ފުރާނަ ހިއްޕެވުމުގެ ކުރިން ބައިވަރު އިންޒާރުތައް ދެއްވަވައެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ފުރާނަ ހިއްޕެވުމުގެ ކުރިން ބައިވަރު އިންޒާރުތައް ދެއްވަވައެވެ!: މުފްތީ މެންކް

އުމުރުން 40 އަހަރުވުމަށްފަހު ހަށިގަނޑަށް ބަދަލުތައް އަންނަން ފަށައެވެ. ބަލިކަށިވާން ފަށައެވެ. އިސްތަށީގެ ކުލަ ބަދަލުވާން ފަށައެވެ. އެއީ ވަރަށް ބޮޑު ނިޢްމަތެކެވެ. އެހެނީ އެއީ ޢުމުރުގެ ފަހުކޮޅަށް އެޅިއްޖެ ކަމާއި ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމުގެ އިންޒާރުތަކެވެ. މަރަށް ތައްޔާރުވުމަށް ދެއްވަވާ އިންޒާރުތަކެވެ.

ނަމަވެސް މަދު މީހަކަށް ނޫނީ އެކަންކަން ޤަބޫލެއް ނުކުރެވެއެވެ. ޢަމަލުތައް އިޞްލާޙެއް ނުކުރެވެއެވެ. އަޅުކަންކުރުން ގިނައެއް ނުކުރެވެއެވެ. ފާފަކުރުން މަދެއް ނުކުރެވެއެވެ. އެހެންކަމާއިއެކުވެސް މަރުވުމުން ސުވަރުގެ ބޭނުން ކަމަށްވެސް އެބަ ބުނެއެވެ.

ޒުވާން އުމުރުގައިވެސް ޙަޔާތުގެ ދުވަސްތައް ހޭދަކުރަން ޖެހޭނީ ﷲ ތަޢާލާ އެންގެވި ގޮތުގައެވެ. ފާފަކުރާނަމަ އެކަމަށް ދެއްވަވަން ހުރި ޢަޛާބް ދެއްވަވާނެތެވެ. އެހެންކަމާއިއެކު ވެސް ޢުމުރުން ދުވަސްވުމުން ވެސް ފާފަކުރަމުން ގެންދާނަމަ ދެއްވަވާނެ ޢަޛާބުގެ ބޮޑުކަމަށް ބިރުވެތިވާށެވެ! މަރުގާތްވާކަމުގެ އިންޒާރު ލިބި ބިރުވެތިނުވާ މީހުންނަށް ހުރި ނުރައްކަލުގެ ބޮޑުކާއެވެ!

ވިސްނައިލާށެވެ! ތިބާ ދަނީ ޗުއްޓީ ހޭދަކޮށްލާށެވެ! އަގު އަދާނުކޮށް އެއްވެސް ޚިދުމަތެއް ލިބޭ ހެއްޔެވެ؟ އެހެންކަމަށްވާއިރު މަރުވުމުން ލިބެން ހުރި ނިޢްމަތްތައް ހޯދަން ކުރަންޖެހޭ މަސައްކަތް ނުކޮށް އެ ނިޢްމަތްތައް ހޯދޭނީ ކިހިނަކުންހެއްޔެވެ؟

އަހަރެމެން ކޮންމެ މީހަކުވެސް ބޮޑުވެފައި މިތިބީ އެންމެ ތުއްތު އިރުގެ ހަޔާތް ވޭތިކުރުމަށްފަހުގައެވެ. އެދުވަސްތަކުގައި އަހަރެމެން ކައި ބޮއި އަދި އަންނައުނު ހޯދީ އަމިއްލައަށް ހެއްޔެވެ؟ ނޫން ނަމަ މައިން ބަފައިން ނުވަތަ އެނޫންވެސް މީހަކު ދިނުމުން ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތެވެ. ކޮންމެވެސް ގޮތަކުން ﷲ ތަޢާލާ ދެއްވެވުމުންނެވެ.

އިންސާނުންނަކީ ކިތަންމެ ބޮޑުވެފައި ވަރުގަދަ ނަމަވެސް ވަރަށް ބަލިކަށި ބައެކެވެ. އެންމެ އާދައިގެ އަރިދަފުސް ރޯގާއެއް ޖެހުނު ނަމަވެސް މިއުޅެނީ ކެތްކޮށް ނުލެވިގެންނެވެ. ކިތަންމެ ކުޑަ ތަންކޮޅެއްގައި ރިއްސައިލި ނަމަވެސް މިއުޅެނީ އަޅާ ވޭނަށް ކެތް ނުކުރެވިގެނެނެވެ. އެ ހާލަތު މެދުވެރި ކުރައްވަވަނީ އިންސާނުންނަކީ އެއްވެސް އާރެއް ބާރެއް ނެތް ބަލިކަށި ބައެއްކަން މީސްތަކުންނަށް ހަނދާން ކޮށް ދެއްވެވުމަށެވެ.

ނަމަވެސް ކަންކަން މިވަނީ ކިހިނަކުން ހެއްޔެވެ؟ ކިރިޔާ ގައިގަ ބާރެއް ޖެހިލާއިރަށް ކުޑައިރު ކާން ބޯންދީ އުނު އަންނައުނުދީ އަދި ފެންވަރުވައިދީ އަދި އެހެން ކަންކަން ކޮށްދިން މައިން ބަފައިން ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަނެއް ނުކުރެވެއެވެ. އެ ނިޢްމަތްތައް މިންވަރުކޮށްދެއްވެވެވި ﷲ ތަޢާލާއަށް ޝުކުރުވެރިއެއް ނުވެވެއެވެ. ޤަބޫލުކުރެވިފައި އޮންނަނީ ބޮޑުވެ ހުރިހާ ބާރެއް މިހޯދީ އަމިއްލަ ކުޅަދާނަކަމުން ކަމަށެވެ.

މީސްތަކުންނޭވެ! ވިސްނުން ބަދަލުކުރާށެވެ! ﷲ ތައާލާއަށް ޝުކުރުވެރިވުން ދޫކޮށްނުލާށެވެ! މައިންބަފައިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! ހަމަ އެއާއިއެކު ތިމާއަށްވުރެ ނިކަމެތިންނަށް އަޅާލައި އެހީތެރިވުން ހުއްޓައިނުލާށެވެ! ﷲ ތަޢާލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! ވެވެން އޮތް ވަރަކުން ޞަދަޤާތްކުރުން ވެސް ގިނަކުރާށެވެ! ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ އެއީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން