ގިނަ އަނބިން ބޭނުންވަނީ ލިބުނު މަދު ފައިސާކޮޅު ހިފައިގެން އަވަހަށް ގެއަށް އައިސް ގޭގަ މަޑުކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ގިނަ އަނބިން ބޭނުންވަނީ ލިބުނު މަދު ފައިސާކޮޅު ހިފައިގެން އަވަހަށް ގެއަށް އައިސް ގޭގަ މަޑުކުރަން!

ދިރާސާތަކުން އެނގޭ ގޮތުގައި ފިރިން މުޅި ދުވާލާއި ރޭގަނޑު ބޭރުގައި އުޅެގެން އިތުރަށް ހޯދޭ ފައިސާކޮޅަށްވުރެ އަނބިން ބޮޑަށް ބޭނުންވަނީ ލިބުނު މަދު ފައިސާކޮޅު ހިފައިގެން އަވަހަށް ގެއަށް އައިސް ޢާއިލާއާއިއެކު ވަގުތު ހޭދަކުރުމެވެ.

ފައިސާއަކީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް މަދު މީހެއްގެ ނޫނީ ހިތްފުރޭނެ އެއްޗެއް ނޫނެވެ. އަބަދުވެސް އޮންނާނީ ލިބޭ މިންވަރު މަދުވެފައެވެ. އިތުރަށް ބޭނުންވެފައެވެ. ވީމާ ކިތަންމެ ގިނަ އިރު މަސައްކަތްކޮށްގެން އާމްދަނީ ހޯދިނަމަވެސް ހިތް ނުފުރޭ އަނބިންގެ ވެސް ހިތެއް ނުފުރޭނެއެވެ.

ޙަޤީޤަތުގައި އެންމެ ބޮޑު މުއްސަންޖަކީ އަސާސީ ބޭނުންތައް ފުދުމާއިއެކު އަޅުކަމުގައި އެންމެ ގިނަވަގުތު ހޭދަކުރާމީހާއެވެ. މަރަށް ތައްޔާރުވުމަކީ އެއީއެވެ. ހަމައެއާއިއެކު ޢާއިލީ ކަންކަމަށް އެންމެ ބޮޑަށް ސަމާލުކަންދޭ މީހާއެވެ. މަރުވުމުގެ ފަސް ކާމިޔާބުކުރަން މަސައްކަތް ކުރުމަކީ އެއީއެވެ. ޢާއިލީ ދިރިއުޅުން ކާމިޔާބު ކުރެވޭނީ ވެސް އެކަމަށް ދޭންޖެހޭ ވަގުތު ދީގެންނެވެ.

އިންސާނާގެ ޙަޔާތަށް ބަލައިފިނަމަ އެންމެ މުހިންމު ކަމަކީ މަރުވުމުގެ ފަސް ކާމިޔާބު ކުރުމެވެ. ދެވަނަ ކަމަކީ ޢާއިލީ ދިރިއުޅުން ކާމިޔާބު ކުރުމެވެ. މިދެ ކަންތަކަކީވެސް ފައިސާއިން ކާމިޔާބު ކުރެވޭނެ ކަންތަކެއް ނޫނެވެ. އެކަން އެނގޭ އެންމެ ސާބިތު ދަލީލަކީ ދުނިޔޭގައި ތިބި އެންމެ ބޮޑެތި ބިލިއަނަރުންނަށް މަރުވުމުގެ ފަސް ވެސް އަދި އެމީހުންގެ ޢާއިލީ ދިރިއުޅުންވެސް ކާމިޔާބު ނުކުރެވޭ ކަމެކެވެ.

ކަން މިހެން އޮތުމުން ފައިސާގެ ދަހިވެތިކަމުގައި އަޅުކަމާއި ދުރުހެލި ނުވާށެވެ! ފައިސާ ހޯދަން ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އާޚިރަތަށްޓަކައި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށް ނުލާށެވެ! އެކަމަށް ވަގުތު ނުދީ ފައިސާ ހޯދަން ނުވަތަ ފައިސާ އިތުރުކުރަން ވަގުތު ހޭދަނުކުރާށެވެ! ހަމަ އެއާއިއެކު ފައިސާ ހޯދަން ބޭނުންވާތީ ނުވަތަ ފައިސާ އިތުރުކުރަން ބޭނުންވާތީ ޢާއިލީ ދިރިއުޅުމަށް އިހްމާލް ނުވާށެވެ.

މި ދެކަންތަކަކީވެސް އަތުން ބީވެއްޖެ ނަމަ ފޫބެއްދޭނެ ކަންކަމެއް ނޫނެވެ. މުށުން ދޫވެއްޖެ ނަމަ ދާއިމީ ހިތާމަ ކުރަން ޖެހޭނެ ކަންކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން