ޢާއިލީ މައްސަލަތަކުގެ ލަފާދިނުން - ކޮންމެ މީހަކު ކޮށްގެންވާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ޢާއިލީ މައްސަލަތަކުގެ ލަފާދިނުން - ކޮންމެ މީހަކު ކޮށްގެންވާނެ ކަމެއް ނޫން!

ޢާއިލީ މައްސަލައެއް ކުރިމަތިވެގެން ލަފައަކަށް އެދިއްޖެނަމަ ލަފައެއް ދިނުމުގެ ކުރިން ވަރަށް ފުންކޮށް ވިސްނަން ޖެހޭނެއެވެ. އެހެނީ ދެވޭ ލަފައެއްގެ ސަބަބުން ޢާއިލާއެއް ރޫޅިގެންވެސް ހިނގައިދާނެއެވެ. ބޮޑު ފިތުނައަކަށްވެ މުޅި އުމުރަށް އެކަން ދެމިގެންވެސް ހިނގައިދާނެއެވެ. ވީމާ ޢާއިލީ ކަމެއްގައި ބަސްބުނެ ލަފާދޭންވާނީ ވަރަށް ބޮޑަށް ބެލުމަށްފަހު ވަރަށް އިންޞާފުންނެވެ. 

ޢާއިލީ މައްސަލަތަކަކީ މާބޮޑު ކަމަކަށް ނުހަދައި އެއް ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު ބައެއް މީހުން ވަރަށް ފަސޭހައިން ޙުކުމް ކުރެއެވެ. ނަމަވެސް އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެނީ ޢާއިލީ މައްސަލަތަކަކީ އެއިގެ މައްޗަށް އެތައް ބައެއްގެ ދިރިއުޅުން ބިނާވެގެންވާ ވަރަށް ބޮޑެތި މައްސަލަތަކެވެ. ނުރަނގަޅު ޙުކުމެއް ނެރެވިއްޖެ ނަމަ މުޅި ޢާއިލާ ތެރޭގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފާނެ ކަމެކެވެ. އެހެންކަމުން އެއީ ކުޑަކަމެއް ކަމަށް ހަދައިގެން ނުވާނެއެވެ.

ކައިވެނި ރޫޅި ދަރިންތަކެއް ނިކަމެތިވެގެންވެސް ހިނގައިދާނެއެވެ. ވީމާ ޢާއިލީ މައްސަލަތަކުގެ ތެރެއިންވެސް ދެމަފިރިންގެ މައްސަލަތަކުގައި ވަކިންބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެހެނީ ކައިވެނި ރޫޅެން މެދުވެރިވުމަކީ ލިބޭނެ އެންމެ ބޮޑު ނިކަމެތިކަންކަމުގައިވާތީއެވެ. 

ޢާއިލާއަށް ލިބޭ ގެއްލުން ފޫބެއްދުމަކީ ފަސޭހަކަމަކަށް ނުވެއެވެ. މާފުކުރުމަކީ ކިތަންމެ ރަނގަޅު ސިފައެއް ނަމަވެސް އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް ނަމަވެސް މާފުކުރުމަކީ ގިނަ ބައަކަށް މިއަދު އެހައި ފަސޭހަ ކަމެއް ނޫނެވެ. ވީމާ ކިތަންމެ ކުޑަ ރެނދެއްލީ ނަމަވެސް ގިނަ ފަހަރު އެ ރެނދު ފޭވެ ބެއްދުން އޮންނަނީ ފަސޭހަ ކަމަކަށް ނުވެފައެވެ. 

ޢާއިލީ ކަމެއްގައި ނަމަވެސް މީހަކަށް ލަފައެއް ދިން ނަމަވެސް ޙުކުމެއް ކުރި ނަމަވެސް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. އެކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ނުވަތަ އުފެދިދާނެ ހަމަނުޖެހުމަކާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! ވީމާ ބަހެއް ބުނަން އުނދަގޫވާ ހާލަތުގައި ހަނުހުންނާށެވެ! އެގޮތް މާރަނގަޅެވެ.  

ހަމަ އެއާއިއެކު ލަފައެއް ދިނުމުން ލަފާ ޤަބޫލު ނުކުރާނެ ނަމަ ލަފައަށް ނުއެދޭށެވެ! ލަފައަށް އެދެން ޖެހޭނީ ލަފާ ލިބުމުން ޤަބޫލުކޮށް އަމަލުކުރާނެ ނަމައެވެ. މާނައަކީ ލަފައަށް އެދެން ޖެހޭނީ ތިމާ އެވަރަށް އިތުބާރުކުރެވޭ މީހުންގެ ގާތުން ކަމެވެ. 

ޢާއިލީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ ލަފައަކަށް ގިނަ ބައަކު އެދެއެވެ. އަދި ކަން ނިންމަން އެންމެ ރަނގަޅު ގޮތުގެ ޙުކުމަކަށްވެސް އެދެއެވެ. އެ ހާލަތުގައި ލަފައެއް ދިނުމާއި ޙުކުމެއް ކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. 

އެކަކު ބުނާ ބުނުމެއްގެ މައްޗަށް ލަފައެއް ދޭނަމަ އަހަރެން އަބަދުވެސް ބުނަމެވެ. މިލަފާ މިދެނީ ތިބާ ބުނެފައިވާ ބުނުންތަކަކީ ޙަޤީޤަތަކަށް ވެދާނެ ކަމަށް ބަލައިގެންނެވެ. ހަޤީޤަތަކަށް ނުވާނަމަ މިއީ ބާޠިލް ލަފައެކެވެ. އަދި މިއީ ޙުކުމެއް ނޫނެވެ. ހަމައެކަނި ލަފައެކެވެ. ލަފައާއި ޙުކުމަކީ މުޅިން ތަފާތު ދެ އެއްޗެކެވެ.

އިސްވެ ބަޔާންކުރި ސަބަބުތަކަށްޓަކައި ޢާއިލީ މައްސަލަތަކުގައި ލަފާދީ ފާޑުކިޔައި ޙުކުމް އިއްވުން ނުވަތަ ގޮތް ކަނޑައެޅުމަކީ ޤިޞާޞް ހިފުމުގެ މައްސަލަތައް ފިޔަވައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ. ހަމައެއާއިއެކު ޢާއިލީ މައްސަލަތަކުގައި އަބަދުވެސް އެންމެ ބޮޑަށް އިސްކަންދޭންޖެހޭނީ މަޞްލަޙަތަށެވެ. ޢާއިލީ ގުޅުންތައް ޙިމާޔަތްކުރެވޭނެ ގޮތަކަށެވެ. 

ޢާއިލީ މައްސަލަތަކުގައި ލަފާދޭންވާނީ ކަންކަމުގެ ތަޖުރިބާހުރި މީހުންނެވެ. ތަޤްވާވެރިންނެވެ. އެއީ ކޮންމެކޮންމެ މީހަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. ލަފާހޯދަންޖެހޭނީވެސް ތަޤްވާވެރި، އެކަމެއްގެ ތަޖުރިބާހުރި ހެޔޮލަފާ މީހުންގެ ކިބައިންނެވެ.  

މިހައިވަރަށް މިވާހަކަ ދައްކަން މިޖެހެނީ މިބަޔާންކުރި ކަންކަމަށް ނުވިސްނުމުން ޢާއިލާތަކުގެ ގުޅުން ކެނޑި، ޢާއިލާތައް ރޫޅި މުޖުތަމައުގައި ބޮޑެތި މައްސަލަތައް އުފެދެމުން އަންނާތީއެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން