މީހުންގެ ކިބައިން ސަލާން ޖަހަން ފެށުމުގެ ކުރިން ދަމުނަމާދުކޮށް ސަޖިދައިގައި ﷲ ތަޢަލާއަށް ދަންނަވައިބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
މީހުންގެ ކިބައިން ސަލާން ޖަހަން ފެށުމުގެ ކުރިން ދަމުނަމާދުކޮށް ސަޖިދައިގައި ﷲ ތަޢަލާއަށް ދަންނަވައިބަލާށެވެ!

ބައެއް މީހުންގެ ކުރިމަތީގައި ދަމު ނަމާދުކުރުމަކީ ވަރަށް ދަތި އުނދަގޫ ކަމެކެވެ. ނަމަވެސް އެއީ އެހައި ދަތި އުނދަގޫކަމެއް ނޫނެވެ. އެހެނީ ފަތިސް ނަމާދުގެ ޖަމާއަތަށް ހޭލާ މީހާ އިތުރު 15 ނުވަތަ 30 ވަރަކަށް މިނިޓް ކުރިން ހޭލައިފިނަމަ ދަމު ނަމާދުކުރެވޭނެތީއެވެ.

 

ފަރުޟު ނަމާދުތައް އަހަރެމެން މިކުރަނީ މަސައްކަތުގައި ނުވަތަ އެހެން ކަންކަމުގައި އުޅެމުންނެވެ. ގިނަ ފަހަރަށް ވަރަށް ވަރުބަލިވެގެން ވެސް ހުރެއެވެ. އެހެންކަމުން ގިނަ މީހުންނަށް ޖެހެނީ ވަރަށް އަވަސް އަވަސްކޮށްލައިގެން ނަމާދު ނިންމާލާފައި މިސްކިތުން ފައިބާށެވެ!

 

ދަމު ނަމާދު ކުރަނީ ރޭގަނޑުން ބައެއްގައި ނިދުމަށްފަހު ހޭލައެވެ. އެހެންކަމުން މީހާ ހުންނާނީ ވަރަށް ތާޒާކަންމަތީގައެވެ. ސިކުނޑީގައި ވެސް މާގިނަ ކަންތައްތަކެއް ހުންނާނެއެވެ. ވީމާ ނަމާދަށް ދޭންޖެހޭ ސަމާލުކަންވެސް އިތުރަށް ދެވޭނެއެވެ.

 

ދަމު ނަމާދަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މުހިންމުކަން ބޮޑު ނަމާދުކަން އެނގޭ ސަބަބުތައް އެބަހުއްޓެވެ. ދަމު ނަމާދު ނުކުރާ މުސްލިމުންނާއި ދަމު ނަމާދުކުރާ މުސްލިމުންގެ ދަރަޖަ އެއް ގޮތްވާނެ އެއްވެސް ގޮތެއް ނެތްކަން އެނގެން އޮތުމުންނެވެ. 

 

ކޮންމެ މީހަކަށް އެންމެ ބޭނުންވާނެ އެއްކަމަކީ އަރާމު ނިންޖެވެ. ފުރަތަމަ ކަމަކަށް ދަމު ނަމާދަށް ހޭލާ މީހާ އޭނާގެ އަރާމު ނިދި އެބަ ޤްރްބާން ކުރެއެވެ. ﷲ ތައާލާއަށްޓަކައެވެ. ﷲ ތަޢާލާ އާއި ކުއްތަން ވުމަށެވެ. ﷲ ތަޢާލާގެ ރުއްސެވުމަށް އެދިއެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދިއެވެ. އެދޭ ކަންކަން ހިއްމަވައި ދެއްވެވުން އެދިއެވެ.

 

ދަމު ނަމާދުކުރަނީ ﷲ ތޢާލާ 3 ވަނަ އުޑަށް ފައިބައިވަޑައިގެން "އެކަލާނގެ  ރަޙްމަތްފުޅަށް އެދި ދަންނަވަނީ ކޮންބައެއްތޯ" ސުވާލުކުރައްވަވާ ވަގުތުގައެވެ. ވީމާ އެ ފުރުޞަތުގެ ބޭނުން ހިފާށެވެ! ތިމާއަށް ބޭނުންވެގެން ހުރި ކަންކަމުގެ ވާހަކަ ﷲ ތަޢާލާއަށް ދަންނަވާށެވެ. ދުޢާކުރާށެވެ!

 

މީސްތަކުންގެ ކިބައިން ކަންކަމަށް އެދުމަކީ ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. ވީމާ ބޮޑުވެފައިވާ ކަންކަމުގެ ވާހަކަ އެންމެ ފުރަތަމަ ދަންނަވަންވީ ވެސް ﷲ ތަޢާލާއަށެވެ. ޢާއިލީ ކަމެއްގައި ނަމަވެސް، ވަޒީފާއެއް ނުލިބިގެން ނަމަވެސް އަދި މާލީ ފުދުންތެރިކަމަކަށް އެދިވެސް އަދި ބަލިމަޑުކަމަކުން ޝިފާއަށް އެދުން ފަދަ ކޮންމެ ކަމެއްގައި ނަމަވެސް މެއެވެ.

 

އެކަމަށް އެންމެ ރަނގަޅު ފުރުޞަތަކީ ދަމު ނަމާދު ކަމުގައި އަހަރެން ޤަބޫލުކުރަމެވެ. ސަޖިދައިގައިވެސް ދުޢާކުރާށެވެ! ނަމާދު ނިމިގެންވެސް ދުޢާކުރާށެވެ! ކޮންމެ ބަހަކުން ކުރި ނަމަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އައްސަވައި ވޮޑިގެންވެއެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން