މި ޙަދިޘްފުޅުގެ އަޑު އިވޭކަމަށް ނުހަދާ، މިޙަދީޘްފުޅަށް ޢަމަލުނުކޮށް ގެއަށް ބަރަކާތް ވައްދާނީ ކިހިނެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 1ސ
މި ޙަދިޘްފުޅުގެ އަޑު އިވޭކަމަށް ނުހަދާ، މިޙަދީޘްފުޅަށް ޢަމަލުނުކޮށް ގެއަށް ބަރަކާތް ވައްދާނީ ކިހިނެއްތޯ؟

އަބަދުހެން މިދެއްކެނީ ކޮންމެވެސް މުޞީބާތެއް ކުރިމަތިވެގެން އުޅޭ ވާހަކަތަކެވެ. ގެއަށް ރިޒްޤް ވަނުން މަދުވުމާ، ކޮންމެވެސް މީހަކު/ ބައަކު ބަލިވެ އުޅުމާއި ދެބަސްވެ އަރައިރުންވުމާއި އެފަދަ ކޮންމެވެސް ކަންތައްތަކެއް ގެއަށް ވަދެގެން އުޅޭ ވާހަކަތަކެވެ.

ދެމީހަކު އެއްވެއްޖެނަމަ ދައްކަނީ ސަރުކާރުން ކޮންމެވެސް މުންކަރާތްތަކެއް މަނާނުކުރާ ވާހަކަތަކެވެ. ކޮންމެވެސް މީހެއްގެ ގޭގައި މުންކަރާތްތައް ހިންގާ ވާހަކަތަކެވެ. މިފަދަ ވާހަކަތައް ދައްކާއިރު އަމިއްލަ ގެދޮރުގައި މުންކަރާތައް ހިންގުން ނަހީކުރަނީ މަދު މީހެކެވެ. އެމީހެއްގެ ބެލެހެއްޓުމުގެދަށުގައި ތިބި މީހުން މުންކަރާތްތަކުން ދުރުކުރަން މަސައްކަތްކުރެވެނީ މަދު މީހަކަށެވެ.

އެއްވެސް މީހަކު މުންކަރާތްތައް މަނާނުކުރާނަމަ އެއީ ކަންބޮޑުވާންޖެހޭނެ ކަމެކެވެ. ނަމަވެސް ފުރަތަމަ އޮތީ ތިމާ މުންކަރާތްތަކުން ދުރުހެލިވުމެވެ. ތިމާ އެފަދަ ކަންކަން ނަހީކުރަންޖެހޭ މީހުންނަށް އަމުރުކުރުމެވެ. އަމިއްލަ ގެދޮރު މުންކަރާތްތަކުން ސަލާމަތްކުރުމެވެ. ނޫންނަމަ ހަމަ ތިމާއަށްވެސް އަދި ތިމާގެ ގެދޮރަށްވެސް ﷲ ތަޢާލާގެ ކޯފާ ލައްވަވައިފާނެކަމަށް ބިރުވެތިވުމެވެ.

އަމިއްލަ ޢާއިލާގެ މީހުން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ. ބަލަން ނުވާ މަންޒަރުތައް ދައްކާ ޓީވީ ޗެނެލްތައް ބެލުން މަނާކުރާށެވެ! ނަމާދުކުރާކަން ޔަޤީންކުރާށެވެ! ޤުރްއާން ކިޔަވައި ޛިކުރުކުރާކަންވެސް ޔަޤީންކުރާށެވެ! މި ޙަދީޘްފުޅަށް ބިރުވެތިވެވުނުކަމަށްވާނީ އެއިރުންނެވެ.

ރަސޫލް ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

( وَالَّذِي نَفْسِي بِيَدِهِ لَتَأْمُرُنَّ بِالْمَعْرُوْفِ،وَلَتَنْهَوُنَّ عَنِ الْمُنْكَرِ، أَوْ لَيُوْشِكَنَّ اللّٰهُ أَنْ يَبْعَثَ عَلَيْكُمْ عِقَابًا مِنْهُ،ثُمَّ تَدْعُوْنَهُ فَلَا يُسْتَجَابُ لَكُمْ. -رَوَاهُ التِّرْمِذِيٌّ وَقَالَ:حَدِيْثٌ حَسَنٌ.

މާނައީ: "ތިމަން ކަލޭގެފާނުގެ ފުރާނަފުޅު އެކަލާނގެ އަތްޕުޅުގައިވާ މާތް ރަސްކަލާނގެ ޛާތުފުޅު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިއަބައިމީހުން ހެޔޮ ކަންތަކަށް އަމުރުކުރާ ހުށިކަމެވެ. އަދި މުންކަރާތް ނަހީކުރާ ހުށިކަމެވެ. އެހެންނޫން ނަމަ، ހަމަކަށަވަރުން، الله ގެ ޙަޟްރަތުން ތިއަބައިމީހުންގެ މައްޗަށް ކޯފާއެއް ބާވައި ނުލައްވައި ނުދާހުއްޓެވެ. އެއަށްފަހު ތިއަބައިމީހުން އެކަލާނގެ ޙަޟުރަތަށް ދުޢާ ދެންނެވުމުން ފަހެ، އެހައިރުން ތިއަބައިމީހުންގެ ދުޢާ އިޖާބައެއް ނުކުރެއްވޭ ހުއްޓެވެ."

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން