އުފަލުން ހޭން ބޭނުންމީހާއަށް އޮތީ ދަތިޙާލުގަވެސް ﷲ ތަޢާލާގެ މަގުގަ ސާބިތުވުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އުފަލުން ހޭން ބޭނުންމީހާއަށް އޮތީ ދަތިޙާލުގަވެސް ﷲ ތަޢާލާގެ މަގުގަ ސާބިތުވުން!: މުފްތީ މެންކް

ކިތަންމެ ހިތްދަތި ހާލަތެއް ކުރިމަތިވިނަމަވެސް އަދި ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނު ނަމަވެސް މުޞީބާތަކުން އަރައިގަތުމަށްޓަކައި ދަތުރުގެ މަގު ކުރުކޮށްނުލާށެވެ! މަގު ދިގުވި ނަމަވެސް ސީދާ މަގުން ކުރިއަށްދާށެވެ!

ސީދާ މަގުން ކުރިއަށް ދާން އަބަދުވެސް އުނދަގޫތައް ކުރިމަތިވާނެއެވެ. ތަކްލީފްތައް ކުރިމަތިވާނެއެވެ. އެކަންކަމަށް ކެތްތެރިވެއްޖެ ނަމަ އުނދަގުލުން ނަމަވެސް ނުކުމެވޭނީ ސަލާމަތުގެ އައްސޭރިއަށެވެ. ޙަޤީޤީ އުފާވެރިކަން ލިބޭނެ މަންޒިލަށެވެ!

މާނައަކީ ކުރިމަތިވާ އެއްވެސް ކަމަކުން އަރައިގަތުމަށްޓަކައި ޙައްޤު ނޫން މަގު އިޚްތިޔާރު ނުކުރާށެވެ! ނުކައި ނިދަން ޖެހުނު ނަމަވެސް ޙަލާލު ނޫން އެއްޗެއް ބަނޑަށް ނުލާށެވެ! ލިބެން އޮތް ގެއްލުން ކިތަންމެ ބޮޑު ނަމަވެސް ދުލުން ތެދެއް ނޫނީ ނުބުނާށެވެ! ކިތަންމެ ބޮޑަކަށް ވަރުބަލިވެފައި ހުރި ނަމަވެސް ނަމާދުތައް ފުރިހަމަނުކޮށް ނުނިދާށެވެ! ސަލާމަތްކަން ލިބުން އޮތީ އެގޮތަށް އަމަލުކޮށްގެންނެވެ.

މިސާލަކަށް ބުނާނަމަ ދަތިޙާލެއްގައި އުޅެން ޖެހުނު ނަމަވެސް ގުނަވަނެއްގައި ރިއްސި ނަމަވެސް އެކަން މެދުވެރިވުމަށް ފައިދާ ހުރި ސަބަބެއް އޮންނާނެއެވެ. ކަމަކުން މޮޅު ނުވިނަމަވެސް، ކުރަން އުޅުނު ކަމެއް ކާމިޔާބުނުކުރެވުނު ނަމަވެސް އެކަންކަން އެގޮތަށް މެދުވެރިވުމަށް ވެސް ފައިދާ ހުރި ސަބަބެއް އޮންނާނެއެވެ.

ޔަޤީންކުރަންވީ ދުނިޔަވީ ޙަޔާތަކީ މުޞީބާތްތަކުން ފުރިގެންވާ ދުވަސްތަކެއް ކަމެވެ. ކޮންމެ މުޞީބާތަކީވެސް ކުރިމަތި ކުރައްވަވާ އިމްތިޙާނެއް ކަމެވެ. ކޮންމެ އިމްތިހާނަކުން ވެސް ފާސްވެއްޖެ ނަމަ އިތުރު ކުރިއެރުން ލިބޭނެ ކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން