމަކަސްތޫރީގެ ވެލިފުންޏެއްގެ މަތީގައެވެ.
މީސްތަކުންނޭވެ! ސުވަރުގޭގައި ދަރަޖަތަކެއްވާކަން އަހަރެމެންނަށް އެބަ އެނގެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެންމެ މަތީ ދަރަޖަ ހޯދުމަށެވެ. އެންމެ މަތީ ދަރަޖަ ލިބޭނެ އެއްބައަކީ ސުންނަތް ނަމާދުތައް ގިނަ ކުރި މީހުންނެވެ. ހަމަ އެއާއިއެކު ކީރިތި ޤްރްއާން ހިތުދަސްކޮށް އަމަލުކުރި މީހުންނެވެ. އެމަޖީހަކަށް ކީރިތި ޤްރްއާން އެނގޭ އަދި އަމަލުކުރި މިންވަރަކުން މަތީ ދަރަޖައަށް އެރުމުގެ ފުރުޞަތު އެމީހަކަށް ލިބިގެންދާނެއެވެ.
ވީމާ ސުވަރުގެއިން މަތީ ދަރަޖަ ހޯދުމަށްޓަކައި ކުރަންހުރި މަސައްކަތްތައް ކުރުން ގިނަކުރާށެވެ! ފަރުޟު ނަމާދު ނިމުމާއިއެކު އަވަސް އަރުވާލައި މިސްކިތުން ފައިބައިގެން ނުދާށެވެ! އެންމެ ކުޑަމިނުން ރަވާތިބް ސުންނަތް ކުރާށެވެ. މިސްކިތުން ފެއިބުމުގެ ކުރިން ކީރިތި ޤްރުއާނުގެ އެންމެ އާޔަތެއް ނަމަވެސް މާނަ އާއިއެކު ކިޔަލިލާށެވެ! އަދި އަމަލުކުރާ މީހަކަށްވާށެވެ! މިއީ މިޒަމާނުގައި ހަމަ ވަރަށް ފަސޭހައިން ކުރެވެން ހުރި ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން